10 Jul 2023, 14:00
އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގައި ބައިވެރިވާ ބޭންކުތަކުން "ޕާޓިސިޕޭޝަން އެގްރީމަންޓް"ގައި ސޮއިކޮށްފިއެވެ.
މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ކުރިއަށްގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވިލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ އައިޕީއެސްގެ ފުރަތަމަ މަރުހަލާގައި ބައިވެރިވަނީ ތިން ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.
މި އެގްރީމަންޓުގެ މަގުސަދަކީ މި ސިސްޓަމުގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްގުތަކާއި އުފުލަންޖެހޭ ޒިންމާތަކަށް އެއްބަސްވުމެވެ.
އެމްއެމްއޭއިން ބުނީ ކުރިއަށް އޮތް ދެ ހަފުތާ ދުވަހުގެ ތެރޭގައި އައިޕީއެސް ޕައިލެޓް ޓެސްޓިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕައިލެޓް ޓެސްޓިންނަށް ފަހު ސޮއި ކުރި ބޭންކުތަކާ އެކު އައިޕީއެސްގެ ޚިދުމަތް ވީ އެންމެ އަވަސް މުސްތަޤުބަލެއްގައި ރައްޔިތުންނާ ހަމައަށް ތައާރަފު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
މިއަދު އެގްރީމަންޓުގައި ސޮއިކުރި ތިން ބޭންކުގެ އިތުރުން އިތުރު ބޭންކުތައް ވެސް ސިސްޓަމްގައި ބައިވެރިކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
ޕާޓިސިޕޭޝަން އެގްރީމަންޓުގައި ސޮއި ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަނަަރު އަލީ ހާޝިމް ވިދާޅުވީ މިއަދަކީ ވަރަށް ޚާއްސަ ދުވަހެއް ކަމަށެެވެ. އަދި މިއީ ކުރިއަށް ހާސިލް ކުރުން ހުރި ކަންކަމަށް ރަނގަޅު ފެށުމަކަށް ވާނެ ކަމަށް ގަވަނަރު ވަނީ ވިދާޅުވެފައެވެ.

ޕާޓިސިޕޭޝަން އެގްރީމަންޓުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގައި އެމްއެމްއޭގެ ގަވަނަަރު އަލީ ހާޝިމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ / އެމްއެމްއޭ
"މި މަސައްކަތް ފެށި ހިސާބުން ގިނަ ބަޔަކު ސުވާލު އުފެއްދި މިއީ ހުރިހާ ކަމަކަށް އޮތް ހައްލެއްތޯ. އަޅުގަނޑު ނުބުނާން މި ސިސްޓަމްގެ ސަބަބުން ހުރިހާ ކަމެއް ހައްލުވާނެއެކޭ. އެކަމުގެ މިއީ ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެޅުނު އިތުރު ފިޔަވަޅަކަށް ވާނެކަން ޔަގީން،" އަލީ ހާޝިމް ވިދާޅުވިއެވެ.
އައިޕީއެސްގެ ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށާއި އެމްއެމްއޭއިން މަަސައްކަތް ކުރަނީ މި ފެށޭ އޯގަސްޓް މަހުގެ ފަހު ހަފުތާގައި ލޯންޗުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ދިވެހިރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސެވެ. ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ގާއިމްކުރުމާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް ފަސޭހަކާމާއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގުފަހިވާނެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ޚިދުމަތްތައް ދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާ ހަަމައަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވޭނެއެވެ.