ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމާ އެކު ކޯލިޝަން ނުހެދި ސަބަބު އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ކިޔައިދެއްވައިފިއެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމާ އެކު ކޯލިޝަން ހަދައިގެން ވެރިކަމަށް އައި ނަމަވެސް 2018ގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން އެއްވެސް ޕާޓީއަކާ އެކު ކޯލިޝަނެއް ނުހަދައެވެ. އަދި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށް އެމްޑީއޭއިން ވަނީ ނިންމާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ހޯއްދަވައިދެއްވުމަށް ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުގައި އެ އަތޮޅު ގުރައިދޫގައި ވާހަކަ ދައްކަވަމުން މައުރޫފް ވަނީ ޕީޕީއެމް ކޯލިޝަން ދަމަހައްޓަން ނުނިންމައި އެމްޑީޕީއާ އެކު ކުރިއަށް ދިއުމަށް ނިންމި ސަބަބުތައް ކިޔައިދެއްވާފައެވެ.

"އަޅުގަނޑުމެން އެދޭ ކަންކަމެއް ނޫން އެއީ ސިޔާސީ ވެރިން ހުރަގެއަށް ލުމަކީ. އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ނޫން އދ. ގުޅުން ކަނޑާލުމަކީ. އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ނޫން ޔޫރަޕިއަން ޔޫނިއަންއާ އޮތް ގާތްކަން ދުރުވެގެން ދިޔުމަކީ. އަޅުގަނޑުމެން އެދޭ ކަމެއް ނޫން ކޮމަންވެލްތުން ވަކިވެގެން ދިޔުމަކީ," މައުރޫފް ވިދާޅުވިއެވެ.

އެ ސަބަބުތަކާ ހެދި ޕީޕީއެމާ އެކު އިތުރަށް ކޯލިޝަން ނުހަދައި މިއަދުގެ ސަރުކާރާ އެކު އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިއުމަށް އެމްޑީއޭއިން ނިންމި ކަމަށް މައުރޫފް ވިދާޅުވިއެވެ. އެމްޑީޕީއާ އެކު ކުރިއަށް ދިއުމަށް ނިންމި ސަބަބުތައް ވެސް މައުރޫފް ވަނީ ކިޔައިދެއްވާފައެވެ.

އެގޮތުން 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް އައުމުން އެ މަނިކުފާނު ވެރިކަން ކުރައްވަމުން ދިޔަ ގޮތް ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ދިޔަކަމަށް މައުރޫފް ވިދާޅުވިއެވެ. ރައީސް ޞާލިހް ކުރައްވަނީ ހެޔޮ ވެރިކަމެއް ތޯ ނުވަތަ އަނިޔާވެރި ވެރިކަމެއް ތޯ ވެސް ބެއްލެވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ފެނިގެން ދިޔައީ ރާއްޖޭގެ އިގްތިސާދު ބިނާކޮށް ރާއްޖޭގެ އެއްވެސް ސިޔާސީ ބޭފުޅަކު ޖަލަށްނުލައި އަދި ވިޔަފާރިވެރިންނަށް އެއްވެސް ދައްޗެއް ނުކޮށް އެ މަނިކުފާނު ވެރިކަން ނިންމަމުން ދާ ތަން," މައުރޫފް ވިދާޅުވިއެވެ.

އެހެން ކަމުން ދެވަނަ ދައުރަކަށް ދާން ރައީސް ޞާލިހް ނޫން އިތުރު ޗޮއިސްއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ޕީޕީއެމްއިން އެމްޑީއޭއާ އެކު މަޝްވަރާ ކުރިކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ, އެ ޕާޓީގެ އެންމެ ބޮޑު އެއް ސުވާލަކަށްވީ ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބަށް ނުކުންނަވާނެ ކެނޑިޑޭޓެއް އޮޅުން ފިލުވައިދެއްވުން ކަމަށެވެ. ސަބަބަކަށް ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ބޭފުޅަކަށް ވާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެނެއް ކަމަކީ އަޅުގަނޑުމެން ބޭނުންމެއް ނުވޭ ދުނިޔޭގެ ނަން ހިނގާ އެއް ބާރު ދެ ބާރު ތިން ބާރު ތެރޭގައި ހިމެނޭ ގައުމެއް އައުޓު ގޮވާކަށް ދުވަހަކު ވެސް ނުކުރާނެ ކަމެއް އެއީ," އޭނާ ވިދާޅުވިއެވެ.