11 Jul 2023, 10:14
ދޮރުމަތީގައި ހުރި ފިޒާލް ފެނުމާއިއެކު، ލަޔާލް ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ފަސްއެނބުރި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެއާއިއެކު، ލަޔާލަށް މާ ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.
********
ކޮޓަރީގައި އަކިއަލްއެއް ނެތެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަކިއަލް ދާނީ ކޮންތާކަށް ހެއްޔެވެ؟ ޔަގީނުންވެސް އަކިއަލްއަށް ފިލާނެ ވަގުތެއް ނުލިބޭނެއެވެ.
"ސްވީޓް..." ފިޒާލް ލަޔާލްގެ ނޭފަތުގައި ހިފައިލިއެވެ. "ހާދަ ހާސްވެފަ؟..."
"ފެންބޯން މިދަނީ..." ދައްކާނެ ބަހަނާއެއް ނޭނގުމުން، ލަޔާލް ހިނގައިގަތީ ކާގެއާއި ދިމާއަށެވެ.
ފިޒާލް ވަނީ ކޮޓަރިއަށެވެ. ފަސްއެނބުރި ބަލައިލުމެއްނެތި ލަޔާލް ގޮސް ކާގެއަށް ވަނެވެ. އައިސްއަލަމާރި ކައިރީގައި އަކިއަލް ހުއްޓެވެ. ހީވީ ލަޔާލް އަންނާނެކަން އެނގޭތީ، އިންތިޒާރުގައި ހުރި ހެންނެވެ.
"އަހަރެން މިއުޅެނީ ލޫއަށް އުނދަގޫ ކުރާކަށް ނޫން... ދެން ދުވަހަކުވެސް އެނބުރި ނާންނަގޮތަށް ދާން އުޅޭތީ، ފަހު ފަހަރަށް ލޫ ދެކިލަން މިއައީ..." އަކިއަލްގެ އަޑުގައިވީ ހިތާމައިގެ އަސަރެވެ.
ލަޔާލްގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެންދިޔައެވެ. ކުރިމަތީގައި ހުރީ ލަޔާލްގެ ހިތާއި ގުޅިފައިވާ ފަރާތެކެވެ. އެކަން ގަބޫލުކުރަން ބޭނުންނުވި ނަމަވެސް، ލަޔާލްގެ ހިތް ދެކޮޅު ހަދަނީއެވެ. އަކިއަލްގެ ވާހަކަ އަޑު އެހުމަށް ހިތް ގޮވަނީއެވެ.
ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު އެތަނުން ދިޔުމަށް އަކިއަލް ހިނގައިގަތެވެ. ލަޔާލާއި ހަމައަށް އަރާފައި ހުއްޓުނެވެ. އަކިއަލްގެ ހަރަކާތްތަކަށް ބަލަން ލަޔާލަށް ހުރެވުނީ ގަބުވެފައެވެ. ފަހު ފަހަރަށް ބަލާލާހެން ލަޔާލްގެ މޫނަށް އަކިއަލް ވަރަށް ފުން ނަޒަރެއް ދިނެވެ.
"އެންމެފަހު ދުވަހާ ޖެހެންދެންވެސް ލޫގެ މަތިން ހަނދާން ނައްތާނުލާނަން..." އަކިއަލް ހިންދިރުވައިލިއެވެ. "އަދިވެސް ވަރަށް ލޯބިވޭ..."
އަކިއަލްގެ ދެލޮލުން ފެނުނު ތެދުވެރިކަމެއްގެ ސަބަބުން، ލަޔާލްގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވިއެވެ. އިންސާނުންނަށް ކުށްކުރެވޭނެއެވެ. އެކަން ގަބޫލުކޮށް މައާފަށް އެދުމުން، މައާފު ކުރުމަކީ މާތް ސިފައެކެވެ. އަކިއަލް އެދެނީ ބޮޑު ކަމަކު ނޫނެވެ. މައާފު ކުރުމުން ދެން ލަޔާލަށް އަކިއަލް ނުފެންނާނެއެވެ. އަކިއަލް ފެނުމުން، ވާ އުނދަގޫތައް އިހުސާސް ކުރާކަށް ނުޖެހޭނެއެވެ. ލަޔާލަކީވެސް ހުރިހާ ކަމެއް ފުރިހަމަ އިންސާނެއް ނޫނެވެ. ވީއިރު، އަކިއަލްއަށް މައާފު ނުކުރެވެންވީ ސަބަބެއް ނެތެވެ.
