ފަތުރުވެރިކަމަކީ ދިވެހިންނަށް އެއްވެސް އާ ކަމެއް ނޫނެވެ. މިއީ ދިވެހިންގެ ގިނަ ބައެއްގެ އާމްދަނީ ބިނާވެފައިވާ އެއް ކަމެވެ. ރިސޯޓު އަދި ގެސްޓްހައުސް ޓުއަރިޒަމް ރާއްޖޭގައި މަގުބޫލުވެފައިވާއިރު ދުނިޔޭގައި މަގުބޫލު ވަމުން އަންނަނީ ތަފާތު ޓުއަރިޒަމް އެކެވެ. އެއީ އިރުގެ ޓުއަރިޒަމް އެވެ.

އިރުގެ ޓުއަރިޒަމް އޭ ބުނުމުން ފަހަރެއްގައި ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް މިހާރު ވަރަށް ގަދައަށް ވައިގައި ހިފަމުން ދާ މި ޓުއަރިޒަމް އަކީ ތަފާތު މާހައުލަކަށް ލޯބިކުރާ މީހުންނަށް ރަނގަޅުވާނެ ޓުއަރިޒަމް އެކެވެ.

މި ޓުއަރިޒަމް ކިޔަނީ ފަރުބަދައިގެ މައްޗަށް ގޮސް އިރު އަރާ މަންޒަރު ބަލައި ނުވަތަ އިރު އޮއްސޭ މަންޒަރު ބަލައި އެ ސަރަހައްދުގައި ހިތް ގައިމު ވަގުތު ހޭދަކޮށްދިނުމަށް މަސައްކަތް ކޮށްދިނުމުންނެވެ. ޓުއާ އޮޕަރޭޓް ކުރާ މީހުން މިހާރު އަންނަނީ އިރުގެ ޓުއަރިޒަމް މަގުބޫލުވެ އެކަމަށް ހާއްސަކޮށް ތަފާތު ޕެކޭޖްތައް ތައްޔާރުކުރަމުންނެވެ.

އިންޑިއާގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އެމްޑީ ކްރިޝްނާ މޯހަން ބުނާގޮތުގައި މި ޓުއަރިޒަމް އަކީ ފަރުބަދަ ތަކުގައި ހިތްގައިމު އަދި މަޖާ ވަގުތު ތަކެއް ހޭދަކޮށްލުމަށް ބޭނުންވާ މީހުންނަށް ހާއްސަ ޓުއަރިޒަމް އެކެވެ.

"ފަރުބަދައިގެ ވާހަކަ ބުނާއިރަށް ގިނަ ބަޔަކަށް ސިފަ ވެފައި އޮންނަނީ ސްކީ ކުރުމާއި ސްނޯބޯޑު ކުރުން ފަދަ ކުޅިވަރުތައް. ނަމަވެސް ބައެއް މީހުން ބޭނުންވޭ ހަމަޖެހިލައިގެން ފަރުބަދަ އަށް އަރައި އިިރުގެ މަންޒަރުތައް ބަލާލަން،" އޭނާ ކިޔައިދިނެވެ.

ޓުއާ ގްރޫޕުން ސަން ޓުއަރިޒަމް ފެށީ އެކަމަށް އޮތް ޑިމާންޑް ފެނިގެން ކަމަށް އޭނާ ބުންޏެވެ. ޓުއާ އޮޕަރޭޓް ކުރާ ފަރާތްތަކުން ފަތުރުވެރިން ގޮވައިގެން ފަރުބަދަ އަށް އަރައި އެތަނުގައި ތަފާތު ހިދުމަތްތައް ދޭނެއެވެ. އޭގެތެރޭގައި ކެއުމާއި ބުއިން ހަމަޖައްސައިދިނުމާއި އެތަން ތަނުގައި ނިދޭނެ ގޮތްތައް ހަމަޖައްސައިދިނުން ވެސް ހިމެނެއެވެ.

ކްރިޝްނާ ބުނިގޮތުގައި އޭގެ އިތުރުންވެސް ތަފާތު ހަރަކާތްތައް މި ޓުއަރިޒަމްގައި ހިމެނެއެވެ. އޭގެތެރޭގައި ސަން ބާތިން އާއި ބޭރުގައި ޔޯގާ ކުރުން ފަދަ ހަރަކާތްތަކަކީ ވަރަށް މަގުބޫލު ހަރަކާތްތައް ކަމުގައި އޭނާ ފާހަގަކުރެއެވެ.