14 Jul 2023, 10:46
ޓީވީ ޝޯތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ދަ އެމީސް"ގެ ނޯމިނޭޝަންތައް އިއުލާނުކޮށްފިއެވެ.
މިއަހަރުގެ އެމީ ނޯމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި މުޅިންވެސް ހުރީ އެޗްބީއޯގެ ޝޯތަކެވެ. އެގޮތުން އެންމެ ގިނަ ނޯމިނޭޝަނެއް ލިބިފައިވަނީ ދާދިފަހުން ނިންމާލި ޝޯ "ސަކްސެޝަން" އަށެވެ. މި ޝޯ ވަނީ 27 އެވޯޑަކަށް ނޯމިނޭޓް ވެފައެވެ.
ލިސްޓުގެ ދެވަނައިގައި ވެސް އޮތީ އެޗްބީއޯގެ ޝޯއެކެވެ. މިއަހަރު ދައްކަން ފެށި ޝޯއެއް ކަމަށްވާ "ލާސްޓް އޮފް އަސް" އަށް ވަނީ 24 ނޯމިނޭޝަނެއް ލިބިފައެވެ. ތިންވަނަ އަށް އެންމެ ގިނަ ނޯމިނޭޝަން ލިބިފައިވަނީ އެޗްބީއޯގެ "ދަ ވައިޓް ލޮޓަސް" އަށެވެ. މި ޝޯ ވަނީ 23 ނޯމިނޭޝަނެއް ހޯދާފައެވެ.
އެޗްބީއޯއަށް ފަހު ދެން އެންމެ ގިނައިން އެވޯޑު ހޯދާފައިވަނީ އެޕަލް ޓީވީގެ މަގުބޫލު ޝޯ "ޓެޑް ލެސޯ" އެވެ. މި ޝޯ ވަނީ 21 އެވޯޑަކަށް ނޯމިނޭޓް ވެފައެވެ.
އެމީގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޑްރާމާ ޝޯގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޯމިނޭޓް ވެފައިވަނީ ޖެފް ބްރިގްސް އާއި ބްރާޔަން ކޮކްސް އާއި ކީއެރަން ކޯލްކިން އާއި ޕެޑްރޯ ޕާސްކަލްގެ އިތުރުން ޖެރެމީ ސްޓްރޯންގް އަދި ބޮބް އޮޑެންކާކް އެވެ.
ޑްރާމާ ޝޯއަކުން އެންމެ މޮޅު އަންހެން އެކްޓަރުގެ ރޯލަށް ނޯމިނޭޓް ވެފައިވަނީ ޝެރަން ހޯގަން އާއި މެލަނީ ލިންސްކީ އާއި ބެލާ ރާމްޒީ އާއި އެލިޒަބެތު މޮސްގެ އިތުރުން ކެރީ ރަސުލް އަދި ސެރާ ސްނުކް އެވެ.
މިއަހަރުގެ އެމީ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 އަށެވެ.