ޑައިރެކްޓަރު އަދި އެކްޓަރު ފަރްހާން އަޚްތަރުގެ ފިލްމު "ޖީލޭ ޒަރާ"ގެ ހުށަހެޅުމަށް ބަތަލާ އަނުޝްކާ ޝަރުމާ އިންކާރުކޮށްފިއެވެ. ބަތަލާ އަނުޝްކާއަށް ހުށަހަޅާފައިވަނީ ފިލްމުގައި ޕްރިޔަންކާ ޗޯޕްރާ ކުޅެން ހަމަޖެހުނު ރޯލެވެ.

ޕްރިޔަންކާގެ ހޮލީވުޑް ފިލްމީ މަސައްކަތްތަކެއް ހުރުމާއެކު "ޖީލޭ ޒަރާ"އަށް ވަގުތު ދެވެން ނެތުމުން ބަތަލާވަނީ ފިލްމުން ވަކިވެފައެވެ.

ފިލްމު "ޖީ ލޭ ޒަރާ"އަކީ ބަތަލާއިންތަކެއް ލީޑްރޯލްއިން ފެންނަ ފިލްމެއްކަމުން އަނުޝްކާއަށް މިފިލްމުގެ ސްކްރިޕްޓް ވަރަށް ކަމުދިޔަކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް އަނުޝްކާގެ ފިލްމީ މަސައްކަތްތައް ހުރިގޮތުން މިފިލްމަށް ވަގުތު ދެވެންނެތްކަމަށްވަނީ ބުނެފައެވެ. ކައިވެންޏަށްފަހު މަންމައަކަށްވުމުން އަނުޝްކާވަނީ ފިލްމީ މަސައްކަތްތަކާ އެއްވަރަށް އާއިލާއަށްވެސް ވަގުތު ހުސްކުރުމަށް ނިންމާފައެވެ.

ފަރުހާން އަޚްތަރު ހުށަހެޅި ދުވަސްތަކަކީ ބަތަލާއަށް މިވަގުތު ހުސްކުރެވެން ހުރި ތާރީޚުތަކަށް ނުވުމުން އަނުޝްކާވަނީ ލިބުނު ފުރުސަތު ދޫކޮށްލާފައެވެ. އަނުޝްކާއާއި ޕްރިޔަންކާއެކޭ އެއްގޮތަށް މިފިލްމުގެ ދެ ބަތަލާއިން އާލިއާ އަދި ކެޓްރީނާއަށްވެސްވަނީ ފިލްމަށް ވަގުތު ހުސްކޮށްދެވޭނެ ވަކި ތާރީޚުތަކެއް ނިންމަން ދަތިކަމަށް ބުނެފައެވެ.

ފަރުޚާންގެ ކާސްޓުންގެ ތާރީޚުތައް ލިބުން ދަތިވުމުން މިފިލްމުގެ މަސައްކަތް ފެށުންވަނީ މިވަގުތަށް ހުއްޓާލާފައެވެ. އަދި ފަރުޚާން ނިންމާފައިވަނީ މިމުއްދަތުގެތެރޭގައި އާމިރު ޚާންގެ ފިލްމު ކުންފުނިން އުފައްދާ "ޗެމްޕިއަން"އަށް ވަގުތު ހުސްކުރުމަށް ނިންމާފައެވެ.

ފިލްމު "ޗެމްޕިއަން"އަށްފަހު ފަރުޚާންގެ ހުރިހާ ވަގުތެއް ހުސްކުރާނީ ރަންވީރު ސިންގްއާއެކު މަސައްކަތްފަށަން ނިންމާފައިވާ "ޑޮން3"ގެ ޑައިރެކްޝަންއަށްކަމަށް ފަރުޚާންވަނީ ބުނެފައެވެ. ފިލްމު "ޑޮން3" އިއުލާނުކުރުމަށް ނިންމާފައިވަނީ މިމަހުގެ ޖުލައި 6ގައި ނަމަވެސް އެކްޓަރު ޕްރަބާސްގެ ފިލްމު "ސަލާރު"ގެ ޓީޒާ އެދުވަހު ލޯންޗުކުރުމަށް ނިންމުމާއެކު "ޑޮން3" އިއުލާނުކުރުންވެސްވަނީ ފަސްކުރެވިފައެވެ. ފަރުޚާން ގެނެސްދީފައިވާ ރީތި ފިލްމުތަކުގެތެރޭގައި "ދިލް ޗަހަތާހޭ"، "ރޮކް އޮން"، "ޒިންދަގީ ނާމިލޭންގޭ ދޮބާރާ" އަދި "ދިލް ދަޅަކްނޭދޯ" ހިމެނެއެވެ.