13 Jul 2023, 12:17
ޗާޓާޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަލަަށް ތައާރަފްކުރި ސްކޮލަޝިޕުގެ ތެރެއިން މި އަހަރު 211 މީހަކަށް ކިޔެވުމުގެ ފުރުސަތު ދީފިއެވެ.
މިއީ ރާއްޖޭގައި އެކައުންޓެންޓުންގެ ގޮތުގައި މަސައްކަތްކުރުމަށް މީހުން ބިނާކުރުމުގެ ގޮތުން ދިން ސްކޮލަޝިޕެކެވެ.
މި ސްކޮލަޝިޕްތައް ދެނީ ޗާޓާޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަލަަށް ތައާރަފްކުރި ސްކޮލަޝިޕުގެ ތެރެއިންނެވެ.
މިއީ ދެ ކެޓެގަރީއަކުން ދޫކުރާ ސްކޮލަޝިޕްތަކެކެވެ. އެއީ ވަޒީފާތަކުގައި އުޅޭ މީހުންނަށް ޚާއްސަ ކެޓެގަރީއަކީ އެންމެނަށް ވެސް ބައިވެރިވެވޭ އޯޕަން ކެޓެގަރީއެކެވެ.
މިއީ އެ ކައުންޓިން ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ ދިވެހީން ތައްޔާރުކޮށް ބޭރު މީހުންނަށް ބަރޯސާވުން ކުޑަވެގެން އަންނާނެކަމެއްކަމަށް ސަރުކާރުން ބުންޏެވެ.
މިދިޔަ އަހަރު މި ސްކޮލަޝިޕަށް ހުޅުވައިލި 150 ފުރުސަތަށް 400އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން 173 މީހަކަށް ސްކޮލަޝިޕް ދިނެވެ.
ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިން ސްކޮލާޝިޕް ޕްރޮގްރާމްގެ އަމާޒަކީ، ދިވެހީން، އެކައުންޓެންޓުންގެ ގޮތުގައި ތަމްރީނުކޮށް ރާއްޖެއަށް ބޭނުންވާ ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމެވެ. މި ޕްރޮގްރާމްގެ ސަބަބުން، ރާއްޖެއިން މި ދާއިރާގައި ބޭރުމީހުންނަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މި ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން، ވޭތުވެދިޔަ އަހަރު 173 މީހަކަށް، ފުރުސަތު ދީފައި ވެއެވެ. މިއަހަރު 211 މީހަކަށް ސްކޮލާޝިޕް ދީ، ސްކޮލާޝިޕްގެ ލިޔުން އެ މީހުންނާ އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ. އެއީ، ޕަބްލިކް ކެޓެގަރީން 50 ފަރާތަކާއި އޯޕަން ކެޓެގަރީން 161 ފަރާތެކެވެ. ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދާ މި ސްކޮލާޝިޕް ސްކީމް ހުޅުވާލެވުނީ އޭސީސީއޭ ސްކިލްސް އަދި ޕްރޮފެޝަނަލް ލެވެލް، ސީއައިއެމްއޭ މެނޭޖްމަންޓް އަދި ސްޓްރެޓީޖިކް ލެވެލްއިން އެކައުންޓެންޓުން ތަމްރީނުކުރުމަށެވެ. ސްކޮލާޝިޕް ލިބޭ ފަރާތްތަކުން ކިޔަވައި ނިމުމުން މަދުވެގެން ދެ އަހަރުގެ މުއްދަތަށް ރާއްޖޭގައި ޚިދުމަތްކުރުމަށް ޝަރުތުކުރެވޭނެވެ.
މި ސްކޮލަޝިޕްގެ ތެރެއިން ދަރިވަރުންނަށް ރަޖިސްޓްރޭޝަން ފީއާއި އެނުއަލް ސްބްސްކިރިޕްޝަން ފީ ދޭނެއެވެ. އަދި އެހެނިހެން ހުރިހާ ފީތަކެއް ދޭނެއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، މި ސްކޮލާޝިޕް ސްކީމަކީ، 2021 ވަނަ އަހަރު މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެމަނިކުފާނުގެ ތަސައްވުރު، ދިވެހި ޒުވާނުންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުކޮށް ފަންނީ އެކައުންޓެންޓުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ބައެއް ކަމަށެވެ.

އެކައުންޓިން ދާއިރާއިން ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަދައްކަވަނީ
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ތަނަވަސްކޮށްދެވުނު ސްކޮލާޝިޕް ފުރުސަތުތަކަށްވުރެ މިއަހަރު ތަނަވަސްކޮށްދެވުނު ފުރުސަތުތައް ގިނަވުމަކީ ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ފަންނީ ހުނަރުވެރިކަމުގެ މަސައްކަތްތެރިކަމުގެ ވަރަށް ގިނަ ދާއިރާތައް ބޭރުމީހުންގެ އަތްމަތީގައި އޮންނައިރު، ޚާއްސަގޮތެއްގައި އެކައުންޓެންޓުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް ގިނަ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބިދޭސީންގެ މައްޗަށް ބަރޯސާކުރަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުވެގެން ދާއިރު، އެކައުންޓެންޓުން ފަދަ މުހިންމު މަސައްކަތްތެރިންގެ ގޮތުގައި ދިވެހީން ހަމަޖެހުމުން، ދިވެހި ވިޔަފާރިތައް ދިވެހީންގެ އަތްމައްޗަށް އައިސް އިތުރަށް ފުޅާވެ، ގައުމުގެ އިގްތިސާދީ ދުވެލި ހަލުވި ވެގެން ދާނެކަމުގައި ވެސް މިނިސްޓަރުފާހަގަކުރެއްވިއެވެ.