03 May 2012, 09:32
ބެއިޖިންގ (މޭ 3): މިސްރުގެ ވެރިރަށް ޤާހިރާގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވިއްސަށް އަރައިފި އެވެ.
މި ޙަމަލާތައް ހިނގީ ވެރިކަންކުރާ ޢަސްކަރީ މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ދިފާޢީ ވުޒާރާގެ ކައިރީގައި އިޙްތިޖާޖް ކުރަމުން ގެންދިޔަ ބަޔަކަށް، ހަތިޔާރުއެޅިބަޔަކު ބަނޑިން ޙަމަލާދީ އެތައްބަޔަކު މަރާލުމާގުޅިގެންނެވެ. ދިފާޢީ ވުޒާރާ ހުންނަނީ ޤާހިރާގެ އަލްޢައްބާސިއްޔާ ސަރަޙައްދުގަ އެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޢާންމުންގެ އެތައް ސަތޭކަ ބަޔަކު ގެންދިޔައީ ޢަސްކަރީ މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް އަލްޢައްބާސިއްޔާ ސަރަހައްދުގައި ހުންނަ ދިފާޢީ ވުޒާރާގެ ކައިރީގައި އިޙްތިޖާޖް ކުރަމުންނެވެ.
އެމީހުންނަށް ޙަމަލާދިނީ ޢަސްކަރީ މަޖިލީހަށް ތައީދުކުރާ އާންމުންގެ ބައެއްކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ހަތިޔާރުއެޅި މީހުންގެ ޖަރީމާތައް ހުއްޓުވުމަށް މިސްރުގެ ސަލާމަތީ ބާރުތައް މާބޮޑު މަސައްކަތެއް ކޮށްފައިނުވާތީ ސިޔާސީ ފަރާތްތަކުން ވަނީ މިކަމުގެ ފަހަތުގައި ޢަސްކަރީ މަޖިލީހުގެ ނުފޫޒެއް އޮވެދާނެ ކަމަށް ޝައްކުކޮށްފަ އެވެ. ޚަބަރުތައް ބުނާގޮތުން ޢަސްކަރީ މަޖިލީހާ ދެކޮޅަށް އިޙްތިޖާޖް ކުރަމުން ގެންދިޔަ ބަޔަކަށް، ހަތިޔާރުއެޅިބަޔަކު ބަޑިން ޙަމަލާދިނުމުން މިސްރުގެ ސިޔާސީ މަސްރަޙުވަނީ ވަރަށްބޮޑަށް ހަލަބޮލިވެ އެކިފިކުރުތަކުގެ މީހުންގެ މެދުގައިވަނީ ރުޅިވެރިކަން އުފެދިފަ އެވެ.
މިޖަރީމާއާ ދެކޮޅު ހެދުމުގެ ގޮތުން މިސްރުގެ ރިޔާސީ ރޭހަށް ކޭމްޕޭންކުރަމުން ގެންދާ ބައެއް ކެންޑިޑޭޓުން ވަނީ ކޭމްޕޭން މަސައްކަތްތައް ވެސް ހުއްޓާލާފަ އެވެ. މިސްރުގެ އިސް ސިޔާސީ ފަރާތްތަކުން ވަނީ ދިފާޢީ ވުޒާރާގެ ކައިރީގައި ހަތިޔާރު އެޅި ގޮތްނޭނގޭ ބަޔަކު ހިންގީ ޤަތްލު އާންމެއް ކަމަށް ސިފަކޮށްފަ އެވެ. މިއީ މިސްރުގައި ހަމަނުޖެހުން އުފެއްދުމަށާއި ފިތްނައަކަށް މަގުފަހި ކުރުމަށް ބޭރުގެ ބައެއް ފަރާތްތައް އަޑީގައި ތިބެގެން ހިންގި ކަންތައްތަކެއް ކަމަށްވެސް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. (އަލްޢާލަމް)