11 Jul 2023, 09:40
ޓިކްޓޮކް ޓްރެންޑުތަކަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. އެއްބައި ފަހަރު ވަރަށް މަޖާ ކަންތައްތައް މަގުބޫލު ވެދާނެއެވެ. އަނެއްބައިފަހަރު މަގުބޫލު ވާނީ ވަރަށް ބިރުވެރި ކަންތަކެވެ. ނަމަވެސް މި ފަހަކަށް އައިސް މަގުބޫލުވެފައި ވަނީ ވަރަށް ނުރައްކާތެރި ޓްރެންޑެކެވެ. އެއީ ލޯންޗުގެ ބުރަފަތިން އުފެދޭ ފޮނުގަނޑު މައްޗަށް ފުއްމުމުގެ ޓްރެންޑެކެވެ.
"ބޯޓް ޖަމްޕިން"ގެ ނަމުގައި މިހާރު މަގުބޫލު ވެފައިވާ ޓިކްޓޮކް ޓްރެންޑަކީ މީގެ ދެ ވަރަކަށް އަހަރު ކުރިން އުފެދިފައިވާ ޓްރެންޑެކެވެ. ނަމަވެސް މި ޓްރެންޑު ވައިގައި ހިފައި ގިނަ ބައެއްގެ މެދުގައި ޓްރެންޑު ޓެސްޓު ކުރަން ފެށީ މި އަހަރުގެ ތެރޭގައެވެ.
މި ޓްރެންޑުގައި، ދުއްވަމުން ދާ ލޯންޗެއްގެ ފަހަތުގައި ހުރެ އޭގެ ބުރަފަތިން އަރާ ފޮނުގަނޑާ ދިމާލަށް ފުއްމާލައި އެ މަންޒަރު ރިކޯޑު ކުރާނެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ޓްރެންޑެއް ކަން ވަނީ ހާމަ ވެފައެވެ.
https://www.youtube.com/watch?v=9HLquYlLxms
އެމެރިކާގެ ޗައިލްޑާސްބާގް ރެސްކިއޫ ސްކޮޑުގެ ކެޕްޓަން ޖިމް ޑެނިސް ފާހަގަކޮށްފައިވާ ގޮތުގައި ވައިގައި ހިފަމުން އަންނަ މި ޓްރެންޑްގެ ސަބަބުން މީހުން މަރުވެފައިވާ ކަމަށެވެ. އެގޮތުން މި ޓްރެންޑުގެ ސަބަބުން އެމެރިކާގެ އެލެބޭމާގައި އެކަނިވެސް ފާއިތުވި ހަ މަހުގެ ތެރޭގައި ހަތަރު މީހެއް ވަނީ މަރުވެފައެވެ.
މި ޓްރެންޑް ޓެސްޓު ކުރުން ހުއްޓާލުމަށް ކަމާ ގުޅޭ ފަރާތްތަކުން އެދިފައިވި ނަމަވެސް ބައެއް މީހުން އަދިވެސް މިކަން ކުރަމުން އަންނަ ކަމަށް ޑެނިސް ފާހަގަކުރިއެވެ.
މަރުވެދާނެ ކަމުގެ ނުރައްކަލުގެ އިތުރުން، އުމުރު ދުވަހަށް ނުކުޅެދުމަށް މެދުވެރިވުމަކީ ވެސް މި ޓްރެންޑުގެ ސަބަބުން ހުރި ނުރައްކަލެކެވެ. އެހެންކަމުން މިއީ ކިތަންމެ ކުރަން ބޭނުންވާ ކަމަކަށް ވީނަމަވެސް އެކަން ނުކުރަން ޑެނިސް އިލްތިމާސްކުރިއެވެ.