13 Jul 2023, 13:04
ސިޔާސީ މަގާމުތަކުގައި ތިއްބަވައި ސަރުކާރު ޕްރޮމޯޓް ނުކުރައްވާނަމަ ރީތިގޮތުގައި އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނިކޮށް ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރު ޝަމްޢޫނު ޖަލީލު (ލޫކަސް) މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމްޑީޕީގެ ފަރާތުން ސަރުކާރުގެ ސިޔާސީ އިސް މަގާމެއްގައި ހުންނަވައިގެން ސަރުކާރު ޕްރޮމޯޓުނުކުރައްވާތީ ފައްޔާޒު ވަނީ ލޫކަސްއަށް ފާޑުވިދާޅުވެފައެވެ.
ފައްޔާޒް އެހެން ވިދާޅުވިތާ ތިން ހަފުތާ ފަހުން މިއަދު ލޫކަސް ވަނީ އޭނާ ހުންނެވި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް އަތުން ލިޔުއްވާފައިވާ ސިޓީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު އޭގައި ވިދާޅުވެފައިވަނީ ސަރުކާރުގައި މަސައްކަތް ކުރުމަކީ ލިބުނު ތަޖުރިބާއެއް ކަމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އޭނާއާ މެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ލޫކަސްއަށް ނުރުހުން އަމާޒުވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝާ އެކު ނަގައިފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ނަރީޝް ހިއްސާކުރެއްވުމާއެކުގައެވެ.
އެ ފޮޓޯއާ ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ފައްޔާޒު ވަނީ ފޮޓޯ ނެންގެވުމުގެ ބަދަލުގައި ސަރުކާރު ޕްރޮމޯޓްކުރުމަށް ގޮވައިލައްވައިފައެވެ. އަދި އެކަން ނުކުރެއްވޭނަމަ ރީތިގޮތަކީ މަގާމުން އިސްތިއުފާދިނުން ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ލޫކަސްއަކީ އިދިކޮޅު ޕީޕީއެމަށާއި ކުރީގެ ސަރުކާރަށް ނިސްބަތްކޮށް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ފާޑު ވިދާޅުވި ބޭފުޅެކެވެ. ހަމަައެއާއެކު ސަރުކާރުގެ ސިިޔާސަތުތަކާއި މަޝްރޫތައް ޕްރޮމޯޓުކުރުމުގައި މީގެ ކުރިން ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.