ގަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެ ނަމަ، މެރުމުގެ ކުށުން ކުށްވެރިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އޭނާ ބްލޮގުގައި ޝާއިރުކޮށްފައިވާ ލިޔުމެއްގައި ވަނީ، ބައެއް ޤާނޫނީ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަގުމަތީގެ އެކްސިޑެންޓުތަކުގައި ކުށުގެ ޒިންމާ އުފުލަން ނުޖެހޭ ކަމަށެވެ.

އެއީ, ކުށްހީއެއް ކަމަށް ވިދާޅުވެ ޝަމީމް ލިޔުއްވާފައި ވަނީ، އެކްސިޑެންޓުގެ މައްސަލަތަކަކީ ޖިނާއީ ޒިންމާ އުފުލަންޖެހޭ ޤާނޫނީ ކުށެއް ކަމަށެވެ.

އެގޮތުން ގާނޫނުލްއުގޫބާތުގައި، އެއްގަމު އުޅަނދުތައް އެކްސިޑެންޓުވުމުގެ ސަބަބުން، މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމަކީ ކުށުގެ ޢަމަލެކެވެ.

އެ ޢަމަލުގެ ސަބަބުން ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ މެރުމުގެ ދަށުން ކުށްވެރިވާނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. އެކްސިޑެންޓަކީ ފުރާނަ ނުގެއްލޭވަރުގެ ޢަމަލެއް ނަމަ، ޖެހުމާއި، ޖަހާފާނެކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ ކުށުގެ ދަށުން ކުށްވެރިވާނެ ކަމަށް ވެސް ވެއެވެ. އަދި, އެކްސިޑެންޓުގައި މީހެއްގެ މުދަލަކަށް ގެއްލުން ވެއްޖެ ނަމަ، މުދަލަށް ގެއްލުން ދިނުމާއި މުދާ ހަލާކުކުރުމުގެ ކުށުގެ ދަށުން ވެސް ކުށްވެރި ވާނޭ ކަމަށް ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން، އެކްސިޑެންޓުގެ ނިޔަތް ސާބިތު ކުރުމުގައި އަމަލު ކުރާނޭ ގޮތް ވެސް ޝަމީމް ހާމަކުރައްވާފައި ވެއެވެ. އެގޮތުން ބަލާނީ ޤަޞްދު، އެނގިހުރުން، ފަރުވާކުޑަ ޢަމަލު އަދި އިހުމާލުވުން ކަމަށް ވެއެވެ.

އޭނާ ވިދާޅުވީ، ލައިސަންސް ނެތް މީހަކަށް، ރައްކާތެރިކަމާ އެކު ވެހިކަލެއް ދުއްވުމުގެ ޤާބިލުކަން ނުހުންނާނެ ކަމަށް ޤާނޫނުން ޤަބޫލުކުރާ ކަމަށެވެ. އޭގެ ބޭނުމަކީ، އެ ޤައުމެއްގެ ގަވާއިދުތަކާއި އުޞޫލުތައް އެނގިފައި އޮތްކަން ކަށަވަރު ކުރުމެވެ. އުޅަނދު ދުއްވާ ގޮތެއްގެ ސަބަބުން، މީހުން ފުރާނައާއި ހަށިގަނޑާއި މުދަލަށް ބޮޑެތި ގެއްލުންވުމުގެ ފުރުޞަތު އޮންނާތީ، އުޅަނދު ދުއްވުމުގެ ހުއްދަ އޮތުމާއި ނެތުމަކީ ސީރިއަސް ކަމެއް ކަމަށް ޝަމީމް ލިޔުއްވާފައި ވެއެވެ.