ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތް މުޅިން ނިމި ކުރިއަށް އޮތް އަހަރުގެ މާޗް މަހު އެ ދެ ރަށުގެ ރައްޔިތުންނަށް އެ ބްރިޖް ބޭނުން ކުރެވެން ފަށާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަތޮޅުތެެރެއަށް އާޒިމް ކުރައްވަމުންގެންދަވާ ދަތުރުގައި އޭނާ ވަނީ މި ދެ ރަށަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި މި ދެ ރަށުގެ ކައުންސިލާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އައްސަވައިފައިވެއެވެ.

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅައިލާ ބްރިޖްގެ އަމަލީ މަސައްކަތް ފަށައިފައިވާއިރު، މިހާރު ކުރިއަށް ދަނީ ތަނބު ޖެހުމުގެ މަސައްކަތެވެ. ޖުމުލަ 17 ތަނބު ޖަހައިގެން ހަދާ މި ބްރިޖްގެ މިހާތަނަށް ޖެހިފައިވަނީ ދެ ތަނބެވެ.

މި މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ސަރަހައްދުގައި ހުންނަވާ އާޒިމް ވިދާޅުވީ މި ކޯޒްވޭއަކީ ދެ ރަށުގެ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު ކޯޒްވޭއެއް ކަމަށެވެ.

ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އެމްޓީސީސީ

މިދިޔަ ސަރުކާރުގައި އެ ތަނުގައި ހަދައިފައި އޮތް ކޯޒްވޭއަކީ ވެލިބެޑުތަކެއް ޖައްސައިގެން ހަދައިފައިވާ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ކަމުގެ ސަބަބުން އުދަ އަރާ ރަށުގެ މުހިންމު ދެ ތަނެއް ގިރައިލައިގެން ގޮސްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް އާޒިމް ވިދާޅުވީ ފުރަތަމަ ވެސް ބެލީ ވެލި ބެޑު ނެގޭނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ވިދާޅުވިއެވެ.

"ރައީސް ޞާލިހު ބޭނުންފުޅު ވަނީ މި ދެ ރަށަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާ ގޮތަށް ޕްރޮޖެކްޓް ގެންދަން. އެހެންވެގެން ކުރީގައި ވެލިބެޑެއް އަޅައިފައި އޮތީމަ ވެލި ބެޑުގައި ޖެހިފައި ދެ ރަަަށަށް އުދަ އަރައި ދެ ރަށް ހަލާކުކޮށްލައިފައި މި އޮތީ،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އާޒިމް ވިދާޅުވީ ބްރިޖް އެޅުމާއެކު ރަށް ގިރުމަށް ވެސް ހައްލު ލިބޭނެކަމަށާއި ގިރާ ސަރަހައްދުތަކަށް ވެލި އަޅައި އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުރެވޭނެ ކަންކަން ވެސް އެމްޓީސީސީން ކޮށްދޭނެ ކަމަށެވެ.

މި ބިޔަ މަޝްރޫއު ނިންމުމަށް އެމްޓީސީީސީން ޓާގެޓް ކުރަނީ އަންނަ އަހަރުގެ ފެބްރުވަރީ ނިމޭ ހިސާބަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އެމްޓީސީސީ

"އެއީ ވަރަށް އަވަސް ޓާގެޓެއް އަޅުގަނޑުމެންނަށް އީއައިއޭ ހެދިގެން މަސައްކަތް ފެށުނު ދުވަހާ ބަލާފަ މި ކަހަލަ ބޮޑު މަސައްކަތަކާ ބަލާފައި،" އާޒިމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މަޑަވެލި އަދި ހޯޑެއްދޫގެ ރައްޔިތުން މި ހިތްގައިމު އަދި އެންވަޔަރްމެންޓް ފްރެންޑްލީ ބްރިޖުން މާޗު މަހު ދަތުރުކުރަން ފަށާނެ،"

ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ކުރީގައި އަޅައިފައި އޮތް މަޑަވެލި - ހޯޑެއްދޫ ކޯޒްވޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވި ކަމަށެވެ.

"ހޯޑެއްދޫ ބިމުން ހަތް ހެކްޓަރުވަރުގެ ބިން އެ އޮތީ ކޯޒްވޭއާ ހެދި ހަލާކުވެފައި. ދެން އަލަށް އަޅާ ކޯޒްވޭ އަކީ ބްރިޖް ކުރާ ތަނެއް ވީމަ އުދަ އެރުމުގެ މައްސަލަ ހައްލުވާނެކަމަށް މި ބަލަނީ،" ވާރިޝް ވިދާޅުވިއެވެ.

މިހާރު ބައެއް މޫސުންތަކުގައި ކޯޒްވޭ ބޭނުން ނުކުރެވޭ ކަމަށާއި އެ ކަމަށް ހައްލު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:

  • 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން

  • ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުން
  • 285 ސްޕަން ޕައިލް ހަރުކުރުން
  • 4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުން
  • 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިންގް ހެދުން
  • ކޯޒްވޭއަށް ދެވެން އޮންނަ މަގުތަކުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުން
    ރެއިލިން އަދި މަގުބައްތި ހަރުކުރުން
  • މަގުމަތި ނިޝާން ކުރެހުން

މިއީ ސަރުކާރުގެ ބަޖެޓުން 84.17 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.