ވ. އާރަށު މައްސަލައިގައި ހައިކޯޓުގައި މިހާރު ކުރިއަށްދާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަ ތާވަލުނުކުރާކަމަށާއި ދެން ތާވަލުކުރާނެ ވަކި ތާރީޚެއް ނޭނގޭކަމަށް ހައިކޯޓުން ބުނެފިއެވެ.

އެންމެފަހުން ހައިކޯޓުގައި އޮތް ރައީސް ޔާމީނުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދައުލަތުގެ ވާހަކަތަކަށް ރައްދު ދިނުމެވެ.

މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއްގެގޮތުގައި އެ މަނިކުފާނުގެ ސަޕޯޓަރުން ފާޅުކުރަމުން އަންނަނީ އަޑުއެހުންތައް ނިމުމަކާ ހިސާބަށް އައިސްފައިވާއިރު، ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުނުކުރެވި ވަނީ މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ފަނޑިޔާރު ހުޒައިފާ މުހައްމަދު ޗުއްޓީގައި އިންނެވުމުންނެވެ.

ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރާނެ ތާރީޚެއް އަދި ނޭނގޭ ކަމަށެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ހައިކޯޓުގައި އިސްތިއުނާފް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު ހުޒައިފާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ އަވަސްކުރަން އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާތީއެވެ.