11 Jul 2023, 16:38
އަންކަރާ (11 ޖުލައި 2023): ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ތުރުކީއަށް ދޭގޮތަށް ނޭޓޯގެ މެންބަރުކަން ސްވިޑަންއަށް ދިނުމަށް އެއްބަސްވެވިދާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވިދާޅުވުމުން ޔޫރަޕްގެ އިއްތިޙާދުން އެކަމާ ދެކޮޅު ހަދައިފިއެވެ.
ޔޫރަޕްގެ އިއްތިޙާދުން ބުނީ ތުރުކީއަށް ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ދިނުމާއި ސްވިޑްންއަށް ނޭޓޯގެ މެންބަރުކަން ދިނުމަކީ މުޅިން ތަފާތު ދެކަމެއް ކަމަށާއި އެދެކަން ނުގުޅެވޭނެ ކަމުގައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ތަރުޖަމާނުގެ ނައިބު ޑާނާ ސްޕިނާންޓް ވިދާޅުވީ ނޭޓޯއަކީ އަސްކަރީ ޖަމާއަތެއްކަމަށާއި ޔޫރަޕްގެ އިއްތިހާދަކީ އިގްތިސާދީ ޖަމާއަތެއްކަމަށްވާއިރު އެދެޖަމާއަތަކީވެސް އެއްޖަމާއަތް އަނެއްޖަމާއަތާ މުޅިންވަކި މުސްތަގިއްލު ދެ ޖަމާއަތް ކަމުގައެވެ.
ސްވިޑްން ނޭޓޯގެ މެންބަރުކަމަށް އެދި ހުށަހަޅާފައިވަނީ މިދިޔައަހަރުއެވެ. ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ލިބުމަށް އެޅިފައިވާ ހަމައެކަނި ހުރަހަކީ ތުރުކީއެވެ. ތުރުކީ އެކަމާ ދެކޮޅު ހެދުމެވެ. ތުރުކީ ވަނީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު ސްވިޑްންގެ މައްޗަށްކޮށްފައެވެ. އެއީ ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ އަދި ބޮންގޮއްވުންފަދަ އަމަލުތައް ހިންގާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ސްވިޑްން އެހީތެރިވާތީއެވެ.
ތުރުކީވަނީ ސްވިޑްން އިން ޓެރަރިޒަމަށް އެހީތެރިވުން ހުއްޓާލުމަކީ ނޭޓޯގެ މެންބަރުކަން ސްވިޑްންއަށް ދިނުމުގެ ޝަރުތެއްކަމަށް ކަނޑައަޅާފައެވެ. ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ތުރުކީއަށް ދޭގޮތަށް ނޭޓޯގެ މެންބަރުކަން ސްވިޑަން ދިނުމަށް އެއްބަސްވެވިދާނެ ކަމަށް އެރުދުޣާން ވިދާޅުވީ ލިތުއޭނިއާގެ ވެރިރަށް ވިލްނިއުސްގައި މިއަދު ފެށޭ ނޭޓޯގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވިލްނިއުސް އަށް ފުރާވަޑައިގަތުމުގެ ކުރިން އަންކަރާގައި ދެއްވި ބަޔާނެއްގައެވެ.
ނޭޓޯގެ މެންބަރުކަން ސްވިޑަންއަށް ދިނުމަށް ތުރުކީ ދެކޮޅު ހަދާ މައްސަލާގައި އެމެރިކާއާއި ނޭޓޯގެ އެތައް ގައުމެއްގެ ފިއްތުންތައްވަނީ ތުރުކީއަށް އަމާޒުވެފައެވެ. ނަމަވެސް ތުރުކީގެ ރައީސް އެރުދުޣާން އަކީ އެއްވެސް ގައުމެއްގެ މަސްލަހަތަށް އަދި އެއްވެސް ގައުމެއްގެ ވެރިއެއްގެ މޫނަކަށް އަދި ކަނދުރާއަކަށް ބައްލަވާބޭފުޅެއް ނޫނެވެ. އަދި އެއްވެސް ފަރާތެއްގެ ފިއްތުންތަކަށްވެސް ބޯލަނބާ ޒާތުގެ ބޭފުޅެއްނޫނެވެ.
އޭގެބަދަލުގައި އެރުދުޣާން އަކީ ހަމައެކަނި ތުރުކީގެ މަސްލަހަތަށް ނޫނީ އެއްވެސް ކަމެއް ކުރައްވާ ބޭފުޅެއްނޫނެވެ. އަދި ތުރުކީގެ އަމިއްލަ ފައިދާއަށް ނޫނީ ފިޔަވަޅެއްވެސް އަޅުއްވާ ބޭފުޅެއްނޫނެވެ. އެހެންކަމުން އެރުދުޣާންގެ ހަރުކަށިކަމާއި އެރުދުޣާންއަށް ފިއްތުންތައް ކުރިމަތިކޮށްގެން އެއްވެސް ކަމެއް ނުކުރެވޭނެކަން އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންނަށް ވަރަށް ރަނގަނޅަށް އެނގިވަޑައިގަނެއެވެ. ދާދިފަހުން ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެރުދުޣާން އާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން މަސައްކަތްކުރީވެސް މިސަބަބުތަކަށްޓަކައެވެ.
ވިލްނިއުސް އަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނުގައި އެރުދުޣާން ވިދާޅުވީ ތުރުކީ ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިވުމަށް އެދޭތާ ސާޅީހަކަށް އަހަރުވެއްޖެކަމުގައެވެ. ތުރުކީއަކީ ޔޫރަޕްގެ އިއްތިހާދުގެ މިންގަނޑުތަކަށް ފެތޭގައުމެއްނަމަވެސް ޔޫރަޕްގެ ގައުމުތަކުން ތުރުކީއަށް އެފުރުސަތު ދިނުމަށް ފަސްޖެހުންދާ މައްސަލައަކީ އާދައިގެ ކަމެއްނޫންކަމަށް އެރުދުޣާން ވިދާޅުވިއެވެ.
ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ބާރުއެޅުމުގެ ގޮތުން އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެރުދުޣާން އާ ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވުންވެސް އެރުޣާންވަނީ ތުރުކީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ހޯދުމަށް ސާޅީސް އަހަރުގެ ދިގު އިންތިޒާރެއް ކުރަމުންގެންދާ ވާހަކަ ބައިޑެން އަށް ދަންނަވައި މިއީ މިދެ މައްސަލަ ގުޅުއްވައި ވާހަކަ ދައްކަވާފައެވެ.
މިމައްސަލާގައި ޔޫރަޕްގެ އިއްތިޙާދުގެ މަސްއޫލުވެރިންނާއި ނޭޓޯގެ ބައެއް ގައުމުތަކާ އަދި ސްވިޑްން ވެސްވަނީ އެރުދުޣާން ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.