11 Jul 2023, 12:01
އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާކަން އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އަލީ ވަހީދު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.
ދެ އަހަރު ފަހުން މިއަދު އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފައިލްކޮށްފައިވަނިކޮށެވެ.
އަލީ ވަހީދުގެ މައްޗަށް ކުރީ، ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާތައް އަލީ ވަހީދުގެ މައްޗަށް އުފުލީ ޓޫރިޒަމް މިނިސްޓްރުގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ފަހު އެނބުރި ވަޑައިގެންފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވެގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލާފައެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށް އެންގުމަށްފަހުއެވެ.
އެ މައްސަލަ އަލުން ބެލުމަށް ޓަކައި ފުލުހުންނަށް ފޮނުވި ފަހުން، އެ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ބަޔާން ދީފައިވާ މީހުން ވަނީ މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބުނެ، އެ އޮފީހަަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައި ކަމަށް ޕީޖީން ބުންޏެވެ. އަދި އެ މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅި މުހިންމު ހެކިން, ކުރިން ތަހުގީގަށް ދީފައިވާ ބަޔާން އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުން ގެންދާތީ ފުލުހުން ވަނީ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައި ކަމަށް އެ ބަޔާނުގައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާގެ މައްސަލަ ފައިލްކޮށްފައިވީ ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާއަށް ރައްދުވާ ގޮތަށް ޕީީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައަކާ ގުޅިގެން، އޭނާ އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެ ކޯޓުން އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވެއެވެ.