03 May 2012, 08:43
ކެންސަރު ޖެހުމުން ރަހުމްކޮށް އަޅައިލާނެ މީހަކު ނުވެގެން "އެއްލާލާފައިވާ" އަންހެންނަކު ޅ. ހިންނަވަރު ސިއްހީ މަރުކަޒުގެ މުވައްޒަފުން ބަލަމުން އެބަދެ އެވެ.
ޅ. ހިންނަވަރު އޯޝަންވޭކް، ޚަދީޖާ މުހައްމަދު ރަޝާދު 51، އަށް ވަނީ ރަހިމްގެ ކެންސަރު ޖެހިފަ އެވެ. ހިންނަވަރު ސިއްހީ މަރުކަޒުގެ މުވައްޒަފުން އޭނާއާ ހަވާލުވީ އޭނާ ބަލަމުން އައި މީހުންގެ ދިރިއުޅުން މާލެއަށް ބަދަލުވެ، ޚަދީޖާގެ އެކަނި ހާލަށް ދޫކޮށްލާފައި އޮންނަތާ އެތައް ދުވަހެއް ފަހުންނެވެ.
"ބައެއް މީހުން ބުނީ ޚަދީޖާ އެހެން އޮންނަތާ ދެ މަސް ވަރުވެދާނެ ކަމަށް. ބައެއް ފަހަރު އޭނާ އަށް ކާންދީ ހަދަނީ ރަށުގެ އެ ހިސާބުގަނޑު މީހުން ކަމަށް،" ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަދި މިވަގުތު ހަދީޖާ ބެލެހެއްޓުމުގައި ވެސް އިސްކޮށް ހުންނެވި މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ކެންސަރު ބައްޔާ ހަނގުރާމަ ކުރަން ޖެހުމާ ހަމައަށް ވެސް ޚަދީޖާ ދިރިއުޅެމުން އައީ އޭނާގެ މަންމަ ފަރާތުގެ އާއިލާ މީހުނާއެކު އެވެ. އެމީހުންދެކެ އޭނާ ވަރަށް ލޯބިވާ ކަމަށް ވެ އެވެ. ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައި ނުވާ ޚަދީޖާއަށް މިހާރު އާއިލާގެ އެމީހުންގެ ގައިގައި ފިރުމާ ދެވޭކަށް ނެތެވެ. އަދި ހަދީޖާ އަށް ކެންސަރު ޖެހުމުން އެ މީހުންނަކަށް ވެސް ހަދީޖާ މުހިންމެއް ނުވި އެވެ. މީގެ ހައެއްކަ މަސް ކުރިން އިންޑިއާ އަށް ދިއުމުން އޭނާގެ ރަހިމަށް ކެންސަރު ޖެހުނުކަން އެނގުނު ހިސާބުން ފެށިގެން އޭނާގެ ދިރިއުޅުން ވަނީ ހިމޭން ވެފަ އެވެ. ވަށައިގެން ތިބި މީހުން ދުރަށް ހިނގައްޖެ އެވެ. ހިންނަވަރު ސިއްހީ މަރުކަޒުގެ މުވައްޒަރުން ހަދީޖާއާ ހަވާލުވީ އެކަނިމާއެކަނި ގޭތެރޭގައި ނުތާހިރާ އޮންނަތާ ވެސް ދުވަސްތަކެއް ފަހުންނެވެ.
މަރުކަޒުގެ މުވައްޒަފުން ހަދީޖާގެ ބަލަދުވެރިންނަށްވީ މިދިޔަ މަހު 18 ވަނަ ދުވަހު އެވެ. އެ ދުވަހު މަރުކަޒަށް ގެންގޮސް އެޑްމިޓް ކުރި އިރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފާރުވެ، ދިޔަހެދިފައި ހުރި ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
"އޭނާ އެގޮތަށް އޮންނަ ތަން ފެނިގެން މިތަނުގެ ކުދިން އަޅުގަނޑު ގާތު އެދުނީ ގެނެސް ފަރުވާދޭން. ކައުންސިލް އިދަރާގެ ހުއްދައާ އެކު މިތަނަށް ގެނައި އިރު މުޅި ހަށިގަނޑު އޮތީ ހަލާކުވެފައި. އޮވެއޮވެ ބުރަކަށި ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. ޑޮކްޓަރު ވިދާޅުވީ ވަގުތުން އެޑްމިޓްކޮށްގެން ފަރުވާދޭން. އެއްޗެއް ނުވެސް ކެވޭ. ހޮޅިގުޅައިގެން ދިޔާ އެއްޗެއްހި ދެނީ. ކުޑަކަމުދާ ހޮޅިވެސް ގުޅާފައި ނެޕީ ޖަހައިގެން މިގެންގުޅެނީ. އަޅުގަނޑުމެންގެ ކުދިން ގިނަ ޚަރަދުތައް ވެސް އެކުރަނީ މިހާރު،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ހަދީޖާ މިހާރު އޮތީ ޑިސްޗާޖުކޮށްފަ އެވެ. ނަމަވެސް އޭނާއާ ހަވާލުވާނެ މީހަކު ނެތެވެ. މިހާރު އޭނާގެ ގެއަކަށް ވެފައި ވަނީ މަރުކަޒެވެ. ބަލަދުވެރިންނަށް ވެފައި ވަނީ އެތާގެ މުވައްޒަފުންނެވެ.
