10 Jul 2023, 14:31
ވޮޝިންޓަން (10 ޖުލައި 2023): ޗައިނާގެ މަގްސަދަކީ އެމެރިކާ ވައްޓާލުމަށްފަހު ދުނިޔޭގެ ބޮޑުބާރުގެ މަގާމު ހޯދުންކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ޗައިނާއިން ދުނިޔޭގެ ބާރުގެ ތިލަފަތް ޗައިނާކޮޅަށް ބުރަވާގޮތަށް ބޮޑެތި ރޭވުންތަކެއް ރާވައި އެކަމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވަމުން ބައިޑެން ވިދާޅުވީ ޗައިނާ މަސައްކަތް ކުރަމުން ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުގެ މަގާމު ހޯދައި އެމެރިކާ ދެވަނަ ދަރަޖައަށް ވައްޓާލުމަށްކަމަށާއި އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
އިގްތިސާދީ މައިދާނުގެ އިތުރުން އަސްކަރީ ގޮތުންވެސް އެމެރިކާއަށް ވުރެ ބާރުގަދަ ވުމަށް ޗައިނާ ވަރަށް ވަރުގަދައަށް މަސައްކަތްކުރާކަމަށް ބައިޑެން ވިދާޅުވިއެވެ. އަދި ޗައިނާގެ ބޭނުމަކީ އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ މިހާރުގެ ބައިނަލްއަގްވާމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބައިނަލްއަގްވާމީ މިހާރުގެ ނިޒާމުގައި އަމަލުކުރެވެމުންދާ ގޮތްތައް ބަދަލުކޮށް ބައިނަލްއަގްވާމީ އުސޫލުތަކާއި ގަވާއިދުތައް އަލުން އައުބައްޓަމަކަށް އިސްލާހުކޮށް ބައިނަލްއަގްވާމީ މަސްރަހުން އެމެރިކާގެ ބާރު ކަނޑުވާލުންކަމަށާއި މިއީ ޗައިނާކުރާ ގޯސްކަމެއްގެ ގޮތުގައި ބައިޑެން ސިފަކުރެއްވިއެވެ.
އެމެރިކާ މާކުރިންވެސްވަނީ އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ އަދި އެމެރިކާ ޑޮމިނޭޓްކޮށްފައިވާ މިހާރުގެ ބައިނަލްއަގްވާމީ ނިޒާމަށް ބަދަލުތައް ގެނެވޭނެ ހަމައެކަނި ގައުމަކީ ޗައިނާކަމަށް އެއްބަސްވެފައެވެ.
ލިތުއޭނިޔާގެ ވެރިރަށް ވިލްނިޔަސްގައި މާދަމާފެށޭ ނޭޓޯގެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޔޫރަޕަށް މިފެއްޓެވި ދަތުރުފުޅުގައި ލިތުއޭނިއާއަށް ވަޑައިގަތުމުގެ ކުރިން ބައިޑެން އެންމެ ފުރަތަަމަ ވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން އަށެވެ.
ލަންޑަނުގައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކާ އެކު ޔުކްރެއިން ހަނގުރާމައާ އަދި ދެގައުމުގެ ގުޅުންތަކާ އަދި ބައިނަލްއަގްވާމީ މަސްރަހާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ބައިޑެން ވަޑައިގަންނަވާނީ އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ އާ ބައްދަލުކުރެއްވުމަށްޓަކައި ޗާލްސްގެ ގަނޑުވަރު ކަމަށްވާ ވިންޑްސަރ (ވިންޑްސާ ކާސަލް) އަށެވެ.
ޗާލްސްގެ އަރިހަށް ބައިޑެން ކުރައްވަނީ އިހުތިރާމުގެ ޒިޔާރަތެކެވެ. އެއީ ޗާލްސް އިނގިރޭސި ރަސްކަމުގެ ތަޚުތަށް އިސްކުރުމަށްޓަކައި މިއަހަރުގެ ކުރީކޮޅު ބޭއްވި ރަސްމިއްޔާތުގައި ބައިޑެން ބައިވެރިވެވަޑައިގެންފައި ނުވާތީ ޗާލްސްއަށް މަރުހަބާ ދެންނެވުމުގެ ގޮތުންނެވެ.
