10 Jul 2023, 16:42
މ. މުލީގައި ތަރައްޤީ ކުރަމުން އަންނަ މީމު އެއާޕޯޓު މަޝްރޫޢޫގެ ބޮޑު ބައެއް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫޢުގެ 60 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން، އެއާޕޯޓް ސަރަހައްދުގެ ގޮނޑުދޮށުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ނިމިފައިވާއިރު ފަޔާ ރޯޑާއި ފަޔާ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައްވެސް ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީމު އެއާޕޯޓު މަޝްރޫޢޫގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި --- ފޮޓޯ / އެމްޓީސީސީ
މީމު އެއާޕޯޓު ގާއިމް ކުރުމުގެ މަޝްރޫޢުއަކީ 230.10 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއެކު 1812 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ. މީމު އެއާޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި ޓެކްސީވޭއެއްގެ އިތުރުން އޭޕްރަންއެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ މި ދައުރު ނިމުމުގެ ކުރިން އެ އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.