ޗައިނާގެ އަމިއްލަ ކުންފުންޏަކުން ދުނިޔޭގެ ފުރަތަމަ މީތޭން ލިކުއިޑް އޮކްސިޖަން ރޮކެޓް އޯބިޓަށް ފޮނުވާލައިފި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

މިއީ ޗައިނާގައި ޖައްވީ ދާއިރާގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފެށި އެއް ކުންފުނި ކަމަށްވާ ލޭންޑްސްޕޭސްއިން ޒުކް-2 ލޯންޗް ކުރުމަށް ކުރި ދެވަނަ މަސައްކަތެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް ޒުކް-2 ލޯންޗް ކުރަން މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވިއެވެ.

ލޭންޑްސްޕޭސްގެ މި ކާމިޔާބީއާއެކު ޗައިނާ އޮތީ އީލޯން މަސްކްގެ ސްޕޭސް އެކްސް އާއި ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން ފަދަ ވާދަވެރިންނަށް ވުރެ ކުރީގައިކަމަށް ގިނަޔަބަކު ދަނީ ބުނަމުންނެވެ. އަދި 2030 ވަނަ އަހަރު ހަނދަށް ދެ ރޮކެޓް ފޮނުވާލުމުގެ ވިސްނުން ޗައިނާއިން އިއުލާނުކޮށްފައިވާއިރު، މި ކާމިޔާބީ އަކީ އެގައުމުގެ އެ ވިސްނުން އިތުރަށް ފުޅާކުރުމަށް ލިބިގެންދިޔަ ހިތްވަރެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ހަނދަން ފޮނުވާލުމަށް ތައްޔާރުވަމުންދާ ދެ ރޮކެޓުގެ ތެރެއިން އެއް ރޮކެޓުން އުފުލާނީ ހަނދުގައި ޖައްސާ އުޅަނދެވެ. އަދި އަނެއް ރޮކެޓުން އުފުލާނީ އެސްޓްރޮނޯޓުންނެވެ.

މި ދެ ރޮކެޓް ވެސް ހަނދުގެ އޯބިޓަށް ވަންނާނެ ކަމަށާއި ކާމިޔާބު ޑޮކިންއަކަށް ފަހު ޗައިނާގެ އެސްޓްރޮނޯޓުން ހަނދުގެ ބިމަށް ފައިބާނެ ކަމަށް ޗައިނާގެ އިންސާނީ ސްޕޭސް އެޖެންސީގެ އިންޖިނިއަރަކާ ހަވާލާދީ ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.

ޗައިނާގެ އެސްޓްރޮނޯޓުން އެމީހުންގެ ސައިންޓިފިކް މަސައްކަތްތައް ނިންމައި، ހަނދުން ސާމްޕަލް ނެގުމުން، ހަނދުގައި ޖައްސާފައިވާ އުޅަނދުން އެސްޓްރޮނޯޓުން އަނބުރާ ޖައްވީ އުޅަނދަށް ގެންދާނެއެވެ.

އެ ޖައްވީ އުޅަނދުގައި އެމީހުން އެނބުރި ދުނިޔެއަށް ގެންނާނެ ކަމަށް ޗައިނާއިން ބުނެއެވެ.

ދެހާސްވިހި ވަނަ އަހަރު ޗައިނާއިން ހަނދުން ނެގި ސާމްޕަލްތައް އަނބުރާ ގެނެސްފައި ވަނީ ކްރޫއަކާ ނުލައި ދިޔަ މިޝަނެއްގައެވެ. އެގައުމަކީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންއަށް ފަހު ހަނދުގެ ސާމްޕަލް ނެގި ތިން ވަނަ ގައުމެވެ.

ލޭންޑްސްޕޭސްގެ މީތޭން ލިކުއިޑް އޮކްސިޖަން ރޮކެޓަކީ ތަޣައްޔަރުވާ މިންވަރު މަދު، ރައްކާތެރި، އަގުހެޔޮ އަދި އަލުން ބޭނުންކުރެވޭ ރޮކެޓެކެވެ.