13 Jul 2023, 12:20
އަލަށް އުފެއްދި ޕާޓީ ދަ ޑިމޮކްރެޓްސްއަކީ ކޮބައިކަމާއި އެ ޕާޓީގެ މަގްސަދު ޒުވާނުންނަށް ސާފުކޮށްދިނުމުގެ ގޮތުން އެ ޕާޓީން ރަށްރަށަށް ދަތުރުތަކެއް ފަށައިފިއެވެ.
މި ދަތުރުތައް ފަށައިފައިވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކުގައެވެ. އެގޮތުން އެންމެ ފުރަތަމަ ދަތުރުކުރީ ބ. ތުޅާދޫއަށެވެ.
ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި މި ދަތުރުތަކުގައި ޒުވާނުންނާ ބައްދަލުކޮށް މައިގަނޑު ގޮތެއްގައި ކިޔައިދެމުން އަންނަނީ ޑިިމޮކްރެޓްސް އާއި އެމްޑީޕީ ތަފާތު ވަނީ ކިހިނެއްތޯ ކަމެވެ. ހަމައެހެންމެ ސިޔާސަތުތައް އެކުލަވައިލުމުގައި ހުރި ތަފާތުތަކަކީ ކޮބައިކަން ޒުވާނުންނަށާއި ރަށުގެ މީހުންނަށް ކިޔައިދެމުން އަންނަކަމަަށް ވެސް ބުންޏެވެ.
"އަހަރުން އަސްލު ކިޔައިދިނީ އެ ޒުވާނުންނަށް، މިސާލަކަށް އެމްޑީޕީއަށް ބަލައިލާއިރު އެބަތިއްބޭ މީގެ އެތައް އަހަރެއްކުރިން ޕާޓީއަށް ވަން ޒުވާނުން އެބަ ތިއްބޭ އަދިވެސް ކުރިއަށް ނުދެވި. އެކަމު މިއަދު ޑިމޮކްރެޓްސްއިން އަަލަށް ގުޅުނު ޒުވާނުން ތިބީ އިސް ސަފުގައޭ. މިއީ ފުރުސަތު އޮތް ޕާޓީއެކޭ،" ޑިމޮކްރެޓްސްގެ ޒުވާނުންގެ ތެރެއިން އިސްކޮށް ދަތުރުގައި ބައިވެެރިވި އާމިނަތު މާސާ ހަސަން ކިޔައިދިނެވެ.
ތުޅާދޫއަށް ކުރި ދަތުރާ ގުޅޭގޮތުން ޑިމޮކްރެޓްސްއިން ބުނީ އެ ރަށަކީ ސިޔާސީ ރޫހު ވަރަށް ވަރުގަދަ ރަށެއް ނަމަވެސް ސިޔާސީ ގޮތުން ކުރިއަށް ދިއުމުގެ އުންމީދު ރައްޔިތުންގެ ނެތް ކަމަށެވެ.
އެގޮތުން މިހާރުގެ ސަރުކާރާއި މީގެ ކުރީ ސަރުކާރުތަކުން އެ ރަށަށް އެތައް ވައުދެއްވީ ނަމަވެސް އެ ވައުދުތައް ފުއްދުމަށް ޓަަކައި މަސައްކަތް ކުރެވުނު މިންވަރު މަދު ކަމަށް އެ ރަށަށް ދަތުރުކުރި ޑިމޮކްރެޓުންގެ ފާހަގަކުރިއެވެ.
ޑިމޮކްރެޓުންގެ ޓީމުން ވަނީ އެ ރަށުގެ ޒުވާނުންނާއި، ރަށުގެ އެކި ޖަމިއްޔާތަކާ ބައްދަލުކޮށްފައެވެ. އަދި ވަކިވަކި ދާއިރާތަކުން މަޝްވަރާކޮށް އެ ދާއިރާތަކުން ހުރި ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުވައިފައެވެ.
"އެހެންވެ އަސްލު ވަރަށް ނާއުންމީދުވެފައި ތިބިތަން ފެނުނީ. މިސާލަކަށް މި ރަށުގައި ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ޒުވާނުން ވަރަށް ގިނަ. އެ މީހުން ވަރަށް އުފާވި ވައުދެއް އެއީ 'ނައިޓަށް' ދެވުމުގެ ވައުދަކީ. އެކަމު އަދިވެސް އެ ވައުދު ނުފުއްދޭކަމަށް ބުނެ ހަމަ ވަރަށް ބޮޑަށް ނުރުހުންވެ، އެ ކަމާ ކަންބޮޑުވުން ފާޅުކުރި. އެކަމު ޒުވާނުން އުންމީދު ކަނޑައިނުލައި،" މާސާ ކިޔައިދިނެވެ.
މި ދަތުރުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ އިތުރުން މިހާރު ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބައިވެރިވެފައިވެއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެހެން އަތޮޅުތަކަށް ޑިމޮކްރެޓުންގެ ޓީމުން ދަތުރުކުރާނެކަމަށް އެ ޕާޓީން ބުންޏެވެ. އަދި މިހާރުގެ ޒުވާން ޖީލަށް ޚާއްސަކޮށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.