02 May 2012, 22:28
ފެލިވަރުގައި މުވައްޒަފުން ކުރާ އިހުތިޖާޖުގެ އަޑު ސަރުކާރުން އައްސަވައި އެ މުވައްޒަފުންގެ ހުށައެޅުންތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް އެދި ޅ. ނައިފަރު ކައުން ސިލުން ސަރުކާރަށް ގޮވަލައިފި އެވެ.
ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ކައުން ސިލުން މިއަދުގެ ތާރީހުގައި ނެރެފައިވާ ގަރާރުގައި ބުނެފައި ވަނީ ފެލިވަރަކީ ނައިފަރާއި ފާދިއްޕޮޅުގެ ސަރަހައްދުގެ އެހެނިހެން ރަށްތަކުގައި އާއްމު ރައްޔިތުން ވަޒީފާ އަދާ ކުރާ ކާރުހާނާއަކަށްވާ އިރު އެތަނުގެ މަސައްކަތް ހުއްޓި، ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކީ އެމުވައްޒަފަކާ ސީދާ ގޮތުން ގުޅިފައިވާ ފަރާތްތަކާއި އެހެން ވެސް ފަރާތްތަކަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެމުވައްޒަފުން އިހުތިޖާޖު ކުރަމުން އަންނަނީ އިހުސާސްތައް ކޮޅުން ލައިގެން ގޮސް ދެވަނަ ގޮތެއް ނެތިގެން ކަމަށް ކައުން ސިލުން ދެކޭ ކަމަށެވެ.
"...ފެލިވަރު ކާރުހާނަގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް ކުޑަ މުސާރައަކަށް މަސައްކަތްކުރާ މުވައްޒަފުންނަށްވާ އިރު ދިރިއުޅުމުގެ ހަރަދުތަކާއި ހިދުމަތްތަކުގެ އަގު އިންތިހާއައަށް ބޮޑުވެފައިވާއިރު ވެސް އެ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ކުރިއެރުމެއް ނުލިބި އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާކަމީ އެއާއިލާތަކަށް ލިބިފައިވާ ނިކަމެތި ކަމެއް ކަމަށް މި ކައުންސިލުން ދެކެން،" ގަރާރުގައިވެ އެވެ.
ކައުންސިލުގެ ގަރާރުގައި ބުނެފައި ވަނީ ވަޒީފާގެ ކުރިއެރުން ދިނުމުގައި ޒަމާނުންސުރެ ފެލިވަރުގައި ގެންގުޅެފައި ވަނީ މުވައްޒަފުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލޭ ފަދަ އުސޫލެއް ކަމަށާއި އެގޮތުން މަގާމަށް އެކަށީގެންނުވާ ފަރާތްތަކަށް ވެސް މަގާމުގެ ކުރިއެރުން ދިނުން ފާހަގަކުރެވޭ ކަމަށެވެ.
އަދި ބުނެފައި ވަނީ ފެލިވަރުގެ މަސައްކަތް ހުއްޓިފައިވާ އޮންނަ ކޮންމެ ދުވަހަކީ ނައިފަރުގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުގެ މަސްވެރިނަށް ވެސް ނުހަނު ބޮޑު ތުރާއާއި ގެއްލުންތަކެއް ލިބިގެން ދާނެ ކަމަކަށް ވާތީ މުވައްޒަފުންގެ ހުށައެޅުންތަކަށް އަވަސް ހައްލެއްގެނެސްދީ ފެލިވަރުގައި މަސައްކަތްކުރާނެ މާހައުލެއްގާއިމް ކޮށްދިނުމަށް އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އަޅައިދިނުމަށެވެ. އަދި މައްސަލަ ހައްލުނުކުރެވިދާ ކޮންމެ ވަގުތުކޮޅަކީ ވަރަށް ނާޒުކު ވަގުތުކޮޅެއް ކަމަށް ވެސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަކަމަށް ވެސް ވަނީ ބުނެފަ އެވެ.
މުވައްޒަފުންގެ ހަރަދަތައް ބޮޑުވެ، ދެކޮޅު ނުޖެހޭ ކަމަށް ބުނެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް އެދި މެނޭޖްމެންޓަށް ހުށަހެޅި ޕެޓިޝަނާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ މަސައްކަތް ހުއްޓާލުމަށް ފަހު ފެލިވަރުގެ މުވައްޒަފުން އިއްޔެ ހެނދުނުން ފެށިގެން ދަނީ މުޒާހަރާކުރަމުނެނެވެ.
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފެލިވަރުގެ މުވައްޒަފަކު ބުނީ 250 މުވައްޒަފަކު ސޮއިކޮށް މިދިޔަ މަހު 12 ވަނަ ދުވަހު ފެލިވަރުގެ މެނޭޖުމަންޓަށް ހުށަހެޅި ޕެޓިޝަނަށް މި ދިޔަ މަހު 25 ވަނަ ދުވަހުގެ ކުރިން ޖަވާބެއް ދިނުމަށް އެދިފައިވީ ނަމަވެސް އަދި ވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.