ލަޔާލް ވިސްނަން ހުއްޓާ، އަކިއަލް ދާން ހިނގައިގަތެވެ.
"ވެއިޓް..." ލަޔާލަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. "ތިކިޔާ އެއްޗެއް ކިޔާބަލަ ދެން... ފަސްމިނެޓު ލިބޭނީ..."
އަކިއަލްގެ މޫނަށް ނުބަލަން ލަޔާލް ހުރީ އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ. އޭނާ ވާހަކަ ދެއްކީ އަކިއަލްއާއި ހެންވެސް ހީނުވެއެވެ. އޭގެ މާނަ ވިސްނުމުން، އަކިއަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް، އިސާހިތަކު އެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.
"އަހަންނަކީ ކާކުކަން އެނގިއްޖެއްޔާ ލޫ ބިރުގަންނާނަންތަ؟..." ފާއިތުވެގެންދިޔަ ހިމޭންކަމަށްފަހު، އަކިއަލް ސުވާލުކުރިއެވެ.
ލަޔާލަށް އަކިއަލްއާއި ދިމާއަށް ބަލައިލެވުނީ އިހުތިޔާރުން ބޭރުގައެވެ.
"އަހަންނަކީ ލޫ ކަހަލަ އިން...ސާ...ނެއް ނޫ....ން...." އުނދަގޫ ގޮތަކަށް އަކިއަލް ބުނެލިއެވެ. އޭނާ ހުރީ ލަޔާލްގެ މޫނަށް ވެރިވާ އަސަރުތަކަށް ފާރަވެރިވެގެންނެވެ.
"އޭނ؟..." ލަޔާލް ދިޔައީ ސިއްސައިގެންނެވެ.
"އަހަންނަށް މާފުކުރޭ ލޫ..." އަކިއަލް ކުރިއަށް ޖެހިލިއެވެ. އެއާއިއެކު ލަޔާލް ޖެހުނީ ފަހަތަށެވެ.
"ނާންނާތި!... އެންމެ ފިޔަވަޅެއްވެސް ދެން ކުރިއަށް ނާޅާތި!..." ލަޔާލް އަމުރުކުރިއެވެ. "އަދިވެސް ތިއުޅެނީ އަހަންނަށް އޮޅުވާލަންތަ؟... ތީ ކޮންކަހަލަ ބޯ ހަމަނުޖެހޭ ވާހަކައެއް...."
އަކިއަލް ހުރި ދިމާއިން ކުއްލިއަކަށް އޮލަ ދުންގަނޑެއް އަރަން ފެށިއެވެ. ދުމުގެ އަސަރު ކެނޑި، މަންޒަރު ސާފުވީއިރު، ލަޔާލްގެ ކުރިމަތީގައި ހުރީ، އެހެން ފިރިހެނެކެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް ލަޔާލް ދެކުނު މީހެއް ނޫނެވެ. ލަޔާލް ހުރީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ.
"މީ އަހަރެންގެ އަސްލު ސިފަ..." ލަޔާލްގެ ކުރިމަތީގައި ހުރި މީހާ ބުންޏެވެ. "އަހަރެންގެ އަސްލު ނަމަކީ އުގައްޔިލް... އަކިއަލްގެ ސިފަ ޖެހިގެން އަހަރެން ލޫގެ ކުރިމައްޗަށް އެރީ ފަހަރެއްގަވެސް މިހެން ދިމާވެދާނެކަން އެނގިގެނެއް ނޫން...."
