އިކޮނޮމިކް މިނިސްޓްރީ އިން ދެމުން އަންނަ ބައެއް ހިދުމަތްތައް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލުތަކުން ދެވޭނެ އިންތިޒާމް ހަމަޖައްސައި ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓުރީން ބުނެފި އެވެ.
އެ މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ސައިހޮޓާތައް ހުޅުވުމަށްދޭ ހުއްދަ އާއި ވިޔަފާރިތައް ފެއްޓުމަށްދޭ ހުއްދައިގެ އިތުރުން ލޯކަލް އިންވެސްޓްމެންޓުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އަތޮޅު ކައުންސިލްތަކުން ކުރިއަށް އޮތް ތިން މަސް ދުވަހު ތެރޭގައި ދެވޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތައް ދިނުމުގެ ހުއްދަ ފުވައްމުލަކު އަތޮޅު ކައުންސިލަށް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މިހާރު ވެސް ކުޅުދުއްފުށީންނާއި އައްޑޫން އެހިދުމަތް ލިބޭނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މިދިން ހިދުމަތް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ދިނުމުގެ މަސައްކަތް މިދަނީ ކުރަމުން،" އަހުމަދު ވިދާޅިވި އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލާއި އިކޮނޮމިކް މިނިސްޓުރީ އިން ވި އެއްބަސް ވުމުގެ ދަށުން އެ މިސްޓްރީ އިން ދެމުން ގެންދެވި ސައިހޮޓާތައް ހުޅުވުމަށްދޭ ހުއްދަޔާއި ވިޔަފާރިތައް ފެއްޓުމަށްދޭ ހުއްދައިގެ އިތުރުން ލޯކަލް އިންވެސްޓްމެންޓުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ފުވައްމުލަކުގައި ދެން ދޭނީ ފުވައްމަލަކު އަތޮޅު ކައުންސިލުން ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ބުންޏެވެ.

މިއަދު އެ ދެ ފަރާތުންވި އެއްބަސް ވުމުގައި އިކޮނޮމިކް މިނިސްޓުރީގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ނައިބް ރައީސް އަބްދު ﷲ މުހައްމަދެވެ.