އިސްލާމް އާބާދު (13 ޖުލައި 2023): ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސައޫދީ އަރަބިއާއިން ޕާކިސްތާނަށް ދެ ބިލިޔަން ޑޮލަރު (ލޯނާއި ހިލޭއެހީގެ ގޮތުގައި) ދިނުމުން ޕާކިސްތާނުގެ ބޮޑުވަޒީރު އެކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފު ވިދާޅުވީ ސައޫދީގެ މާލީ އެހީގެ ސަބަބުން ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިވެ އިތުބާރުވެސް އިތުރަށް އުފެދިގެންދާނެކަމަށާއި ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދުމުގައިވެސް މިފައިސާ މުހިއްމު ދައުރެއް އަދާކުރާނެކަމުގައެވެ.

ޕާކިސްތާނު ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން ސަލާމަތްވުމަށް އެއްފަހަރާ ހަ ބިލިޔަން ޑޮލަރު ބޭނުންވާކަމަށް އެގައުމުގެ މަރުކަޒީ ބޭންކުން ބުނެއެވެ. ސައޫދީ ދިން ދެބިލިޔަން ޑޮލަރުގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތިން ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށްވެސް ޕާކިސްތާނު ގެންދަނީ މަސައްކަތް ކުރަމުންނެވެ. "އައިއެމްއެފް"ގެ ބޯޑުން މިހާރުވަނީ ޕާކިސްތާނަށް ދޭ ލޯނު އެޕްރޫވްކޮށްފައެވެ. އެހެންކަމުން ވަރަށް އަވަހަށް އެލޯނު ލިބޭނެކަމަށް ޕާކިސްތާނުން ދެކެއެވެ.

"އައިއެމްއެފް"ގެ ލޯނު ލަސްވެގެންދިޔައީ އެއޮތޯރިޓީގެ ޝަރުތުތައް ހަރުކަށިކަމުން އެ ޝަރުތުތަކަށް ބޯލަނބަން ޕާކިސްތާނަށް ދަތިވުމުންނެވެ. "އައިއެމްއެފް" ގެ ލޯނުގެ ޝަރުތުތަކުގެ ތެރޭގައި ޕާކިސްތާނު ސަރުކާރުން އެގައުމުގެ ފަގީރުންނަށް ދޭ ސަބްސިޑީތައް ހުއްޓާލުމާއި އެގައުމުގެ ބައެއް ޕަބްލިކް ކުންފުނިތައް ވިއްކާލައި ޕްރައިވެޓައިޒް ކުރުމާއި ސަރުކާރާއި ދައުލަތުގެ މުވައްޒަފުންގެ އަދަދު މަދުކުރުމާއި ސަރުކާރާއި ދައުލަތުގެ އާންމު ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.

މިއީ ބޯލަނބަން ޕާކިސްތާން ސަރުކާރަށް ފަސޭހަ ޝަރުތުތަކެއް ނޫނެވެ. ނަމަވެސް އެހެންގޮތެއް ނެތިގެން ޕާކިސްތާނު ސަރުކާރުވަނީ މީގެތެރެއިން ބައެއް ޝަރުތުތައް ކޮންމެވެސް ވަރަކަށް ފުރިހަމަކޮށްފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޕާކިސްތާނުގެ ކުދި ވޔަފާރިތައް ހަލާކުވެ އެތައް މިލިޔަން ބައެއްގެ ވަޒީފާގެއްލި އެތައް ހާސް ކުންފުނިތައް ރޫޅިގެންދިޔުމުން ފަގީރުންގެ ނިސްބަތް އިތުރުވެ އެކްސްޕޯޓް މަދުވެ އިންޕޯޓް އިތުރުވުމުގެ ސަބަބުން ޕާކިސްތާނުވަނީ މާލީ ގޮތުން އިފްލާސްވާ ހިސާބަށް ގޮސްފައެވެ.

މިހާލަތު އޮއްވައި މިދިޔައަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެގައުމުގެ އިގްތިސާދަށް އިތުރު ލޮޅުންތަކެއް އެރިއެވެ. އެތައް ބިލިޔަން ޑޮލަރެއްގެ މާއްދީ ގެއްލުންތަކެއްލިބި އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހުނެވެ. ދަނޑުތައް ހަލާކުވެ މަގުތަކާއި އިންފްރާސްޓްރަކްޗާގެ ބޮޑުބައެއްވެސް ހަލާކުވިއެވެ.

މިހުރިހާ މައްސަލަތަކަކާއެކު ޕާކިސްތާނުގައި ކާބޯތަކެއްޗާއި ތެލާއި އާންމު ތަކެތީގެ އަގުތައްވެސްވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ފަގީރުންގެ އަދަދުވެސްވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

ޕާކިސްތާންގެ އާންމު އިންތިހާބު މިއަހަރުގެ އޮކްޓޯބަރު މަހުގައި ބާއްވަން ހަމަޖެހިފައިވާއިރު، އިގްތިސާދީ ދަތިކަމުން އަރައިނުގަނެވިއްޖެނަމަ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު މިހާރު އެގައުމުގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރަށް ވަރަށް ކުޑަކަން އާންމު ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކައެވެ. ޕާކިސްތާނުގެ އާންމުންގެ ތާއީދު އެންމެބޮޑީ އެގައުމުގެ ކުރީގެ ރައީސް އިމްރާން ޚާނަށްކަން ސާވޭތަކުން ދައްކައެވެ.