13 Jul 2023, 09:52
މަސައްކަތުގެ މާހައުލަކީ ތަފާތު އެތައް މިޒާޖުގެ ގިނަ މީހުންތަކެއް އެއްތަނެއްގައި އުޅެން ޖެހޭ ތަނެކެވެ. ބައެއް ފަހަރަށް މި މާހައުލުގެ ތެރޭގައި މަސަައްކަތް ކުރާ މީހެއްގެ ފަރާތުން ނުސީދާ ގޮތަށް ވަރަށް ގޯސް ބަހެއް ރައްދު ވެދާނެއެވެ. މިފަދަ ކަން ކަމުގެ ތެރޭގައި އެކި ފަހަރު މަތިިން އުޅެން ޖެހޭ ނަމަ މިއީ "މައިކްރޯއެގްރެޝަން"އަށް ވެދާނެއެވެ.
"ތަންކޮޅެއް ބޮޑަށް ހިނިތުން ވެލަބަލަ"
"ވާހަކަ ދައްކާއިރު މާ އަޑުގަދަ"
މިފަދަ ބަސްތަކަކީ މަސައްކަތުގެ މާހައުލުގައި ގިނައިން އަޑު އިވިފައި ހުރެދާނެ ބަސްތަކެކެވެ. މިއީ މައިކްރޯއެގްރެސިވް ބަސްތަކަކަށް ވެދާނެއެވެ. އެހެންވީމާ މައިކްރޯއެގްރެޝަން އަކީ އަސްލު ކޮބާ ހެއްޔެވެ؟
މިގޮތަށް ނުސީދާ ގޮތަށް ބުނާ ބަސްތަކާއި އަމަލުތަކަށާއި ކުރާ ސުވާލުތަކަށާއި ހީކުރުންތަކަށް ކިޔަނީ ''މައިކްރޯއެގްރެޝަންސް''އެވެ. މިއީ މީހާގެ ކިބައިގައި ހުންނަ ސިފަތަކަށް އަމާޒުކޮށްގެން ބުނާ ބަސްތަކާއި އަމަލުތަކެވެ.
ގިނަ ފަހަރަށް މިފަދަ އަމަލުތައް އަމާޒުވަނީ ތަނެއްގައި މައިނޯރިޓީގެ ގޮތުގައި ބެލެވޭ މީހުންނަށެވެ. އަދި ބައެއް ފަހަރު ތިމާއަށް ވުރެ މަތީ މަގާމުގައި ތިބޭ މީހުންގެ ފަރާތުން މިފަަދަ ބަސްތައް ރައްދުވެއެވެ.
""ގިނައިން މައިކްރޯއެގްރެޝަންސް މުއާމަލާތު ކުރެވެނީ ބަހުގެ ތެރެއިން ކަމަށްވާތީ، ޚާއްޞަކޮށް މަސައްކަތުގެ މާހައުލުގައި އަދި ކްލާސްރޫމްތަކާއި ކޯޓު ރޫމްތަކާއި މިނޫންވެސް އިޖުތިމާއީ އެހެން މުއައްސަސާތަކުގައި ވާހަކަ ދައްކާ ގޮތަށް ސަމާލުކަން ދިނުން ވަރަށް މުހިންމު،" ޔުނިވާސިޓީ އޮފް މެރިލެންޑްގެ ލެންގުއޭޖް، ލިޓަރަސީ އަދި ކަލްޗާ ޕްްރޮފެސާ، ކްރިސްޓީން މެލިންސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވާހަކަ ދައްކަމުން ދާއިރު އަބަދު މެދު ކަނޑާލައި އަމިއްލަ ވާހަކަތައް ދެއްކުމަކީ މައިކްރޯއެގްރެޝަންގެ މިސާލެއް ކަމަށެވެ. މިއީ ބައްދަލުވުމެއްގެ ތެރެއިން ވިޔަސް ޓްރެއިނިންގެ ތެރެއިން ވި ނަމަވެސް އާންމުކޮށް ކުރިމަތިވާ ނަމަ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ލައިގެން ހުންނަ އެއްޗެއްސަށް ނުސީދާ ބަހުން އެއްޗެހި ބުނުމަކީ ވެސް މައިކްރޯއެގްރެޝަންގެ ތެރޭގައި ހިމެނޭނެ ކަންތަކެވެ. އެއާއެކު މީހާގެ ނުކުޅެދުންތެރިކަމެއް ހުރި ނަމަ އެކަން އެންމެންގެ މެދުގައި ފާހަގަކޮށް އެވާހަކަ ދެއްކުމަކީވެސް ހިމެނިދާނެ ކަމެކެވެ. އެ ވާހަކަ ދައްކަނީ ޕޮޒިޓިވްކޮށް ކަމަށް ވިޔަސް މިއީ ވެސް މައިކްރޯއެގްރެޝަނެކެވެ.