03 May 2012, 09:14
ގަނޑުފެނުން ފޮރުވިފައިވާ އެންޓާޓިކާގައި އޮންނަ ލޭކް އެލްސްވޯތު ނަމަކަށް ކިޔާ ފެން ގަނޑުގައި އެއްވެސް ދިރުމެއް އުޅޭތޯ ބެލުމުގެ މަސައްކަތް ސައިންސްވެރިން ފަށައިފިއެވެ. ސައިންސްވެރީން މަސައްކަތް ކުރާނީ ފެނާއި ކިސަޑުގެ ތެރެއިން އެއްވެސް ކަހަލަ ދިރުމެއް ފެނޭތޯއެވެ. މީގެ އިތުރުން ދުނިޔޭގައި ކުރިން މޫސުން އޮތް ގޮތުގެ މައްޗަށް އެއްވެސް ހެތްކެއް ލިބޭތޯ ވެސް ސައިންސްވެރީން މަސައްކަތް ކުރާނެއެވެ.
މި ދިރާސާގައި ބޭނުންކުރާ ހުރިހާ ސާމާނެއް ސްޓެރައިލްކޮށް އެންޓާޓިކާއަށް ގެންދިއުމުގެ ދަތުރުތައް މިހާރުވަނީ ފެށިފައެވެ. މި ކަމުގައި ބައިވެރިވެ ވަޑައިގަންނަވާ ސައިންސްވެރިއަކު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގައި ބޭނުންކުރާ އާލާތްތައް ވާން ޖެހޭނީ އޮޕަރޭޝަން ތިއޭޓަރެއްގައި ބޭނުންކުރާ ތަކެއްޗަށް ވުރެ ވެސް ސާފު އަދި އެއްވެސް ޖަރާސީމެއް އަށަގެންފައި ނުވާ ތަކެއްޗަށެވެ.
ސައިންސް ވެރިން ގަބޫލުކުރާ ގޮތުގައި ލޭކް އެލްސްވޯތަށް ބޭރުގެ އެއްވެސް އެއްޗެއް އެކުނުވެ، އެ ފެންގަނޑު އެ ގޮތުގައި އޮންނަތާ މިހާރު 500000 (ފަސްލައްކަ) އަހަރު ވެއްޖެއެވެ. ފެންގަނޑުގެ މަތީގައިވާ ދެ މޭލުގެ ބޯމިނުގެ އައިސް ފަށަލައިގައި ލޯވަޅު އެޅުމަށް ޓަކައި ބޭނުންކުރާނީ ހޮޓް ވޯޓަރ ޑްރިލް މެތަޑެވެ. މި ގޮތުން އަޅާ ލޯވަޅު ނުބެދި 24 ވަރަކަށް ގަޑި އިރު ހުންނާނެކަމަށް ސައިންސްވެރިން ލަފާކުރެއެވެ.
ހުޅަނގު އެންޓާޓިކާގައި ކުރެވޭ މި ދިރާސާއިން ދުނިޔޭގައި ކުރިން މޫސުން އޮތް ގޮތާއި، މޫސުމަށް ބަދަލު އައިސްފައިވާ މިންވަރު ފަދަ މުހިންމު ކަންތައްތައް ދެނެ ގަނެވޭނެ ކަމަށް ސައިންސްވެރީން ގަބޫލުކުރެއެވެ.