ހެލްތު ސަވިސަސް ކޯޕަރޭޝަންތައް އުވާލެއްވުމަށާއި އެ ކޯޕަރޭޝަންތަކުގެ ދަށުން ހިނގަމުންދާ ޞިއްޙީ ޚިދްމަތްދޭ ތަންތަން، ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ކޯޕަރޭޝަންތައް ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ހެލްތް ސަވިސަސް ކޯޕަރޭޝަންތަކުގެ މަސައްކަތްތަކާ ބެހޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

އެކަމާ ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ކޯޕަރޭޓް އުޞޫލުން ޞިއްޙީ ޚިދްމަތް ދިނުމުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތަޖްރިބާއަށް ބަލާ އިރު، އެންމެ އެކަށީގެންވާ ގޮތުގައި، ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ބުނީ އެ ކޯޕަރޭޝަންތަކުގެ ބޯޑްތައް ޢައްޔަން ކުރާއިރު ކަނޑައެޅިފައިވާ ދާއިރާތަކާއި ޝަރުޠުތައް ފުރިހަމަވާ ގޮތަށް ބޯޑްތައް އެކުލަވައިލެވިފައި ނުވުމާއި، ހެލްތު ސަވިސަސް ކޯޕަރޭޝަންތަކުގެ ބޯޑްތަކުގެ މެންބަރުން އަވަސް އަވަހަށް ބަދަލުވުމާއި، ކުންފުނި ހިންގުމުގެ އުޞޫލުތައް ތަފާތުވެ، އެއް އުސޫލަކުން ކަންތައްތައް ކުރެވިފައި ނެތް މައްސަލަ ފާހަގަ ކުރެއްވި ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ކޯޕަރޭޝަންތައް އުވާލެއްވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ކަނޑައެޅިފައިވާ ޤާނޫނާއި ގަވާއިދުގެ ތެރެއިން ބަލަން ޖެހޭ ކަންތައްތައް ބަލައި ޤާނޫނީ ލަފާ ހޯދުމަށް ފަހުގައި ކަމަށެވެ.