މޮސްކޯ (12 ޖުލައި 2023) : ޔުކްރެއިންއަށް ޒަމާނީ ބަރުހަތިޔާރުގެ ފުނިވަރުތައް ދޭ އިރުވެސް ރަޝިއާގެ މައްޗަށް އެގައުމަށް އެއްވެސް ވަރަކަށް ކާމިޔާބު ނުހޯދޭތީ އެމެރިކާއާއި ޔޫރަޕް ވަރަށް ބޮޑަށް މާޔޫސްވެފައިވާކަމަށާއި ޔުކްރެއިންއަށް ކްލަސްޓާ ބޮންދޭން ނިންމީވެސް އެކަމާގުޅިގެންކަމަށް ރަޝިއާ ބުނެފިއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މާރިއާ ޒަޚަރޯވާ ވިދާޅުވީ ހުޅަނގުގެ ޒަމާނީ ބަރުހަތިޔާރާއެކު ޔުކްރެއިނުން ފެށި ކައުންޓާ އެޓޭކުން ހުޅަނގުގެ ގައުމުތައް އުންމީދުކުރި އެއްވެސް ކަމެއް ޔުކްރެއިން އަށް ހާސިލްކުރެވިފައިނުވާތީ ހުޅަނގުގެ ރަޝިއާއާ ދެކޮޅު އެޖެންޑާ ޔުކްރެއިންއަށް ތަންފީޒުކުރެވިދާނެކަމުގެ ޔަގީންކަން ހުޅަނގުގެ ލީޑަރުންނަށް މިހާރުވަނީ ގެއްލިފައެވެ.

ހުޅަނގުގެ މުސްތަގިއްލު ރިޕޯޓްތަކާއި މުސްތަގިއްލު މުހައްލިލުން ވިދާޅުވާގޮތުގައި ކައުންޓާ އެޓޭކް ފެށުމަށް އެމެރިކާއާއި ނޭޓޯގެ އެހެންގައުމުތަކުން ޔުކްރެއިން އަށް ދިން ޒަމާނީ ބަރުހަތިޔާރުގެ ބޮޑުބައި ރަޝިއާ ވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައި ހަލާކުކޮށްލާފައެވެ.

ރަޝިއާވަނީ ހުޅަނގުގެ ހަތިޔާރުތަކުގެ ބޭނުން ނުހިފެނީސް އެތަކެތި ހަލާކުކޮށްލާނެކަމާ ޔުކްރެއިން އަށް ޒަމާނީ ހަތިޔާރު ދިނުމަކީ ފޫނެއްފަޔަށް ފެންފުރުންކަމުގެ އިހްސާސު ހުޅަނގުގެ ލީޑަރުންނަށް ދާދިއަވަހަށް ކުރެވޭނެކަމަށް މާކުރިންވެސް ބުނެފައެވެ. ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަންކުރުމުގެ ނަމުގައި ހުޅަނގުގެ އަސްކަރީ އެހީއާއެކު މިދިޔަ ޖޫން މަހުގެ ކުރީކޮޅު ޔުކްރެއިނުން ކައުންޓާއެޓޭކް ފެށީ ވަރަށް ބޮޑު އުންމީދަކާއެކުގައެވެ.

ނަމަވެސް އެ ހަމަލާތަކުން މިހާތަނަށް ޔުކްރެއިންގެ އެއްވެސް ސަރަހައްދެއް މިނިވަންކުރެވިފައެއް ނުވެއެވެ. ހައެއްކަ އަވަށެއްގައި ހައެއްކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ރަޝިއާ ސިފައިން ފަހަތަށް ޖައްސާލެވުން ފިޔަވައި އެހެންކަމެއް ނުކުރެވެއެވެ.

ރަޝިއާގެ އަތްދަށުގައިވާ ލުޣާންސްކް، ދޮނިޔެކްސް، ޒަޕަރޫޖިއާ، އަދި ކްރައިމިޔާފަދަ އެއްވެސް ސަރަހައްދެއް މިނިވަންވިކަން އިއުލާނުކުރަން ޔުކްރެއިންއަށް ކެރިފައެއް ނުވެއެވެ. އެއީ ކައުންޓާ އެޓޭކްއާއެކު ފެށި ހަނގުރާމައިގާ މާބޮޑު ކާމިޔާބީއެއް ޔުކްރެއިން އަށް ހާސިލްކުރެވިފައިނުވާތީއެވެ.

ކައުންޓާ އެޓޭކް ފެށުނުކަން ޔުކްރެއިން ގެ ރައީސް އިއުލާނުކުރެއްވިތާ އެއްމަސްފަހުން މިދިޔަ ހަފްތާގައި ޔުކްރެއިންގެ ދިފާއީ ވަޒީރުވަނީ ކައުންޓާ އެޓޭކް އަދި ނުފެށޭކަމަށް ވިދާޅުވެ އޮޅުންބޮޅުން ބޮޑު އަދި ޥާނުވާ ނޭންގޭ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

ކައުންޓާ އެޓޭކްގައި ކާމިޔާބު ހޯދުމަށް ނުކުޅެދިފައިވާ ޔުކްރެއިންގެ ލީޑަރުން އަނެއްކާ މިހާރު ދައްކަވަނީ ޔުކްރެއިން އަށް ބޭނުންވާ ވަރަށް ހުޅަނގުން ހަތިޔާރު ނުލިބޭ ވާހަކައެވެ.

