03 May 2012, 09:25
ބެއިޖިންގ (މޭ 3): އެމެރިކާ އާއި ޗައިނާއާ ދެމެދު އިޤްތިސާދީ އަދި ސްޓްރެޓީޖިކް މަޝްވަރާތަކެއް ބެއިޖިންގްގައި މިއަދު ފެށިގެން ކުރިޔަށްއެބަދެ އެވެ.
މިވާހަކަތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން އެވެ. ޗައިނާގެ ފަރާތުން ޗައިނާގެ ޚާރިޖީވަޒީރެވެ. ދެ ޤައުމުގެ ޚާރިޖިއްޔާ އިން ހާމަކުރާގޮތުގައި މިއީ އެމެރިކާ އާއި ޗައިނާއާ ދެމެދު ބޭއްވެމުންދާ އިޤްތިސާދީ އަދި ސްޓްރެޓީޖިކް މަޝްވަރާތަކުގެ އައު ބުރެކެވެ. މީގެކުރިން ވެސް ދެ ޤައުމުގެ އިސްމަސްއޫލުވެރިންގެ މެދުގައި މިފަދަ މަޝްވަރާތައް ވަނީ ބޭއްވިފަ އެވެ.
އެމެރިކާ އާއި ޗައިނާގެ އިޤްތިސާދީ އަދި ސްޓްރެޓީޖިކް މަޝްވަރާތަކުގެ ބޭނުމަކީ މި ދެ ދާއިރާގައި ދެ ޤައުމުގެ ގުޅުންތައް ހަރުދަނާކުރުމާއި ދުނިޔޭގެ އެންމެ ބޮޑުބާރުގެ މަޤާމް ކައިރިމުސްތަޤްބަލެއްގައި ހޯދަނެކަމަށް ބެލެވިފައިވާ ޗައިނާއާއި މިހާރުގެ ބޮޑުބާރުކަމަށްވާ އެމެރިކާއާ ދެމެދު އިތުބާރު އުފައްދައި ފިނިހަނގުރާމައެއްގެ ވިސްނުމުން ދެޤައުމުގެ ސަލާމަތްކުރުމެވެ. އެމެރިކާ އާއި ޗައިނާއާ ދެމެދު އިޤްތިސާދީ އަދި ސްޓްރެޓީޖިކް މަޝްވަރާތަކެއް ބޭއްވެމުން މިދަނީ ޗައިނާ ސަރުކާރާ އިދިކޮޅު ލޯފަން ޝަޚްސިއްޔަތެއްގެ މައްސަލައިގެ ހިޔަނި ދެޤައުމުގެ ގުޅުންތަކަށް އެޅިފައިވަނިކޮށެވެ.
ޗައިނާ ސަރުކާރާ އދިކޮޅު ފަރާތްތަކާއި ޗައިނާގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެމެރިކާ ހިއްވަރުދީ ޗައިނާގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް އެމެރިކާ ވަންނަމުންދަނީ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ނަމުގަ އެވެ. ޗައިނާ ސަރުކާރާ އިދިކޮޅު ލޯފަން ޝަޚްސިއްޔަތެއް ކަމަށްވާ ޝިންގގުވާންޝިންގްގެ މައްސަލަ ފެންމަތިވީ ޗައިނާ ސަރުކާރަށް ފާޑުކިޔުމަށް ފަހު ބެއިޖިންގްގައި ހުންނަ އެމެރިކާގެ އެންބަސީއަށް ވަދެ އެތަނުން އޭނާ ޙިމާޔަތް ހޯދުމާގުޅިގެންނެވެ. ޗައިނާ މިކަން ސިފަކުރަނީ އެޤައުމުގެ ދާޚިލީ މައްސަލައެއްގެ ތެރެއަށް އެމެރިކާ ވަނުން ކަމުގައެވެ.
ޝިންގް ގުވާންޝިންގް އަކީ ޗައިނާގެ ޖަލެއްގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު ގޭބަންދަށް ބަދަލުކޮށްފައިވާ މީހެކެވެ. އޭނާ އެމެރިކާ އެންބަސީއަށް ވަދެ މިދިޔަ ހަފްތާގައި ޙިމާޔަތް ހޯދީ ގޭބަންދުގައި ހުންނަވަނިކޮށެވެ. (އަލްޖަޒީރާ)