ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް އަލް ނަސްރާ އަލަށް ހަވާލުވި ކޯޗު ލުއިސް ކާސްޓްރޯ ބުނެފިއެވެ.

ބްރެޒިލްގެ ކްލަބު ބޮޓަފޮގޯއަށް އިރުޝާދު ދިނުމަށްފަހު އަންނަ ސީޒަނުގައި ކާސްޓްރޯ ފެނިގެންދާނީ ސައުދީ އަރަބިއާގެ އަލް ނަސްރުގެ ކޯޗުކަމުގެ މަގާމުންނެވެ.

ރޮނާލްޑޯއާއެކު އަލް ނަސްރަށް މިދިޔަ ސީޒަނުގެ ސައުދީ ޕްރޯ ލީގު ކާމިޔާބު ނުކުރެނު ނަމަވެސް، ކާސްޓްރޯ ވަނީ ރޮނާލްޑޯއަށް ތައުރީފުކޮށްފައެވެ. އުމުރުން 38 އަހަރުގެ ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލް ނަސްރާ ގުޅުނު ފަހުން އެ ކްލަބަށް ކުޅުނު 19 މެޗުން 14 ގޯލު ކާމިޔާބުކޮށްދީފައެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ކޯޗުކަން ކޮށްދޭން ފުރުސަތު ލިބުމަކީ އަބަދުވެސް ލިބޭނެ ބޮޑު އުފަލެއް. ރޮނާލްޑޯ އެ ހުރީ އަހަރެންގެ ޓީމުގައި. އޭނާގެ ނަން ފުޓުބޯޅައިގެ ތާރީހުގައި ލިޔެވިގެންދާނެ. އެހެންކަމުން އޭނާއާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ޝަރަފެއް،" ނޫސްވެރިންނާ ވާހަކަދައްކަމުން ކާސްޓްރޯ ބުންޏެވެ.

މިވަގުތު ޗުއްޓީގައި ހުރި ރޮނާލްޑޯ، މި ހަފުތާގެ ތެރޭގައި އަލް ނަސްރުގެ ތަމްރީނުތަކާ ގުޅޭނެއެވެ. އެއަށްފަހު ޕޯޗުގަލްގައި އެ ކްލަބާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ސައުދީގެ އެހެން ކްލަބުތަކެކޭ އެއްގޮތަށް އަލް ނަސްރުން ވެސް ދަނީ އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އަންނަ ސީޒަނުގައި އިންޓަ މިލާނަށް ކުޅުނު ކްރޮއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް އެ ކްލަބުން ފެންނާނެއެވެ.