މިދިޔަ ހޯމަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އެމްޑީޕީގެ އިންތިހާބީ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަލްހާން ފަހުމީ ވަކި ކުރުމާ އެކު އެ މައްސަލައިގައި އުފެދޭ ސުވާލުތައް ވަނީ ގިނަވެފަ އެވެ. ހާވިޔާވެގެން އެ މައްސަލަ ގުޅި ކުރިފަޅައި ނިކުންނަ ގާނޫނީ މައްސަލަތަކާއި ސުވާލުތައް ގިނަ އެވެ. އެންމެ ފުރަތަމަވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހައްސިއްޔަތުގައިވެސް ޖަހަން ޖެހެނީ ސުވާލު މާކެކެވެ. ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިޔާ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުމަށް ފަހު ޑީޑީ ދެއްކެވި ވާހަކަފުޅުތަކުން ގާނޫނީ މައްސަލަތަކުގެ ކުރި އިތުރަށް ފަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ޑީޑީ މީޑިއާއަށް ވިދާޅުވި އެވެ؛ " އިލެކްޝަންސް ކޮމިޝަންގައި ދަފްތަރު ކުރެވިފައިވާ އަސާސީ ގަވާއިދަކު ނެތް ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު އިތުބާރު އޮތްތޯ ބެލޭނެ ޖާގައެއް ވެސް. އަދި އަސާސީ ގަވާއިދެއްގައި ނެތް ޕާޓީގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވިދާނެ ކަމަށް،"

މިއީ ޑީޑީ އުފެއްދެވި ގާނޫނީ ބޮޑު ސުވާލެކެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނެއް އަދި ނެތެވެ. އެކަމަކު ސިޔާސީ ޕާޓީތައް ބަލަހައްޓާނެ ބާރުވެރި ގަވާއިދެއްގެ ހިޔާ އެބަ އޮތެވެ. އެ ހިޔަލުން ބޭރަށް ކުޑަ ތަންފުކުއްވެސް ޕާޓީއަކަށް ދެމި ގަނެވޭނޭ ޖާގައެއް ނޯންނާނެ އެވެ.
މަސްލަހަތަށްޓަކައި ނަން ނުޖެހުމަށް ޝަރުތުކޮސް ގާނޫނީ ވަކީލަކު ވިދާޅުވީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ކޮންމެ ޕާޓީ އަކުންވެސް އަމަލުކުރާ އަސާސީ ގަވާއިދެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ރަސްމީ ގޮތުން ދަފްތަރުގައި ހިމަނަން ޖެހެ އެވެ. ނޫންނަމަ އެއީ އަމަލުކުރެވޭނެ ގަވާއިދެއް ނޫނެވެ. އެ ވާނީ ހަމަ ބާތިލެވެ.

"އެކަން ވަރަށް ސާފުކޮށް އޮންނާނެ އެގެން، އަސާސީ ގަވާއިދަށް ބަދަލެއް ގެނެޔަސް އަދި މުޅިން އަލަށް އެ އެކުލަވާލިޔަސް އެ އޮންނަންޖެހޭނެ އިލެކްޝަންއަށް ރަސްމީކޮށް އަންގާ ދަފްތަރުކޮށްފައި، ނޫންނަމަ ކިހިނެތްތޯ އިނގޭނީވެސް އެ ގަވާއިދެއް މި ގަވާއިދެއް ވަކި ކުރަން، ނޭން ގޭނެ ނޫންތޯ؟،" ވަކީލު ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ ގޮތުގައި އިލެކްޝަންސް ގައި އޮތީ "މާކުރީގެ" ގަވާއިދެއް ކަމަށް ފުއާދާ ހަވާލާ ދެއްވާ ޑީޑީ ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުން ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ބެލޭނޭ ޖާގަ ގައުމީ މަޖިލީހަށް ލިބެނީ 2010 ވަނަ އަހަރު އިސްލާހު ކުރެވުނު އަސާސީ ގަވާއިދުންނެވެ. އެ ގަވާއިދު ގާނޫނީ ގޮތުން ބަލައި ގަނެވޭނޭ ޖާގަ މިއަދު ހަންޏެވެ.

"އެހެންވީމަ އޭޕްރީލް 30 ވަނަ ދުވަހު ގައުމީ މަޖިލީހުގެ ނިންމުމަކީ ބާތިލް ނިންމުމެއް. އަޅުގަނޑު ގަބޫލެއް ނުކުރަން އަސާސީ ގަވާއިދުގެ ދަށުން އަޅުގަނޑު ޕާޓީގެ ރައީސްކަމުިގެ މާގަމުން ވަކިވެފައިވާކަމަކަށް،" ޑރ. ޑީޑީ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެކަމުގައި އަދި ތިބޭ ހަމަ ހިމޭނުންނެވެ. އިލެކްޝަންސް ކޮމިޝަނާ ފުއާދު ވިދާޅުވަނީ އެންމެ ވާހަކަ އެކެވެ. އެއީ "އެ މައްސަލަ ހިނގާފައި އޮތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި އެއްގޮތައްތޯ ބައްލަވާނެ" ކަމަށެވެ.

