ރަނގަޅު އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި އޭގެ ބަދަލުގައި އޮންނަންވީ، ގޯސް މީހާއަށް ވެސް ނުބައެއް ނުހެދޭނެ ވަރުގެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބައެއް ނިޒާމީ ބަދަލުތަކާ ގުޅޭ ގޮތުން އަލަށް އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ރަނގަޅަށް ކަންތައް ވަނީ، ތިއްބަވާ ވެރިން ރަނގަޅުވެގެން ނޫން ކަމަށެވެ. ބަދަލުގައި އެއީ، އެ ތަންތަނުގައި އޮންނަ ނިޒާމު ހަރުދަނާވުމުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ދާއިރު، އެ ޕާޓީން އެންމެ ބޮޑު އިސްކަމެއް ދޭންވީ ނިޒާމަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ކެންޑިޑޭޓެއް ނޫން މުހިއްމީ. ސިޔާސަތު މުހިއްމީ. އަޅުގަނޑުމެން ކޮންމެ މީހަކު ލީމައި ވެސް ގޯސް މި ވަނީ. އަދި ރަނގަޅު މީހަކު ވަތް ކަމަކަށް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މިއުޅެނީ ގޯސް މީހާއަށް ވެސް، ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް ތައްޔާރު ކުރަން،" ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ މުޅި ހަޔާތް މި ދަނީ މި ކަމުގައި. ރަނގަޅު މީހަކާ ދިމައެއް ނުވޭ. ވަރިހަމަ ގާތް ރަހުމަތްތެރިއަކަށް ވިޔަސް"

ޑިމޮކްރެޓްސްގެ ހަރުގޭގައި މިރޭ ބޭއްވި މަޝްވަރާގެ ތެރެއިން -- ފޮޓޯ/ ޑިމޮކްރެޓްސް

އެހެންވެ، މިހާރު "ރަނގަޅު މީހެއް" ހޯދަން މަސައްކަތް ނުކުރައްވާ ކަމަށާއި ބޭނުންފުޅު ވަނީ ރަނގަޅު ނިޒާމެއް ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

"ކޮންމެ މުޖުތަމައެއްގައި ވެސް ރަނގަޅު މި ވަނީ މީހާއެއް ނޫން. ރަނގަޅު ވަނީ ނިޒާމު،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިސާލެއް ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވީ އޭނާގެ ރަނގަޅުކަމުން ނޫން ކަމަށެވެ. އެއީ، އެ ގައުމުގައި އެ ނޫން ގޮތެއް ނޯންނާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ކޮވިޑް އިރުގައި ގޭގައި ސަައިތައްޓެއް، ޕާޓީއެއް ބޭއްވީމާ އެ ވަކި ކުރީ. އަޅުގަނޑުމެން ކޮވިޑު އިރުގައި ނެތް، އެއްވެސް މީހަކު ގެއަކު ނޫޅޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ހަރުގޭގައި މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ --- ފޮޓޯ/ ޑިމޮކްރެޓްސް

އެ މަނިކުފާނު ވިދާޅުވީ ރަނގަޅަށް ކަންތައް ހިނގާނީ އެ ނޫން ގޮތަކަށް ކަންތައް ނުކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެން ކަމަށެވެ. އަދި، ސިޔާސީ ކަންކަމުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތަޖުރިބާއަކީ ރަނގަޅު ކަމަށް ލަފާ ނުކުރެވުން ކަމަށާއި އެއްވެސް ބޭފުޅަކީ އެންމެނަށް ރަނގަޅުވާނެ ބޭފުޅެއް ކަމަށް ލަފާ ނުކުރެވޭނެ ކަމަށެވެ.

އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނައިރުގައި ކުރަންވީ ކަމަކީ "ކޮންކްރީޓް ތަރައްގީ" ގެނައުން ނޫން ކަމަށާއި އުޅެންވީ، ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމް ކުރެވޭތޯ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ. އެ ޕާޓީން އަންނަނީ، އެކުގައި މަސައްކަތް ކުރުމުން އެމްޑީޕީން ނޫން އެހެން ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންނެވެ.

ޑިމޮކްރެޓްސްގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ނަމަވެސް ނަޝީދު އަދި އެ ޕާޓީއަށް ސޮއިއެއް ނުކުރައްވައެވެ.