13 Jul 2023, 16:02
ކ. ގުރައިދޫން، މުޙައްމަދު ނާއިލް ޙަފީޒް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމާޒަކީ އެއްލައްކަ ވޯޓު ހޯއްދެވުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް މާލެ އަތޮޅު ގުރައިދޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި، ގުރައިދޫއަށް ވަޑައިގެން ރައީީސް ވިދާޅުވީ، އިންތިޚާބާ ކުރިމަތިލަނީ އެންމެ ގިނަ މެމްބަރުން ތިބި ކޯލިޝަނާއެކު ކަމަށެވެ.
"މިހާތަނަށް މި ވަރުގެ މެމްބަރުން ގިނަ ކޯލިޝަނެއް ރާއްޖޭގެ ތާރީޚުގައި ހެދިފައެއް ނެތް. އަޅުގަނޑުމެންގެ އަމާޒަކީ އެ ދުވަހު ވޯޓު ލާއިރުގައި އެއްލައްކަ ވޯޓު ހޯދުން. ހަމަކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މާލެ އަތޮޅުގެ އަޣުލަބިއްޔަތު ލިބޭނެކަން ޔަގީންވާ ކަމަށެވެ.
ތަރައްގީގެ ވާހަކަ ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރައްވަމުން އަންނަ މަސައްކަތަކީ އަމާން ރާއްޖެއެއް ރައްޔިތުންނަށް ގެނެސްދިނުން ކަމަށެވެ. އެ މަސައްކަތް ފުރިހަމަ ކުރައްވާނީ ކޯލިޝަންގައި މިހާރު އޮތް އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކުކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ކެމްޕޭނަށް ރައީސް ކ. ގުރައިދޫގައި -- ފޮޓޯ/ އެމްޑީޕީ
ގުރައިދޫއަށް އަލިއަޅުއްވައިިލައްވައި ރައީސް ވިދާޅުވީ ގުރައިދޫގައި އޮތް ބިމުގެ ދަތިކަމަށް ހައްލު ގެނައުމުގެ ގޮތުން ބިން ހިއްކައި މިއަދު ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުން ގޯތި ދޫކުރުމުގެ ބާރު ކައުންސިލްތަކުގެ އަތްމަތީގައި އޮތް މިއަދާ ހަމައަށް އައިރު ވެސް އެ ކަން ނުކުރުމަކީ ދެރަކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ގުރައިދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މި ރަށަކު ނެތް. އަޅުގަނޑު ދަންނަވާނީ އެ ކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ ގެންނަންޖެހޭ ބަދަލެއް ގެނެސް ނަމަވެސް ގާނޫނަށް ބަދަލު ގެނެސް ނަމަވެސް މި ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނަމޭ. ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އަޅުގަނޑުމެން ޖާގައެއް ދޭކަށް ދެން ނެތިން،" ރައީސް ވިދާޅުވިއެވެ.
ގުރައިދޫ ރައްޔިތުންގެ އެދުނު ކަންކަން:
ރަށުގައި ޔޮޓް މެރީނާއެއް އެޅުން
- ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުން
- ބަނދަރު ބޭރު ތޮށި ބޭނުންކުރެވޭހެން ހަދައި ނެރެއް ކެނޑުން
ގުރަައިދޫއަށް ރައީސްގެ ވައުދުތައް:
ފްލެޓާއި ރޯ ހައުސް އަޅައިދިނުން
- ޒުވާނުން ބޭނުންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އަޅައިދިނުން
- އައު ނެރެއް ކަނޑައިދިނުން
ރިޔާސީ ކެމްޕޭނަށް ގުރައިދޫ ދާއިރާއަށް އެ މަނިކުފާނު މިއަދު ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އެ މަނިކުފާނާއެކު ކޯލިޝަނެއްގައި މަސައްކަތްކުރާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ބައިވެެރިވެލައްވައެވެ.
އަދި ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންކަމަށްވާ ހިސާން ހުސައިނާއި، އަލީ ނިޔާޒުގެ އިތުރުން މި ފަހުން ޕާޓީއާ ގުޅުނު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ބައިވެރިވެލައްވައެވެ.