02 May 2012, 22:07
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުން އަންނަ ފިޤްހު އެކަޑަމީ އަލުން އެކުލަވައިލެއްވުމުގެ މަސައްކަތް، ވަޒީރުންގެ ސަބް ކޮމިޓީއަކާ ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފިޤްހު އެކަޑަމީ އަލުން އެކުލަވައިލެއްވުމާ ބެހޭ ގޮތުން މެންބަރުން ވާހަކަފުޅު ދައްކަވައި ވަޒީރުންގެ މަޖިލީހުން ދެއްވި ލަފާފުޅާ ގުޅިގެން ކަމަށެވެ.
ފިޤްހު އެކަޑަމީ އަލުން އެކުލަވައިލެއްވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވި ވަޒީރުންގެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އިސްލާމިކް އެފެއާޒް މިނިސްޓަރު އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި ހޯމް މިނިސްޓަރު ޑރ. މުޙަންމަދު ޖަމީލް އަޙްމަދާއި ހައުސިންގް މިނިސްޓަރު ޑރ. މުޙަންމަދު މުޢިއްޒެވެ.
ފިޤްހު އެކަޑަމީ އަލުން އެކުލަވައިލެއްވުމުގެ އެންމެބޮޑު ބޭނުމަކީ ދުނިޔޭގެ ތަފާތު ޤައުމުތަކުން އިސްލާމީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުން، ވެވަޑައިގެންނެވި ވަރަކުން އެކަޑަމީގައި ބައިވެރިކުރެއްވުމާއި އަދި ދުނިޔަވީ ޢިލްމުގެ ތެރެއިން ވެސް ވަކި ޚާއްޞަ ދާއިރާތަކަކުން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅުން، އެ އެކަޑަމީގައި ހިމެނުއްވަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދާއިރާތަކުން ބޭފުޅުން ހޮއްވަވާއިރު، އަންހެން ބޭފުޅުން ވެސް އެކަޑަމީގައި ހިމެނުއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ލަފާއެރުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އެ އެކަޑަމީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ބޭފުޅުން ހަމަޖައްސަވާއިރު، ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެވަޑައިނުގަންނަވާ، މުޖްތަމަޢުގެ ޤަދަރާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އިސްކަން ދެއްވުމަށް ވެސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.