13 Jul 2023, 13:44
ޗައިނާ ސަރުކާރުން ޓެކްދާއިރާއަށް އަޅާ ރެގިއުލޭޓަރީ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ޓެކް ކުންފުނިތަކަށް 1.1 ޓްރިލިއަން ޑޮލަރުގެ ގެއްލުންވެއްޖެއެވެ.
ދުނިޔޭގެ މާލީ ބާޒާރާ ބެހޭ ތަފާސްހިސާބުތައް ހިއްސާކުރާ ކުންފުންޏެއް ކަމަށްވާ ރިފިނިޓިވްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޗައިނާގެ ބޮޑެތި ޓެކް ކުންފުނިތަކާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ފިޔަވަޅު އަޅަން ފެށި ފަހުން އެ ގައުމުގެ ބޮޑެތި ޓެކް ކުންފުނިތަކުން އެއް ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. އެއީ މުޅި ނެދަލޭންޑްސްގެ އިޤްތިޞާދާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.
މި ފިޔަވަޅުތަކަށް ލުޔެއް ދޭނެކަމުގެ އިޝާރާތެއް ޗައިނާގެ މަރުކަޒީ ބޭންކް ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ)އިން މިހާރު ވަނީ ދީފައެވެ.
މަރުކަޒީ ބޭންކުން ބުނެފައި ވަނީ ޓެކް ކުންފުނިތަކުގެ މާލީ ވިޔަފާރިތަކަށް ދިމާވެފައިވާ މައިގަނޑު ގިނަ މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށާއި ރެގިއުލޭޓަރުންގެ ފޯކަސް ވަކި ކުންފުނިތަކަކަށް ވުރެ މުޅި ސިނާއަތަށް ދެން ބަދަލުކުރާނެ ކަމަށެވެ.
އެނަލިސްޓުން ފާހަގަކުރާ ގޮތުގައި އަލީބާބާއާ ގުޅިފައިވާ އެންޓް ގްރޫޕުން މިދިޔަ އަހަރު ހިއްސާގެ ބާޒާރަށް ނުކުންނަން ކުރި މަސައްކަތް ނާކާމިޔާބުވުމަށް މެދުވެރިވީ ވެސް ސަރުކާރުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
އޭގެ ފަހުން، ހޮންގްކޮންގްގައި ލިސްޓްކޮށްފައިވާ އަލީބާބާ ގްރޫޕް، ޓެންސެންޓް، ޗައިނާގެ ކާބޯތަކެތި ޑެލިވަރީ ކުރާ ކުންފުނި މެއިޓުއާން އާއި ސާޗް އިންޖީން ޕްރޮވައިޑާ ބައިޑޫ އިންކް އާއި އީ-ކޮމާސް ސައިޓްގެ މާކެޓް ކެޕިޓަލައިޒޭޝަނުން ގާތްގަނޑަކަށް 1.1 ޓްރިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ.
އެ މުއްދަތުގައި އެ ފަސް ކުންފުނީގެ ހިއްސާގެ އަގު ވަނީ 40.4 ޕަސެންޓާއި 71 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައެވެ.