11 Jul 2023, 09:32
ލައިވް ޝޯއެއް ދެމުން ދަނިކޮށް އޯޑިއެންސްގެ ތެރެއިން އެއްލި އެއްޗެއް މޫނުގައި ޖެހި މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްއަށް އަނިޔާ ވެއްޖެއެވެ.
މި ފަހަކަށް އައިސް ލައިވް ޝޯތަކުގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންގެ ގަޔަށް ތަފާތު އެއްޗެހި އުކާ މައްސަލަތައް ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބީބީ ރެކްސާއާ ދިމާލަށް އެއްލި ފޯނެއް އޭނާގެ މޫނުމަތީގައި ޖެހި އޭނާގެ ނިތްކުރި ވަނީ ފަޅައިގެން ގޮސް އެތަން ފަހަން ޖެހިފައެވެ.
"ލަވް އޮން ޓުއާ"ގެ ނަމުގައި މިހާރު ހެރީ ސްޓައިލްސް ދެމުން ދާ ޓުއާގައި މިދިޔަ ހަފުތާ ބަންދުގައި އޭނާގެ މޫނާ ދިމާލަށް އެއްޗެއް އެއްލިއިރު މި މައްސަލަ ފެންމަތިވެފައިވަނީ އޮސްޓްރިއާގެ ވެރި ރަށް ވިއެނާގައި ދިން ޝޯއެއް ތެރެއިންނެވެ. ހެރީގެ މޫނާ ދިމާލަށް އެއްލި އެތި ގޮސް ޖެހުނީ އޭނާގެ ލޮލުގައެވެ.
ހެރީގެ މޫނުމަތީގައި އެއްޗަކުން ޖެހޭ މަންޒަރު ވަނީ އެތައް ބަޔަކު ރިކޯޑު ކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި މި ވީޑިއޯ ދަނީ ދައުރުވަމުންނެވެ.
މި މައްސަލައާ ގުޅިގެން ހެރީ އަދި އެއްވެސް އެއްޗެކޭ ބުނެފައެއްނުވެއެވެ.
މިއީ މިފަދަ ހަމަލައެއް ހެރީއަށް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މިދިޔަ އަހަރު ލޮސް އެންޖެލެސްގައި ދިން ޝޯއެއްގެ ތެރޭގައި ފޭނެއް ވަނީ ސްޓޭޖް މައްޗަށް ކާއެއްޗެހިތަކެއް އުކާފައެވެ. މިއެއްޗެހި ވެސް އޭނާގެ މޫނުމަތީގައި ވަނީ ޖެހިފައެވެ. ނަމަވެސް އެފަހަރު އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.