ހިންނަވަރު ކައުންސިލް އިދާރާގެ ރައީސް ވިދާޅުވީ ޚަދީޖާގެ އާއިލާގެ މީހުން ތަފާތު އެކި ފަހަރު މަތިން ކައުންސިލް އިދާރާއަށް ހާޒިރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް އެހީވާ ކަމަށް އާއިލާއިން ބުނާ ކަމަށެވެ.
ޚަދީޖާއާ އެއްބަފާ އަމްޖަދު ރަޝާދަކީ ހަދީޖާއާ ދުރުގައި އުޅޭ މީހެކެވެ. އޭނާ ބުނީ ދައްތައަށް އެ ހާލުޖެހިފައިވާ ކަން އެނގުނީ ދައްތައަށް އެހީވާނެ މީހަކު ނެތިގެން ކައުންސިލް އިދާރާ އަށް ގެންދިއުމުން ކަމަށެވެ. ދައްތަ ބަލަހައްޓަމުންދިޔަ މީހުން ދައްތައަށް އަޅާނުލައި ދޫކޮށްލިކަން ކުރިން އެނގިފައި ނުވާ ކަމަށެވެ.
އަމްޖަދު ބުނީ ދައްތަ ހިނގާބިނގާވެ އުޅުނު އިރު ވެސް އޭނާއާ އެކު އުޅުމަށް އެކިފަހަރު މަތިން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ދައްތަ ބޭނުންވީ ކުރިން ވެސް ބަލަހައްޓަމުން އައި މީހުން ގާތުގައި އިނުމަށް ކަމަށެވެ.
"ބަލިވިފަހުން ވެސް ކައުންސިލް އިދާރާ މެދުވެރިކޮށް ގެނެވޭތޯ މަސައްކަތް ކުރުމުން ވެސް ނައި. އަޅުގަނޑު ގާތަށް އައުމަށް ވުރެ ބޮޑަށް ދައްތަ ދާން ބޭނުންވަނީ ކުރިން ބެލެހެއްޓި މީހުން ގާތަށް އެއީ ދައްތައާ އެކު އެތައް ޒަމާންތަކެއް ވަންދެން އުޅުނީ އެމީހުން، އެހެންވެ އެމީހުންދެކެ ބޮޑަށް ލޯބި ވަނީ،" އަމްޖަދު ބުންޏެވެ. "އަޅާލާނެ ބައަކު ނެތް ކަމަށް ބުނަންޏާ، ބުނެވިދާނެ ހަގީގަތުގައި އޭނަ ބަލަމުން އައި މީހުން އޭނަ ނުބަލާ އެއްލާލިއޭ!"
ކުރިން ޚަދީޖާ ބެލި މީހުންގެ ބަހެއް ހޯދަން ކައުންސިލް އިދާރާ މެދުވެރިކޮށް މަސައްކަތްކޮށްގެން ވެސް ގުޅޭ ގޮތެއް ނުވި އެވެ. އާއިލާގެ މީހުން ގިނަވެފައި ލޯބިވާ މީހުންގެ ޚިދުމަތުގައި އުމުރު ހުސްކޮށްލަން ޖެހުނަސް ބަލި އެނދުގައި އޮތް ދުވަހު ހަދީޖާގެ ހާލު ބަލާލާނެ މީހަކު ވެސް ނުވި އެވެ. އޭނާގެ ބަލަދު ވެރިންނަށް ވާން ޖެހުނީ މުޅިން އެހެން ބަޔަކަށެވެ. އޭނާގެ ގެއަކަށްވީ ސިއްހީ މަރުކަޒެވެ.