ނަމަވެސް ޗާލްސްއާއެކު ބާއްވާ ބައްދަލުވުމުގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުންނާއި ތިމާވެށި ހިމާޔަތް ކުރުމާބެހޭގޮތުން ޗާލްސްއާއެކު މުހިންމު މަޝްވަރާތަކެއް ބައިޑެން ކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ. ލަންޑަނުން ފުރާވަޑައިގެން ބައިޑެން ވަޑައިގަންނަވާނީ ނޭޓޯގެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ލިތުއޭނިޔާގެ ވެރިރަށް ވިލްނިޔަސް އަށެވެ. ނޭޓޯގެ ސަމިޓް ފެށޭނީ މާދަމާ ހެނދުނުއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާގޮތަށް ރާވާފައިވާ މިސަމިޓްގެ އެޖެންޑާގައި ހިމެނޭ އެންމެ އިސް ކަމަކީ ރަޝިޔާއިން ޔޫކްރެއިން އާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ޔޫކްރެއިނަށް އަސްކަރީ އިތުރު އެހީތައް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމެވެ. ރަޝިއާ އަސްކަރީގޮތުން ބަލިކުރުމަށްޓަކައި ޔޫކްރެއިނަށް ސިޔާސީ ގޮތުން ތާއީދުކުރުމާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނޭޓޯ ދެމިއޮންނާނެކަން ކަށަވަރުކޮށް މިކަމާބެހޭ ބަޔާނެއް ނެރުމަކީ ސަމިޓްގެ އެޖެންޑާގެ ކުރީގައި ހިމެނޭކަމެކެވެ.
ޔުކްރެއިންއަށް ނޭޓޯއިން ކިތަންމެ ވަރަކަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތުފަދަ އަސްކަރީ އެހީތައް ދިންނަމަވެސް ރަޝިއާ ބަލުކުރެވޭނެ ކަމުގެ ޔަގީންކަން ނޭޓޯއަކަށް ނެތެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯޓެންބާގް ވަނީ ނޭޓޯގެ ޒަމާނީ ހަތިޔާރާއެކު ރަޝިއާ އާ ދެކޮޅަށް ޔުކްރެއިނުން ފަށާފައިވާ ކައުންޓަރ އެޓޭކުން ޔުކްރެއިންއަށް މާބޮޑު ކުރިއެރުމެއް ހާސިލު ނުކުރެވޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަނެއްކޮޅުން ޔުކްރެއިންގެ ކަމަކީ އެމެރިކާގެ އެފް 16ގެ ފައިޓާޖެޓް ނުލިބޭތީއާއި އިތުރު ބަރުހަތިޔާރުތައް ޔުކްރެއިން ބޭނުންވަރަކަށް ނުލިބޭތީ ނުވަތަ ލަސްވާތީ އެކަމާ ޝަކުވާ ކުރަމުންނެވެ.
ރަޝިއާއާ ދެކޮޅަށް ޔުކްރެއިނުން ފަށާފައިވާ ކައުންޓަރ އެޓޭކްގައި ޔުކްރެއިން ބޭނުންކުރާ ނޭޓޯގެ ޒަމާނީ ހަތިޔާރުގެ ބޮޑުބައެއް ރަޝިއާއިން މިހާރުވެސް ހަލާކުކޮށްލާފައިވާކަމަށް ޔުކްރެއިން ހަނގުރާމައާބެހޭ ޖާސުސީ ގިނަ ރިޕޯޓްތައް ބުނެއެވެ.
ނޭޓޯގެ ސަމިޓަށްފަހު ބައިޑެން ދެން ވަޑައިގަންނަވާނީ ދާދިފަހުން ނޭޓޯގެ މެންބަރުކަން ލިބުނު ނޯޑިކްގެ ގައުމެއް ކަމަށްވާ ފިންލެންޑަށެވެ. އެއީ ފިންލެންޑްގެ ވެރިރަށް ހެލްސިންކީގައި ބާއްވާ ނޯޑިކްގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއްގައި ޚާއްސަ މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ޓަކައި ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.