14 Jul 2023, 11:12
"ވިސްނުމަކަށް ވެސް، ނިންމުމަކަށް ވެސް އެއްވެސް ބަދަލެއް ނާދޭ. އަޅުގަނޑުމެން މި ޕޯޑިއަމްގައި ތަކުރާރުކޮށް ދަންނަވަމުން އަންނަނީ އެންމެ ވާހަކައެއް. އެއީ، ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމޭ،"
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތަކުރާރުކޮށް، އެފަދައިން ވިދާޅުވާތާ ވީ ދުވަހެއް މިހާރު ނުވެސް އެނގެއެވެ. އިއްޔެ ވެސް، ޕީޕީއެމް އޮފީހުގައި ހުންނަވައި "ސަން"ގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ހަމަ އެފަދައިންނެވެ.
ޔާމީން ނޫން ވިސްނުމެއް، އެ ނޫން ހިޔާލެއް ޕީޕީއެމްގައި ނެތް ކަމަށެވެ. އެކަމަކު، ފެންނަ ފެނުމަށް އެ ކަން ބަދަލުވާކަށް މާ ގިނަ ދުވަހެއް ނެތެވެ.
ޕީޕީއެމްގެ އެންމެން އެއްބަސްވެ، ޔާމީނަށް ރިޔާސީ ޓިކެޓު އެރުވި ނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ޕީޕީއެމުން ހިތުގެ އަޑިން ގަބޫލުކޮށްގެން ތިބި އެ އަގީދާ ވެސް ވަނީ ގުޑައިފައެވެ. އެ މަނިކުފާނަށް ވާދަނުކުރެއްވި، އިންތިޚާބުގައި އެ މަނިކުފާނުގެ ނަންފުޅު ނޯންނާނެހެން ހީވާ ހީވުމަށް ވެސް, ފާރަލާން ބޭފުޅުން އެބަތިއްބެވެ.
ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން 96،000 ވޯޓު ހޯދީ ގިނިކަންޏާ ނުކުމެއެވެ. އެހެންވެ، އެ ޕާޓީގެ ޓިކެޓަށް ތޮޅެލަން އެންމެން ވެސް ބޭނުމެވެ. ނަގައިލާ ވަރުގެ ސިޔާސީ ފުރުސަތެއް ނޫނެވެ.
އިސްތިއުނާފު ހުއްޓިފައި
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ސާބިތުވެ ދަށު ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ދަނިކޮށް، އެ މައްސަލައިގެ ބެންޗުގައި އިންނަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވެމުން، ދެން އެ މައްސަލަ އިންތިޚާބުގެ ކުރިން ނިންމޭނެ ކަމަށް ކުރި އުންމީދުގައި މި ވަނީ ކޫރުން އެޅިފައެވެ.
ހައިކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހުޒައިފާ މުހައްމަދެވެ.
އެހެންވެ، އެ މައްސަލަ މި މަހު ނިންމިދާނެތޯ ވަނީ ސުވާލެއްގެ ތެރޭގައެވެ. ހައިކޯޓުން އެ މަނިކުފާނު މިނިވަންވުމަށް ޕީޕީއެމުން ދެކެމުން އައި ހުވަފެން ވަނީ ފަނޑުވެފައެވެ. އަޑުހަރުކޮށް ވިދާޅުވި ނަމަވެސް، ޔާމީން ނޫން 'ޗޮއިސް'އަކަށް ވިސްނަން މަޖުބޫރު ވެދާނެއެވެ.

އާރަށު މައްސަލައާ ގުޅިގެން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ----
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު، މި މަހު 22 ގައި ހުޅުވާލައިނެއެވެ. އަންނަ މަހު ހަތެއްގެ ނިޔަލަށް، ކެންޑިޑެންސީ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ސުވާލަކީ، އެހާ ތަނަށް ޔާމީން މިނިވަންވެދާނެތޯއެވެ؟
ހަމަ ގައިމު ވެސް، ޔާމީން ނެތް ހާލަތެއްގައި ވެސް، ޕީޕީއެމްގެ ކެންޑިޑޭޓެއް ހުންނާނެއެވެ.
ކެންޑިޑޭޓަކު ދައްކާނެ
ޕޯޑިއަމްގައި ހުންނަވައި އަޑުހަރުކޮށް، "ކެންޑިޑޭޓަކީ ހަމަ ރައީސް ޔާމީން"އޭ ވިދާޅުވިޔަސް، ވަގުތާއި ހާލަތު ޖެހުމުން އެހެން ބޭފުޅަކު ހުންނާނެއެވެ. އެ މަނިކުފާނު މިނިވަންވެވަޑައިގަތަސް، އަދި އެ ނޫން ހަލަތެއްގައި ވެސް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ހުންނާނެއެވެ.
"ރައީސް ޔާމީން މިނިވަން ނުވެއްޖިއްޔާ، އެހެން ކެންޑިޑޭޓެއް ހުންނާނެ. 100 ޕަސެންޓު ގެރެންޓީ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ޕީޕީއެމްގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޔާމީން މިނިވަން ނުވެއްޖެ ހާލަތެއްގައި ވެސް ޕީޕީއެމްގެ ޓިކެޓު އެހެން ބޭފުޅަކަށް އަރުވާނެއެވެ. އަދި، އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށާއި ހުންނާނީ ޕީޕީއެމްގެ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބުތައް ވެސް ވިދާޅުވެ ދެއްވިއެވެ.
