ޓޫރިސްޓުންގެ އަތުން އަގުނަގައިގެން ކަނޑު އަޑިއަށް ދަތުރުކޮށްދޭ އެމެރިކާގެ އޯޝަންގޭޓުގެ ސަބްމާސިބަލް އެއް ވިއްކަން އިއުލާނުކޮށްފިއެވެ.

ޖޫން 18 ގައި ފަސް ޓޫރިސްޓަކު ގޮވައިގެން -- އުތުރު އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭނިކް ދޮށަށް -- ދަތުރުކުރި އެ ކުންފުނީގެ ކުޑަ އުޅަނދެއް ކަމަށްވާ ޓައިޓަން ސަބްމާސިބަލް ގެއްލުމާ ގުޅިގެން މިކަން އާންމުންގެ ސަމާލުކަމަށް އައިސްފާތީ މި ކުންފުނި މިހާރު ވަނީ އެތައް ބަޔަކަށް އެނގޭ ކުންފުންޏަކަށް ވެފައެވެ. އެ ސަބްމާސިބަލް ވަނީ ކަނޑުގެ ޕްރެޝަރުގެ ސަބަބުން ކަނޑުގެ އެތެރެއަށް ފިތިފައި ކަމަށް ކަމާ ގުޅޭ ފަރާތްތަކުން ފަހުން ވަނީ ބުނެފައެވެ.

ބޮޑު އަގު ދީފައި ދަތުރުތައް ކުރަމުން ދިޔަ މި ކުންފުނީގެ ދަތުރުތައް ވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ. އެއާއެކު މިހާރު އެ ސަބްމާސިބަލް ހެޔޮ އަގުގައި ވިއްކުމަށް މަސައްކަތް ކުރަމުން އަންނަނީ ޔޮޓު ތަކެތި ވިއްކާ މީހެކެވެ. ސްޓީވް ރޯޝް ނަމަކަށް ކިޔާ މީހަކު މި ސަބް ވިއްކަން އުޅޭތާ މިހާރު ފަސް އަހަރު ވެއްޖެއެވެ.

ނަމަވެސް މީގެކުރިން މިލިއަނުން ވިއްކަން އުޅުނު ސަބް މިހާރު ބޭނުންވަނީ ހެޔޮ އަގުގައި އެ ވިއްކާލާށެވެ. އެގޮތުން އޭނާ މިހާރު އެ ވިއްކާލަން މަސައްކަތް ކުރަނީ 795،00 ޑޮލަރަށެވެ.

އޭނާ ބުނާގޮތުގައި ސަބްމާސިބަލް އެއްވެސް ވަރަކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި އެއާ އެއްވެސް ގޮތަކަށް އެއްވެސް ކަހަލަ މުއާމަލާތެއް ވެސް ކުރަން ބޭނުން ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނީ މިހާރު އޯޝަންގޭޓްގެ މައްސަލަތަކާ ގުުޅިގެން ސަބްމާސިބަލް ނުވެސް ވިކޭނެ ކަމަށެވެ. އެކަމާ ގުޅިގެން އޭނާގެ ވަރަށް ގިނަ ވަގުތުތަކާއި މަސައްކަތްތަކެއް ބޭކާރު ވެފައި ވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.