14 Jul 2023, 10:50
އެމެރިކާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ލިޔުންތެރިންގެ ހައްގުތައް ގާއިމުކުރުމަށް ބޮޑެތި ޕްރޮޑަކްޝަންތަކުން ދެކޮޅު ހެދުމުން ހޮލީވުޑްގެ އެކްޓަރުންވެސް ހަޅުތާލަށް ނިކުމެއްޖެއެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ރައިޓާސް ސްޓްރައިކް ނުވަތަ ލިޔުންތެރިންގެ ހަޅުތާލާ ގުޅިގެން ގިނަ އުފެއްދުންތަކެއްގެ މަސައްކަތް އަންނަނީ މެދު ކަނޑާލަމުންނެވެ.
އެމެރިކާގެ ރައިޓާސް ގިލްޑް (ޑަބްލިއުޖީއޭ) އިން އަންނަނީ ލިޔުންތެރިންނަށް މުސާރަ ލިބުމުގެ މައްސަލައިގައި މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަޅުލާތު ކުރަމުންނެވެ. ޓީވީ ޝޯތަކާއި ފިލްމުތަކުގައި މަސައްކަތް ކުރާ ލިޔުންތެރިންނަށް އެކަށީގެންވާ އުޖޫރާ ނުދިނުމާ ގުޅިގެން މި ހަޅުލާތު ފަށާފައިވާއިރު އެކަމާ ގުޅިގެން އެތައް ބައެއް އަންނަނީ މަސައްކަތްތައް ހުއްޓައިލަމުންނެވެ.
މައްސަލަ ހޫނު ވެފައިވާއިރު ބޮޑެތި ސްޓްރީމިން ސާވިސްތަކާއި ޕްރޮޑަކްޝަން ކުންފުނިތަކުން އަދިވެސް މައްސަލައަށް ވަނީ ބީރު ކަންފަތެއް ދީފައެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް އެކްޓަރުންގެ ޔޫނިއަނެއް ކަމަށްވާ ސަގަފްޓްރާ އިން ވަނީ މި ކުންފުނި ތަކާ ބައްދަލުކޮށްފައެވެ. ނަމަވެސް އެދެވޭ ހައްލެއް ލިބިފައި ނުވާތީ މި ޔޫނިއަނުން ވެސް ވަނީ ހަޅުތާލަށް ނިކުންނަން ނިންމާފައެވެ.
މި ނިންމުމާއެކު ޔޫނިއަންގައި ހިމެނޭ 160،000 އެއްހާ އެކްޓަަރުން ހަޅުތާލުގައި ބައިވެރިވާނެއެވެ. މި ހަޅުތާލު ފަށާފައިވަނީ އިއްޔެވެ.
އެކްޓަރުންނާއި ލިޔުންތެރިންތައް ހަޅުތާލަށް ނިކުތުމާއެކު މުޅި ހޮލީވުޑް އެއްކޮށްހެން ހުއްޓޭނެއެވެ. އެއާއެކު ޓީވީ ޝޯތަކާއި ފިލްމުތަކުގައި އުޅޭ ހުރިހާ އެކްޓަރުންނަށް އެއްތަނަށް އެއްވާނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހަޅުތާލުތައް ގޮތެއްް ނުނިމި ކުރިއަށްދާނަމަ މިއަހަރު ނިމެންދެއް ހޮލީވުޑް މަޑު ޖެހޭނެއެވެ. އެއާއެކު ޕްރޮޑަކްޝަންގައި ހުރި ހުރިހާ އުފެއްދުންތަކެއް ހުއްޓޭނެއެވެ.
އެކްޓަރުންނާއި ލިޔުންތެރިން މިފަދަ ހަޅުތާލެއް އެންމެ ފަހުން ކޮށްފައިވަނީ 1980ގައެވެ. އެއީ ހޮލީވުޑްގައި ބޮޑެތި ޕްރޮޑަކްޝަން ކުންފުނިތަކުން އިތުރު ބަޔަކަށް ފިލްމު ނެރުމުގެ ހުއްދަތައް ދީފައި ނުވުމުންނެވެ. އޭރު ފިލްމުތަކާއި ޝޯތައް ދެއްކެނީ އެންމެ ތިން ޕްރޮޑަކްޝަނަކަށެވެ. ހަޅުތާލަށް އެކްޓަރުން ނިކުތުމާއެކު ފިލްމު އިންޑަސްޓްރީ ޑިމޮކްރަޓައިޒް ކުރުމަށް ބޮޑު ފިޔަވަޅަކަށް ވެގެން ދިޔައެވެ.