16 Aug 2023, 12:45
ކްރިޕްޓޯ އާއި ވެބް3 ކުރިއެރުވުމަށް އިންޑިއާ އާއި ސިންގަޕޫރުގެ ޓެކް ދާއިރާގެ ދެ ކުންފުންޏަކުން މަސައްކަތް ފަށައިފިއެވެ.
ކްރިޕްޓޯ އާއި ވެބް3ގެ ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރުމަށް އިންޑިއާގެ ބާރަތު ވެބް3 އެސޯސިއޭޝަން (ބީޑަބްލިއުއޭ) އާއި ބްލޮކްޗެއިން އެސޯސިއޭޝަން ސިންގަޕޫރު (ބީއޭއެސް) ވަނީ މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެމްއޯޔޫގެ ދަށުން ދެ ގްރޫޕުން ވެސް ވެބް3 އާ ބެހޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ވޯކްޝޮޕްތަކާއި އެކްސްޕޯތަކުގެ އިތުރުން ތައުލީމީ ކޮންފަރެންސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބޭނުމަކީ ވެބް3 ކޮމިއުނިޓީގެ މެމްބަރުންނަށް މި ސިނާއަތުގެ ފައިދާއާއި ގެއްލުން އަންގައި ދިނުމެވެ.
އިންޓަނެޓްގެ ދެން އަންނަ މަރުހަލާގައި ދުނިޔެއަށް ތަޢާރަފްވާނެ، ވެބް3 ޚިދުމަތުގައި ބަރޯސާވަނީ ކޮންވެންޝަނަލް ސާވާތަކުގެ ބަދަލުގައި ބްލޮކްޗެއިން ނެޓްވޯކްތަކަށެވެ.
މި އެމްއޯޔޫގެ ދަށުން ބްލޮކްޗެއިން ދާއިރާ ކުރިއެރުވުމަށް އިންޑިއާ އާއި ސިންގަޕޫރުގެ ތަޖުރިބާ އާއި ވަސީލަތްތައް ބޭނުންކޮށްގެން ދެ ކުންފުނިން މަސައްކަތް ކުރާނެއެވެ.
"ކުންފުނިތަކުގެ ވިސްނުން ހުރީ ތޯޓް ލީޑާޝިޕް އިނީޝިއޭޓިވްސްގައި އެއްބާރުލުން ދީ، ބްލޮކްޗެއިން ސްޕޭސްގައި ބެސްޓް ޕްރެކްޓިސްތައް ހިއްސާކުރުމަށް. އެ ދެ ކުންފުނީގެ ތަޖުރިބާ އާއި އިލްމާއި ވަސީލަތްތައް އެއްކޮށްގެން ދެބައި މީހުންގެ އަމާޒަކީ ސިންގަޕޫރާއި އިންޑިއާގައި ބްލޮކްޗެއިން ޓެކްނޮލޮޖީ ތަރައްގީކޮށް އެޑޮޕްޓް ކުރުން ކުރިއަށް ގެންދިއުން،" ބީޑަބްލިއުއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގައި ތައާރަފުކުރި ބާރަތު ވެބް3 އެސޯސިއޭޝަން (ބީޑަބްލިއުއޭ)ގައި ޕޮލިގޯން، ކޮއިންޑީސީއެކްސް، ކޮއިންސްވިޗް ކުބާ، ވަޒީރުއެކްސް، ޒެބްޕޭ އަދި ހައިކް ފަދަ ކުންފުނިތަކުން އެ މީހުންގެ ޓްރޭޑްތައް ހިންގައެވެ.
ސިންގަޕޫރުގެ ކްރިޕްޓޯ އެޑްވޮކޭސީ ގްރޫޕަށް ބަލާއިރު، ބީއޭއެސް ތައާރަފްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މިއީ ހުއޯބީ ގްރޫޕުން 2018 ވަނަ އަހަރު ތައާރަފުކުރި ބްލޮކްޗެއިން އެންޑް ކްރިޕްޓޯކަރަންސީ އެޑިއުކޭޝަން ޕްލެޓްފޯމެއް ކަމަށްވާ ހުއޯބީ ޔުނިވާސިޓީން ހިންގާ ޕްރޮގްރާމެކެވެ.
މިހާރު ޖީ-20 ގްރޫޕުގެ އެންމެ ކުރީގައި އޮތް އިންޑިއާއިން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ކްރިޕްޓޯ އުސޫލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.