ބީބީސީގެ ހަބަރު ވެބްސައިޓަށް މި އަހަރުގެ ވެބީ އެވަރޑް ލިބިއްޖެއެވެ. ވެބީ އެވަރޑްގެ ކެޓަގަރީތަކުގެ ތެރެއިން "ޕީޕަލްސް ވޮއިސް" ކެޓަގަރީން އެވަރޑް ލިބުނު ބީބީސީގެ ވެބްސައިޓަކީ ކިޔުންތެރިންނާ އެންމެ ރައްޓެހި ހަބަރު ވެބްސައިޓުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

މި އަހަރު ވެބީ އެވަރޑް ލިބުނު އެހެން ސައިޓްތަކުގެ ތެރޭގައި ޕިންޓަރެސްޓާއި، ގޫގުލް ޕްލަސް އާއި ސްޕޮޓިފައި ހިމެނެއެވެ. މިއީ މި ފަރާތްތަކަށް ވެބީ އެވަރޑް ލިބުނު ފުރަތަމަ ފަހަރެވެ.

ފަނޑިޔާރުންގެ މާކުހަށް ބަލައިގެން އެންމެ ރަނގަޅު ހަބަރު ވެބްސައިޓަކަށް ހޮވިފައިވަނީ "ދަ ޑެއިލީ ބީސްޓް" އެވެ. ފަނޑިޔާރުންގެ ވޯޓުގެ އިތުރުން ކިޔުންތެރީންގެ ވޯޓަށް ވެސް އެވަރޑް ދިނުމުގައި ބަލައިފައިވެއެވެ. މި ފަހަރު ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމަކުން 1.5 މިލިޔަނަށް ވުރެ ގިނަ ކިޔުންތެރީން ވެބީ އެވަރޑަށް މާކުސް ދިނުމުގައި ވޯޓު ލައިފައިވެއެވެ.

މި އަހަރުގެ ބްރޭކްއައުޓް އޮފް ދަ އިޔަރ އެވަރޑް ލިބިފައިވަނީ ފޭސްބުކުން މިހާރު ގަނެފައިވާ އިންސްޓަގްރާމަށެވެ. މީގެ އިތުރުން ފޭސްބުކަށް ވަނީ "ޕީޕަލްސް ސްޕެޝަލް އެޗީވްމަންޓް ފޯރ ސޯޝަލް ޗޭންޖް"ގެ ކެޓަގަރީން އެވަރޑް ލިބިފައެވެ.

ވެބީ އެވަރޑަކީ އޮންލައިން ވެބްސައިޓްތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވަރޑެވެ. މިއީ އޮންލައިން އޮސްކަރގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.