ނަމަވެސް އެމެރިކާގެ މަޖައްލާ އެއްކަމަށްވާ "ފޮރިން ޕޮލިސީ" އިންވަނީ ޔުކްރެއިން އަށް ހަތިޔާރު ދިންލެއް ގިނަކަމުން އެމެރިކާގެ ސްޓޮކްގައި ގިނަ ބާވަތްތަކެއްގެ ހަތިޔާރު މަދުވެފައިވާކަމާ މިކަމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ގާބިލްކަމަށް އަސަރުކޮށްފާނެކަމުގެ ބިރު އޮތްކަން އެމެރިކާގެ އިސް ބައެއް ޖެނެރަލުން އެމެރިކާގެ ދިފާއީ ވަޒީރަށް ދެންނެވިކަން ހާމަކޮށްފައެވެ.

ހުޅަނގުގެ މުސްތަގިއްލު ރިޕޯޓްތައް ބުނާގޮތުންވެސް ޔުކްރެއިން ހަނގުރާމައިގެ ކުރީކޮޅާ އަޅާބަލާއިރު ހަނގުރާމައިގާ ރަޝިއާ މިހާރުވަނީ ހަތިޔާރުގެ ގޮތުންނާއި ލޮޖިސްޓިކްގެ ގޮތުންނާ އަދި ރޭވުންތެރިކަމުގެ ގޮތުން ޔުކްރެއިން އާ އަޅާބަލާއިރު ބޮޑު ތަފާތެއް ދައްކަން ފަށާފައިކަން ހާމަކޮށްފައެވެ.

މިއާ ޚިލާފަށް ޔުކްރެއިންގެ ފަރާތުން ފެންނަނީ ހަނގުރާމައިގެ ކުރީކޮޅާ އަޅާ ބަލާއިރު ބަލިކަށިކަމާއި ދޯހަޅިކަންކަމަށްވެސް މި ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ހުޅަނގުގެ ރަސްމީ ރިޕޯޓްތަކުގައި މިކަން ފާހަގަކޮށްފައެއް ނުވެއެވެ. ކައުންޓާ އެޓޭކްގައި ކުރިއެރުން ނުލިބޭ މައްސަލާގައި ޔުކްރެއިނުން މާގިނަ ވާހަކަތަކެއް ނުދައްކައެވެ.

ޔުކްރެއިނުން މިހާރު ބުނަނީ ހަނގުރާމަ ދިގުލައިގެންދާނެ ވާހަކައާއި އެގައުމަށް ބޭނުންވާ ވަރަށް ހުޅަނގުން ހަތިޔާރުނުދޭ ވާހަކައެވެ. ޔުކްރެއިން އަކީ ހުޅަނގުން ޑިމޮކްރަސީއެއްކަމަށް ސިފަކުރާގައުމެކެވެ. ހުޅަނގުން ބުނާގޮތުގައި ރަޝިއާއާ ދެކޮޅަށް ޔުކްރެއިން އަށް އެހީތެރިވަނީ އެގައުމަކީ ޑިމޮކްރަސީއާއި ހުޅަނގުގެ ވެލިއުތައް ރަޝިއާގެ ޚުދު މުޚުތާރު ނިޒާމުގެ ކުރިމަތީގައި ދިފާއުކުރާގައުމަކަށްވާތީ އެކަމުގެ ބޭނުމުގައެވެ.

ނަމަވެސް ޔުކްރެއިންގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯވެއެވެ. ޔުކްރެއިންގެ ހުރިހާ އިދިކޮޅު ލީޑަރުންވަނީ ޖަލުގައެވެ. މުޅި ގައުމުގެ ހުރިހާ މުއައްސަސާތަކެއްގައި އޮންނަނީ އެގައުމުގެ ރައީސް ޒެލެންސްކީގެ ޚުދުމުޚްތާރު ބާރެވެ.

ޔުކްރެއިން އަށް ކްލަސްޓާ ބޮންދޭން އެމެރިކާ ނިންމުމާ ގުޅިގެން ރަޝިއާގެ ދިފާއީ ވަޒީރު ވަނީ ޔުކްރެއިނުން ކްލަސްޓާ ބޮން ބޭނުންކޮށްފިނަމަ ރަޝިއާ ޔުކްރެއިން އާ ދެކޮޅަށް ވަރަށް ޒަމާނީ ވައްތަރެއްގެ ކްލަސްޓާ ބޮން ބޭނުންކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ރަޝިއާ މިފަހަކަށް އައިސް ބޭނުންކުރާ ހަތިޔާރުތައް މާބޮޑަށްވެސް ޒަމާނީ ވެފައި ބާރުގަދަކަމަށް ޚުދު ހުޅަނގުގެ ރަސްމީ ރިޕޯޓްތަކުގައިވެސް ނުސީދާގޮތެއްގައި ފާހަގަ ކުރަމުން ގެންދެއެވެ. ނަމަވެސް ރަޝިއާގެ ބާރުގަދަ ހަތިޔާރުތަކުން ހުޅަނގުގެ ހަތިޔާރުތައް ހަލާކުކޮށްލާ އަވަސްމިނާ ބެހޭގޮތުން އެރިޕޯޓްތަކުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.