"ރައީސް ޔާމީނަށް ވެސް އެންމެ ޔަގީންކަން ބޮޑު ވާނެ ގޮތަކީ އެއީ. މިނިވަން ވުމަށް ވެސް، އަދި ޕާޓީ ވަރުގަދަކޮށް އޮތުމަށް ވެސް،" އޭނާ ކިޔައިދެއްވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރުމަށް ބޭއްވި ހަވާލޭ ވަތަން ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އަބްދުﷲ އަބީދު މި
ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރެ، އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދުކުރަންވީ ސަބަބެއް ވެސް ނެތެވެ. އެ ޕާޓީއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. އެމްޑީޕީ ދެބައިވެ، ސަރުކާރު ކޯލިޝަން ރޫޅިފައި އޮތް އިރު، ޕީޕީއެމް އޮތީ ވަރުގަދަ ކޮށެވެ. މި އިންތިޚާބުގައި އެއް ޕާޓީއަކަށް އެންމެ އެކަތިގަނޑެއްގެ ގޮތުގައި އޮތީ ޕީޕީއެމެވެ. އެ ހަގީގަތް ބަދަލެއް ވެސް ނުވާނެއެވެ.
އެއީ، ޕީޕީއެމްގައި ތިއްބެވި ރިޔާސީ ޓިކެޓުގެ ހުވަފެން ބައްލަވާ ބޭފުޅުންނަށް ވެސް ބޮޑު މަންޒަރު ސާފުވާތީއެވެ. އެ ޕާޓީގެ އާންމު މެންބަރުން ވޯޓު ދޭނީ، ޔާމީންގެ ތާއީދު އޮންނަ ކެންޑިޑޭޓަކަށެވެ. އެ މަނިކުފާނަށް ވަފާތެރި ކެންޑިޑޭޓަކަށެވެ.
އެހެންވެ، ޔާމީން ނެތް ހާލަތެއްގައި އެ ޓިކެޓަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެސް އޮތީ، އެ މަނިކުފާނުގެ އިތުބާރާއި ރުހުން ހޯދުމެވެ.
ކާކު؟
މި ހިސާބުން އުފައްދާނެ ސުވާލަކީ، ކެންޑިޑޭޓަކަށް ވާނީ ކާކުތޯއެވެ.
ރަނިންމޭޓަކު އިހްތިޔާރު ކުރުމާ ގުޅޭ ގޮތުން ޔާމީން މީގެ ކުރިން ވިދާޅުވިފަދައިން ޕީޕީއެމް/ޕީއެންސީއަކީ ގާބިލް ބޭފުޅުން ގިނަ ޕާޓީއެކެވެ. ވަރަށް ބައިވަރު، ވަރަށް ގާބިލު، ވަރަށް ޒުވާން، ވަރަށް ޖޯޝުހުރި ބޭފުޅުން އެބަތިއްބެވެ. އަދި، ޔާމީނަށް ވަފާތެރިކަމާ އެކު ދެމިތިއްބެވި މެންބަރުން ވެސް އެބަތިއްބެވިއެވެ.
އެކަމަކު، ސާފު ޖަވާބަކީ އަދި ނޭނގެއެވެ. އެ މަޝްވަރާ ޕީޕީއެމް ތެރޭގައި އަދިއަކު ނުކުރެއެވެ. ވަކި ބޭފުޅެއް ނެރެން ވިސްނާފައެއް ނެތެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ޕީޕީއެމްގެ ސެނެޓު މެންބަރަކު ވިދާޅުވީ، ދެވަނަ 'ޗޮއިސް' އެއްގެ މަޝްވަރާ ކުރާނީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި، އެ ހިސާބުން ޔާމީން ދައްކަވާ ކެންޑިޑޭޓަކާ އެކު މުޅި ޕާޓީ ދާނީ ކުރިއަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އިދިކޮޅު ޕީޕީއެމުން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް
"މި ވަގުތު އާންމު މެންބަރުން ވެސް ބޭނުމެއް ނުވާނެ، އިތުރު ޗޮއިސް އެއްގެ ވާހަކަ ދައްކާކަށް. މަސްލަހަތު ގެއްލުން ނޫން ކަމެއް ނުވާނެ. އެހެންވީމާ، ކެންޑިޑޭޓެއް ނިންމާނީ ހަމަ އެންމެ ފަހު ވަގުތު،" އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގައި ތިއްބެވި ބައެއް ބޭފުޅުން ކެންޑިޑޭޓަށް ވުމުގެ ހުވަފެނުގައި މަސައްކަތް ކުރައްވާކަމީ މިހާރު އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެ ބޭފުޅުން އެއްބަސްނުވި ނަމަވެސް، ފެންނަ މަންޒަރުތަކާއި އެތެރެއެތެރެއިން އިވޭ އަޑުތަކުން އެކަން ހަމަ ޔަގީނެވެ. އަދި، އެއީއަކީ މައްސަލައެއް ވެސް ނޫނެވެ.
އެ ވާދަވެރިކަން އޮތުމުން، ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު އެންމެ ބޮޑީ އެ ޕާޓީގެ މެންބަރުންގެ އިހްތިރާމް އެންމެ ބޮޑު ބޭފުޅަކަށެވެ. ހާއްސަކޮށް، ޓިކެޓައިގެން އެހާ ވަރުން ނޫޅުއްވާ ބޭފުޅަކަށެވެ. އެކަމަކު، މިއީ މަޝްރަހަށް ބަލާފައި ކޮށްލެވޭ ލަފައެވެ.
ސުވާލެއް ނެތް ކަމަކީ، އެ ޕާޓީގެ ކެންޑިޑޭޓެއް އޮންނާނެތޯއެވެ. ހަގީގަތުގައި އޮތީ އެންމެ ސުވާލެކެވެ. އެއީ، ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވާނީ ކޮން ބޭފުޅެއްތޯއެވެ.