ޕާޓީގެ ރައީސް އާއި ނައިބު ރައީސް ބޭތު ކުރުމުގެ ގަރާރު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އެމްޑީޕީގެ ގައުމީ މަޖިލީހަކީ ބާރުގަދަ މަޖިލީހެކެވެ. ހާމިދު ވިދާޅުވީ އެއީ ހަމަ "ރައްޔިތުންގެ މަޖިލިސް" ކަމަށެވެ. އަދި އަސާސީ ގަވާއިދަށް ބަދަލު ގެނައުމުގެ ފުރިހަމަ ބާރުތައް ޖަމާވެފައި ވަނީ އެ މަޖިލީހަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެހެން ކަމަށް ވާނަ ކީއްވެތޯ އެ ބޭފުޅުން ވަކި ނުކުރެވޭންވީ،" ހާމިދު ސުވާލުކުރެއްވި އެވެ. "އަޅުގަނޑުމެންގެ ގައުމީ މަޖިލީހަކީ ޕާޓީގެ ގަވާއިދު އިންޓަޕްރިޓް ކުރުމުގެ އޮތް އެންމެ ބޮޑު މަޖިލީސް. މިދަންނަވަނީ ސިޔާސީ ޕާޓީއަކުން ކުރާ ކަމެއްގެ ވާހަކަ. ކުޑަކުޑަ ބަސްނާހާ ކުއްޖެއްޖަކަށް މޯރަލް އޮތޯރިޓީ އެއް ލިބިފައިވާ ބައެއް ހަގީގަތުގަ ނެތް. ރައްޔިތުންގެ މަޖިލީހުގައި ވެސް އޮންނަނީ އެ މަޖިލީހަށް ވެސް ގާނޫނު އަސާސީއަށް ބަދަލުގެނައުމުގެ ބާރު ލިބިފަ. ހަމަ އެ އުސޫލު ހިނގާވަރުގެ މަޖިލީހަކުން އެކަން ކޮށްފަ އޮތީ،"

ސުވާލެއް އެބަ އޮތެވެ؟ ޕާޓީގެ އެންމެ އިސްގުނަވަނުން ގެނައި ބަދަލު ގާނޫނީ ލޮލަކުން ބަލައިގަންނަން ހަދާނީ ކިހިނެތް ހެއްޔެވެ. އިރު އަރައި އޮއްސޭ ގޮތަށް ޕާޓީ ތަކުގެ އަސާސީ ގަވާއިދަށް އެއްކަލަ މަޖިލީހުން ބަދަލު ގެނެސް ހިތުިހުރި ގޮތަކަށް ކަންކުރަންވީ ބާ އެވެ؟

އެ ސުވާލުތަކަށް ޖަވާބު ހޯދައިދެނީ ސިޔާސީ ޕާތީ ތަކުގެ ގަވާއިދެވެ. އަސާސީ ގަވާއިދަށް ބަދަލު ގެންނައުން ނުވަތަ އަލުން އެކުލަވާލުން ފަދަ ބަދަލެއް ގަވާއިދަށް އައިސްފިނަމަ އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހެ އެވެ. އެހެން ނޫންނަމަ ޕާޓީތައް ރެގިއުލޭޓް ކުރެވޭނެ ޖާގައެއްވެސް ނެތެވެ. ނޫންނަމަ ދެން އިއާދަ ވާންވީ ކޮމިޔުނިޒަމް އަށެވެ. އެފަދަ ޕާޓީތަކުން ރޫހީ ލީޑަރުންގެ ވިސްނުމަށް ކޮންމެ ކަމެއްވެސް ދީލައިލާނެ އެވެ. އެ މީހާ އަކީ ޕާޓީ އެވެ. ޕާޓީ އަކީ އެ މީހާ އެވެ. މައުމޫން ވިދާޅުވި ފަދައިންނެވެ؛ "ޑީއާރުޕީއަކީ އަހަންނެވެ، އަހަންނަކީ ޑީއާރުޕީ،" އެވެ. އަނެއް ދުވަހުން ރައީސް ނަޝީދުވެސް އެމްޑީޕީންވެސް އުފުލާނީ ހަމަ މި އަޑު ބާ އެވެ؟ އެހެން ކަމަށް ވާނަމަ އެއީ ޒަމާނީ ދުނިޔެ އާއި ތަހުޒީބު ދައްކާ ޑިމޮކްރަސީއެއް ނޫނެވެ.