11 Jul 2023, 09:17
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތެއްގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ޖަވާން"ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.
ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލުމާއެކު ޝާހްރުކް ޚާންގެ ސަޕޯޓަރުން އުފާފާޅުކުރަމުން ބުނެފައިވަނީ މިފިލްމާއެކު ތިއޭޓަރުތަކަށް ވަރުގަދަ "ސުނާމީ"އެއް އަންނާނެ ކަމަށެވެ. މިހާތަނަށް ފިލްމާ ބެހޭގޮތުން ޢާއްމުންނާ ހިއްސާ ނުކުރާ ގިނަ ކަންތައްތަކެއް ދެ މިނެޓްގެ ޓީޒާއިން ބެލުންތެރިންނާވަނީ ޙިއްސާކޮށްފައެވެ.
ޝާހްރުކް ޚާންގެ އިތުރުން ސައުތު ސިނަމާގެ ގިނަ ތަރިންތަކެއް ފެންނަ މިފިލްމުގެ ޓީޒާއިން ބަތަލާ ދިޕިކާ ޕަދުކޯންގެ ޚާއްސަ ފެނިލުމެއްވެސް ދައްކައިދެއެވެ.
ތަމަޅަ ޑައިރެކްޓަރު އެޓްލީގެ މިފިލްމަކީ، ރެޑް ޗިލީޒް ކުންފުނީގެ ދަށުން ގޯރީ ޚާން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޝާހްރުކް ޚާން ފިލްމުގައި ޑަބަލް ރޯލްއިން ފެންނައިރު "ޖަވާން"ގެ ޓީޒާއިން ޝާހު ފެންނަނީވެސް ތަލަ މީހެއްގެ ގޮތުގައެވެ. ވަރުގަދަ އެކްޝަން ސީންތަކެއް ފެންނަ މި ޓީޒާ ޓްރެއިލާ ބެލުމަށްފަހު ޝާހުގެ ސަޕޯޓަރަކު ބުނެފައިވަނީ، ޝާހު އަބަދުވެސް ދެކެމުން އައި ހުވަފެން މިފިލްމުން ހަގީގަތަކަށް ވެއްޖެކަމަށެވެ. މި ސަޕޯޓަރުގެ ޕޯސްޓު އަމާޒުކޮށްފައިވަނީ ޝާހު ފުލުސް މީހެއްގެ ރޯލްއިން ޓީޒާގައި ފެނުމުންނެވެ.
ޑައިރެކްޓަރު އެޓްލީގެ ފުރަތަމަ ހިންދީ ފިލްމު "ޖަވާން"އަކީ، މިއަހަރުގެ ޖަނަވަރީ މަހު ރިލީޒްވި ފިލްމު "ޕަތާން"އަށްފަހު ސިނަމާތަކަށް އަންނާނެ ޝާހުގެ ފުރަތަމަ އެކްޝަން ތްރިލާއެވެ.
މީގެ ދެ އަހަރުކުރިން އިއުލާނުކުރި މިފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ނިންމާފައިވަނީ، މިދިޔަ މަހުގެ ދޭއްގައެވެ. އެހެންނަމަވެސް ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތްތައް ނުނިމި ލަސްވުމުން ފިލްމު ފަހުން ފަސްކުރެވުނީ ސެޕްޓެމްބަރު މަހަށް ރިލީޒްކުރުމަށެވެ. ފިލްމު "ޖަވާން"އަށްފަހު ޝާހްރުކް ބެލުންތެރިންނަށް އެންމެ އަވަހަށް ފެންނާނީ މިއަހަރުގެ ޑިސެމްބަރު 22ގައި ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ފިލްމު "ދުންކި"އިންނެވެ. މިއީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ.