11 Jul 2023, 08:58
ސައުދީ އަރަބިއާގެ އަލް ނަސްރުން ހުށަހެޅި މުސާރައަށް ބަދަލު ގެނައުމުން ޗެލްސީގެ މޮރޮކޯ ފޯވަޑް ހަކީމް ޒިޔެޗް، އެ ކްލަބާ ނުގުޅުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
'ސީބީއެސް ސްޕޯޓްސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒިޔެޗް، އަލް ނަސްރާ ގުޅުމާ ގާތަށް ދިޔަ ނަމަވެސް، މެޑިކަލް ޓެސްޓުން އޭނާގެ އަނިޔާތަކެއް ހުރި ކަމަށް ދެއްކުމުން، މުސާރައަށް ބަދަލުތަކެއް ގެނައުމަށް ނިންމުމާ ގުޅިގެން ޒިޔެޗް ވަނީ އެ ހުށަހެޅުން ގަބޫލުނުކުރުމަށް ނިންމައިފައެވެ.
އަލް ނަސްރުން ޒިޔެޗްއަށް ފުރަތަމަ ހުށަހަޅާފައިވަނީ 15 މިލިއަން ޔޫރޯ (17 މިލިއަން ޑޮލަރު)ގެ މުސާރައެކެވެ. އަދި މެޑިކަލް ޓެސްޓުތަކަށްފަހު، އަލް ނަސްރުން ބަދަލު ގެނެސްފައިވަނީ އެ މުސާރަ 40 ޕަސަންޓަށް ކުޑަކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލް ނަސްރުގެ ހުށަހެޅުން އުމުރުން 30 އަހަރުގެ ޒިޔެޗް ގަބޫލުނުކުރި ނަމަވެސް، ސައުދީ ޕްރޯ ލީގުގެ ކްލަބަކުން ޒިޔެޗް ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މެންޗެސްޓާ ސިޓީގެ އަލްޖީރިއާ ފޯވަޑް ރިޔާދް މަހްރޭޒަށް އަލް އަހްލީން ހުށަހެޅި ހުށަހެޅުން ގަބޫލުނުކޮށްފި ނަމަ، ދެން އެ ކްލަބުން ގެނައުމަށް ނިންމާފައިވަނީ ޒިޔެޗްއެވެ.
މީގެ ތިން އަހަރު ކުރިން އަޔެކްސް ދޫކޮށް ޗެލްސީއާ ގުޅުނު ޒިޔެޗްއަށް އެންމެ އުނދަގޫ ކަމަކަށް ވެފައިވަނީ ފުރަތަމަ 11 އިން ޖާގަ ހޯދުމަށެވެ. މިދިޔަ ސީޒަނުގައި ޒިޔެޗް ފެނިގެންދިޔަ 18 މެޗުގެ ތެރެއިން ފުރަތަމަ 11 އިން ފުރުސަތު ލިބުނީ އެންމެ ހަ މެޗުގައެވެ.
ސައުދީ ކްލަބުތަކުގެ ވާދަވެރިކަން ބޮޑުވެ، ގިނަ ކްލަބުތަކަކުން ދަނީ ފުޓުބޯޅަ ތަރިން ހޯދުމަށް ބޮޑު ހޭދައެއް ކުރަމުންނެވެ. އެގޮތުން ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދާ އަލް ނަސްރުން ވެސް ބޮޑެތި ހަރަދުތަކެއް ކުރެއެވެ.