އުގައްޔިލްގެ ބޮޑު ދެ ވަރަގަނޑު ފެނި، ލަޔާލްގެ ދެފައި ތުރުތުރުއަޅައިގަތެވެ. ބިރުން ގޮސް ކޮޅަށް ހުރުމަށް ދަތިވިއެވެ. ކުރިމަތީގައި އެހުރީ އިންސާނެއް ނޫނެވެ. އެކަން އޭނާއަށް ޔަގީންވެއްޖެއެވެ. އަކިއަލްގެ ސިފަ ޖެހިގެން ހުރިއިރު، ލަޔާލް އެ މަހުލޫގާއިއެކު އެތައް ވަގުތެއް ހޭދަކުރިއެވެ. އެއްވެސް ބިރެއް ނެތި އެކަހެރި މާހައުލެއްގައެވެ. ލަޔާލް ފަހަތަށް ޖެހެން ފެށިއެވެ.
"އަހަރެން ދެކެ ބިރު ނުގަނޭ..... އަހަރެން ލޫއަކަށް ދެރަގޮތެއް ނުހަދާނަން..." އުގައްޔިލްގެ އަޑު ވަނީ ބަދަލުވެފައެވެ. އެއީ ލަޔާލްއަށް ބީރައްޓެހި އަޑެކެވެ. އިތުބާރު ކުރަންވީ ކާކަށް ކަމެއް ލަޔާލަކަށް ނޭނގުނެވެ. އޭނާގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ.
"އަހަރެން މިއައީ ލޫއަށް ބިރުދައްކާކަށް ނޫން.... ދިއުމުގެ ކުރިން ހަގީގަތް ހާމަކުރަން..... އަހަރެން ބޭނުންނަމަ އެހެން ގޮތަކުންވެސް ލޫ އަށް މިކަން އެންގިދާނެ..... އެކަމަކު އެގޮތް އަހަރެން ބޭނުންނުވީ..... އަހަރެން ބޭނުންވީ ލޫގެ ކުރިމައްޗަށް އައިސް ހުރިހާ ވާހަކައެއް ދައްކަން...." އުގައްޔިލް ވާހަކަ ދެއްކި ނަމަވެސް، އޭނާގެ އަނގަ ހަރަކާތެއް ނުކުރެއެވެ. ލަޔާލަށް އިވެނީ އަޑެވެ.
"އަހަރެމެންގެ ތެރޭ އޮންނަގޮތުން، ކައިވެންޏަށް އެއްބަސްވާ ހިސާބުން، ދެމީހުންގެ ކައިވެނި ކުރެވޭނެ... އަދިވެސް ތީ އަހަރެންގެ އަނބިމީހާ..." އުގައްޔިލް ހިންދިރުވައިލީ އުނދަގޫ ގޮތަކަށެވެ. "ލޫއަށް ނޭނގުނަސް، ކައިވެންޏަށްފަހު، އަހަރެމެން ދެމީހުންގެ ދޭތެރޭ ވަނީ ގުޅުމެއް ހިނގާފަ.... އެއީ ލޫއަށް ފެނުނު ހުވަފެނެއް ނޫން.... އެއީ ހަގީގަތެއް... އަހަރެން އަބަދުވެސް ލޫގެ ކައިރީ ހުންނަން ބޭނުންވި... އެކަމަކު، އަހަރެން ހައްޔަރުވީ... އެހާލުގަވެސް ދުރުދުރުން ލޫގެ ހުރިހާ ކަމެއް އަހަރެން ބެލިން..."
"ހުއްޓާލާ!..." ލަޔާލަށް ދެކަންފަތްމަތީގައި އަތް އަޅައިލެވުނެވެ.
"އަހަރެން ކުރި ކުށުގެ ސަޒާ ލޫއަށް ލިބޭކަށް ނޭދެން... އަހަރެން އެނބުރި މިދަނީ އަހަރެންގެ ސަބަބުން ލޫއަށް އެއްވެސް އުފާވެރިކަމެއް ލިބެން ނެތްކަން އެނގޭތީ... އަދި އެއް ވާހަކަ..." އެއްޗެއް ހަނދާންވާ ފަދައިން އުގައްޔިލް ބުންޏެވެ. "ލޫއަށް ދެން ކުއްޖަކު ނުލިބޭނެ...... އެއީ އަހަރެންގެ ސަބަބުން... އަހަންނަށް މާފުކުރޭ... އަހަރެމެން ދެމީހުންނަކީ ދެ ނަސްލެއްގެ ބައެއްކަން އަހަންނަށް ހަނދާން ނައްތާލެވުނީ..... އަހަރެން ކުރި ކުށަކުން، ލޫއަށް ތިހެން ދިމާވީތީ މިއަދު ހިތާމަކުރަން...."
ލަޔާލް ގަބުވެފައި ހުއްޓާ، އޭނާގެ ކުރިމަތިން އުގައްޔިލްގެ ސޫރަ ގެއްލުނެވެ. ލަޔާލަށް ހުރިތަނަށް ތިރިވެވުނެވެ. އޭނާ ވަށައިގެން ހޯދަން ފެށިއެވެ. އޭރު އެއް އަޑަކަށް އޭނާގެ ކަންފަތުގައި ހަރުލާފައިވަނީ އުގައްޔިލްގެ ފަހު ޖުމުލައެވެ.
"ނުދާނޭ ތިހަނދާން ފިލާ..."
"ނޫން... ނޫން..." ލަޔާލަށް ބޯ ހޫރާލެވުނެވެ. އޭނާއަށް ލޯބިވެވުނީ އިންސާނަކުދެކެއެއް ނޫނެވެ. އެކަމަކު އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ މިއީ އަކިއަލްގެ ސަމާސާއަކަށް ނުވާނެ ހެއްޔެވެ؟ އެކަމަކު، ހުރިހާ ކަމެއް ހިނގާދިޔައީ ލަޔާލްގެ ކުރިމަތީގައެވެ. ފުރަތަމަ ފެނުނު އަކިއަލްއާއި ފަހުގެ އަކިއަލް ތަފާތުވީ ކީއްވެކަން ލަޔާލަށް އެނގުނީ އަދިކިރިޔާއެވެ. އެހެނަސް، އެއީ ސަމާސާއަކަށް ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ލަޔާލްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ.
އުގައްޔިލް ގެއްލުނު ދިމާއަށް ބަލަން ލަޔާލަށް އިނދެވުނީ ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ.
"ލަޔާ..... ކިހިނެއްވެފަ ތީނީ؟..." ފިޒާލްގެ އަޑު އިވުމުން، ލަޔާލް ދިޔައީ ސިއްސައިގެންނެވެ. "ކާކާ ތި ވާހަކަ ދައްކަނީ؟..."
ފިޒާލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލަޔާލްގެ ދެކޮނޑުގައި ހިފައި ނެގިއެވެ. އޭރު ލަޔާލްއަށް ގިސްލާފައި ރޮވެނީއެވެ. ފިޒާލްގެ އަތުގެ ހިމާޔަތް ލިބުމުން އޭނާއަށް މާ ބޮޑަށް އަސަރުކުރީއެވެ.
އުގައްޔިލް ދެއްކި ވާހަކަތަކާއިމެދު ވިސްނެމުން ދިޔަ ވަރަކަށް ލަޔާލްގެ ބޮލުގައި ގަދަޔަށް ރިއްސަން ފެށިއެވެ. ޖިންނިންނަކީ އިންސާނުން މޮޔަކޮށްލާ ބައެކެވެ. ލަޔާލް މޮޔަވީ ހެއްޔެވެ؟
"ހިނގާ ރޫމަށް..." ކޮންމެވެސް އެއްޗެއް ވިސްނުނު ފަދައިން ފިޒާލް ބުންޏެވެ.
ލަޔާލް އެނދުގައި ބާއްވާފައި ފިޒާލް ނުކުތީ ބޭރަށެވެ. އެ މޫނުން ފެންނަމުން ދިޔައީ ހާސްކަމެވެ. ފިޒާލް މަސައްކަތް ކުރަމުން ދިޔައީ، ކޮންމެވެސް މީހަކާއި ގުޅޭތޯއެވެ. އެމީހަކު ފޯނު ނެގީ ފިޒާލް ކެނޑިނޭޅި ގުޅާތާ އެތައް އިރެއް ފަހުންނެވެ.
"އީސަބެ އަހަންނަށް ދިން ޔަގީންކަމުގަ އެއްވެސް އިތުބާރެއް ނެތެއްނު..." ފިޒާލްގެ ހުރީ ރުޅި އައިސްފައެވެ. "އަދިވެސް އޭނައަށް އެ ޖިންނީގެ އުނދަގޫ އެބަ ފޯރާ.... އޭރުވެސް ބުނީމެއްނު ދެން ނުޖެހޭނެއޭ... އީސަބެ ބުނި ވަރަކަށް ރުފިޔާ ދިނީމެއްނު... ދެން ކީއްވެ ބުނާ ބަހުގަ އިތުބާރު ނޯންނަނީ؟"
"ކޮއްކޯ އިހަށް ހަމަޖެހިލާ..." އީސަ ވާހަކަ ދެއްކީ ކެއްސަމުންނެވެ. "ޖިންނީގެ އުނދަގޫ ޖެހޭނެ ފަހު ފަހަރު އެއީ...."
"ތިބުނީ؟..." އީސަ ބުނި އެއްޗެއް ފިޒާލަށް ފަހުމެއް ނުވިއެވެ.
"އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު އޭތި ހުންނާނީ އަހަރެންގެ އަޅެއްގެ ގޮތުގަ... އޭގެ ބަދަލެއްގެ ގޮތުން އަހަރެން އޭއްޗަށް ފުރުސަތެއް ދިނީ... އަހަރެން ދޫކުރިއްޔާ ދެވޭނީ..." އީސަ ފަހުރުވެރިވެލާފައި ބުންޏެވެ.
އީސައަށް ނޭނގުނީ އޭނާ ދިން ހަނި ފުރުސަތުގެ ބޭނުން އުގައްޔިލް އެހެން ގޮތަކަށް ހިފިކަމެވެ. އުގައްޔިލްއަކީ އީސަ ހީކުރިވަރަށްވުރެ ބާރުގަދަ ޖިންނިއެކެވެ. އީސައަކީ ކިތަންމެ މޮޅު ފަންޑިތަވެރިއަކަސް، މުސްކުޅިވުމުގެ ސަބަބުން އޭނާގެ ގައިބާރު ވަނީ ދެރަވެފައެވެ. ކުރިން އުޅުނުހެން އޭނާއަށް މިހާރު ނޫޅެވެއެވެ.
"އަހަރެންގެ އަންހެނުންނަށް އޭގެ އުނދަގޫ ނުޖެހެންޏާ، އަހަންނަށް އެ ނިމުނީ..." ފިޒާލް ފޯނު ކަނޑާލިއެވެ.
ފާހާނާއަށް ވަދެފައި ނުކުތް ލަޔާލްގެ ލޮލުގައި އަޅައިގަތީ، ރީތިވާ މޭޒުމަތީގައި ބާއްވާލާފައި އޮތް ފޮތުގައެވެ. އެއީ އޭގެ ކުރިން އެ ކޮޓަރިން ފެނުނު ފޮތެއް ނޫނެވެ. ލަޔާލް ފޮތް ނަގައި، ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެއަށްފަހު ފޮތް ހުޅުވައިލިއެވެ. ފުރަތަމަ ސަފުހާގައި ކުރަހާފައިވަނީ ލަޔާލްގެ ތަސްވީރެކެވެ. އަޖައިބުވާހާ ފުރިހަމަ ކުރެހުމެކެވެ.
"ނުދާނޭ ތި ހަނދާންފިލާ..." ތިންވަނަ ސަފުހާގައި ބޮޑުއަކުރުން ފަވާލެވިފައިވާ އިބާރާތްކޮޅު ލަޔާލަށް ކިޔާލެވުނެވެ.
ލަޔާލަށް ލޯމަރާލެވުނެވެ. އެފޮތަކީ އަކިއަލްގެ ފޮތެއް ހެއްޔެވެ؟ އެކަމަކު އެފޮތް ލަޔާލް އުޅޭ ކޮޓަރީގައި އޮންނަންވީ ކީއްވެ ހެއްޔެވެ؟ އަކިއަލް އަކީ އިންސާނެއް ނޫނެވެ. ވީއިރު އޭނަގެ ބާރުގެ ބޭނުންކޮށްގެން އެއްވެސް މީހަކަށް ނޭނގޭނޭހެން އެފޮތް އެތާ ބޭއްވިދާނެއެވެ. އެފޮތަކީ އަކިއަލްގެ ފޮތަކަށް ވެއްޖެނަމަ، އަކިއަލް އެފޮތް ލަޔާލަށް ދޭނީ ކޮންމެވެސް ސަބަބެއް އޮތީމައެވެ. އަދިވެސް ލަޔާލަށް ނޭނގޭ އިތުރު ސިއްރުތަކެއް ވާތީއެވެ.
ފޮތުގެ ހަތަރުވަނަ ސަފުހާގައި ވަނީ ދެހިތް ކުރަހާފައެވެ. އެއް ހިތުގައި "ލޫ" އަދި އަނެއް ހިތުގައި "އާލް" ޖަހާލާފައިވެއެވެ. އެއީ އަކިއަލްގެ ފޮތެއްކަން ލަޔާލަށް ކަށަވަރު ވިއެވެ. ލަޔާލް އަވަސް އަވަހަށް ފާހާނާއަށް ވަނެވެ. އެފޮތް ފިޒާލަށް ފެންނަން ލަޔާލް ބޭނުން ނުވީއެވެ.
ފަސްވަނަ ސަފުހާ ހުޅުވައިލުމާއިއެކު ލަޔާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލަޔާލް ބަލަބަލާ ހުއްޓާ، ފޮތުގައި ލިޔެވެން ފެށިއެވެ. ސާފު ރީތި ދިވެހި ޖުމުލަތަކެވެ. އެއީ އަކިއަލްގެ ބާރުން ވާ ކަމެއް ހެއްޔެވެ؟ ނޫނީ ލަޔާލަށް ފެންނަ ގޮތް ހެއްޔެވެ؟ ލަޔާލް ފޮތް ލައްޕާފައި ހުޅުވުމުންވެސް، މަންޒަރު ބަދަލެއް ނުވިއެވެ.
އަކިއަލްގެ ނޯޓު
އަހަންނަކީ އިންސާނަކަށް ނުވިޔަސް ބަދުނަސީބު މަހުލޫގަކީމެވެ. އާއިލާއެއް އަޅާލާނެ މީހަކު ނެތް ނިކަމެއްޗެކެވެ. ހިތާމަ ފިޔަވައި އެހެން އެއްޗެއް އަހަރެންގެ ނަސީބުގައި ނުވެއެވެ. ކިތަންމެ ބޮޑު ބާރެއް ލިބިފައިވިޔަސް، އެ ބާރުގެ ބޭނުމެއް އަހަރެންގެ ދުނިޔޭގައި އަހަންނަކަށް ނުހިފުނެވެ. އަހަރެންގެ ދިރިއުޅުމުގެ ކަންތައްތައް ބަދަލުވެގެން ދިޔައީ ދުނިޔެ ބަލާލުމަށް ކުރި ދަތުރަށް ފަހުގައެވެ. އުފާވެރިކަމާއި ލޯތްބަކީ ކޮބައިކަން އަހަންނަށް މިއަދު އެނގިއްޖެއެވެ. ތަގުދީރުގައި އަބަދު އެއްގޮތަކަށް ކަންތައްތައް ނުހިނގާނެކަން އަހަންނަށް ކުރިން ވިސްނައެއް ނުލެވުނެވެ. އަހަންނަށް ލިބުނު ލޯބީގައި އަހަރެންގެ ނަސްލު ވެސް ހަނދާން ނައްތާލެވުނީއެވެ. އެކަމަށްޓަކައި އަހަރެން މިއަދު ހިތާމަކުރަމެވެ. ނަމަވެސް އަހަރެން އެނބުރި މިދަނީ އެލޯބި އަހަރެންގެ މިދެއަތުން ގުރުބާން ކުރުމަށްފަހުގައެވެ. އުފަލަކުން ނޫނެވެ. އަހަރެން ލޯބިވި ހަމައެކަނި އިންސާނާގެ އުފަލަށްޓަކައެވެ.
މިދުނިޔެއިން އަހަންނަށް ލޯބިވެވުނު އިންސާނަކީ ތިއީއެވެ. އަހަރެންގެ ލޫއެވެ. އަހަރެމެންގެ ފުރަތަމަ ބައްދަލުވުމުން ވެސް ލޫ އަހަންނާއި ގަޔާވާކަން އެނގުނެވެ. އަހަރެން ހުރީ ހާދަ އުފަލުންނެވެ. އަހަރެންދެކެ ލޯބިވާ މީހަކު ލިބުމުންނެވެ. ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއް ފިލައިގެން ގޮސް އުފާވެރިކަމުގެ އާ ބާބެއް ހުޅުވުނެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ އަހަރެން އުއްމީދުކުރި ގޮތަކަށް ނޫނެވެ. އަހަރެމެންގެ ދެވަނަ ބައްދަލުވުމުން އަހަންނާއި ލޫގެ ކައިވެނި ކުރެވިގެން ދިޔައީއެވެ. އިންސާނުންނާއި ހިލާފަށް އަހަރެމެންގެ ތެރޭގައި ކައިވެންޏާއި މެދު އޮންނަ އުސޫލު ތަފާތެވެ. އެގޮތުން އަންހެން ކުއްޖާ ކައިވެންޏަށް އެއްބަސްވާ ހިސާބުން ކައިވެނި ކުރެވެއެވެ. އެދުވަހުން ފެށިގެން ލޫ އަކީ އަހަރެންގެ އަނބިމީހާއެވެ. ލޫ އާއިއެކީ މުޅި އުމުރަށް އުޅެން އަޒުމު ކަނޑައެޅީމެވެ. ނަމަވެސް އަހަރެމެން ދެމީހުންގެ ގުޅުމަށްފަހު ހީވެސް ނުކުރާހާ އަވަހަށް އަހަރެންގެ އަޒުމު ގުޑައިގެން ދިޔައެވެ.
ލޫ އާއިއެކު ހޭދަކޮށްލެވުނު އުފާވެރި ވަގުތުކޮޅަށްފަހު ނޭނގޭ ބާރެއް އަހަރެންގެ ހަށިގަނޑުގެ ތެރޭގައި ވާކަން އަހަންނަށް އިހުސާސްކުރެވިގެން ދިޔައެވެ. އެބާރުތައް ތަހަންމަލް ކުރެވޭހާ ބާރު ލޫގެ ހަށިގަނޑުގައި ނުވާކަން ވެސް އަހަރެންނަށް އެނގުނީ އެރެޔެވެ. އޭރު ވަގުތު ފާއިތުވެއްޖެއެވެ. ދެވަނަ ފަހަރަށް ލޫއަށް ގެއްލުމެއް ވާން ނޭދޭތީ އަހަރެން ލޫ އާއި ދުރަށް ދިޔުމަށް ނިންމީމެވެ. އަހަރެންގެ ހިޔާލު ބަދަލުވީއިރު، ވަގުތު ފާއިތުވެއްޖެއެވެ.
ލޫގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި އަހަންނަށް ވަނީ އެތައް ގޯހެއް ހެދިފައެވެ. ލޯބި ހިމާޔަތް ކުރުމަށް ކޮންމެފަދަ ކަމެއް ކުރަންވެސް އަހަރެން ހުރީ ތައްޔާރަށެވެ. އެ ލޯބީގައި ދީވާނާ ވެފައިވާ މީހަކު ފަދައިން އަހަރެންގެ މިދެއަތުން އިންސާނެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރެވުނެވެ. އެކަމަށްޓަކައި އަހަންނަށް އަމިއްލަ ނަފުސަށް ދުވަހަކުވެސް މައާފެއް ނުކުރެވޭނެއެވެ. އަކިއަލްއަށް ގެއްލުންދިނީ އަހަންނެވެ. އަހަރެން އެކަން ކުރީ ލޫ ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް ކުރެވުނު ކުށުގެ ބޮޑުކަން އިހުސާސްކުރެވުނީ ކަންވެ ނިމުނު ފަހުންނެވެ. އޭގެ އަދަބުވެސް އަހަންނަށް ވަނީ ލިބިފައެވެ.
(ނުނިމޭ)