މިއަދު ތައާރަފުކުރިވަންގަވްވިއުގައިގެ ތެރެއިން އެ މީހަކު ހުރި ތަނަކުން ކޮންމެ ވަގުތެއްގައި ވެސް ސަރުކާރުގެ ހުރިހާ އޮފީހަކުން ދެމުންދާ ޚިދުމަތްތަކަށް އެދިލެއްވޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެއް ޕްލެޓްފޯމެއްގެ ތެރެއިން ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ޚިދުމަތްތައް އާއްމުންނަށް ލިބޭގޮތަށް ތައްޔާރުކުރައްވާފައިވާ ވަންގަވް މިއަދު ރައީސް ވަނީ އިފުތިތާހް ކޮށްދެއްވާފައެވެ.

އެކަމަށްޓަކައި ސަލްޓަން ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ރައްޔިތުންނާ ގާތުން އަދި ލާމަރުކަޒުކޮށް ދައުލަތް ހިންގުމުގައި މިއަދަކީ މުހިންމު ފިޔަވަޅެއް ކުރިއަށް އެޅުނު ދުވަހެއް ކަމަށެވެ.

"ޑިޖިޓަލް ސަރުކާރަކީ ރަސްމީގަނޑި ނިމުމުން ދޮރު ބަންދުކޮށް ޚިދުމަތްތައް މެދުކަނޑާލާނެ ސަރުކާރެއް ނޫން. ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތްތަކަށް އެދެވޭނެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް މަގުފަހިވެގެން ދާނެ," ރައީސް ވިދާޅުވިއެވެ.

ވަންގަވް ނިޒާމަކީ ޒަމާނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ސަރުކާރުގެ ޚިދުމަތްތައް ލިބޭނެ ފަސޭހަ ނިޒާމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ވިއުގައިގެ ތެރޭގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި އިދާރާތަކެއް ހިމެނޭނެ ކަމަށެވެ.

"މިއަދު މި ތައާރަފުކުރާ ވަންގަވްއަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން. މި ސަރުކާރުގެ އެންމެ ޚާއްޞަ ސިފައަކީ ދިވެހި ސަރުކާރުގެ ފަރާތުން އެ މީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް އެ މީހަކު ހުރިތަނަކުން އެ މީހެއްގެ އިނގިލި ކުރިއަށް ތިލަވެގެން އައުން," ރައީސް ވިދާޅުވިއެވެ.

ޖަޒީރާ ރަށްތަކަށް އެކުލެވިގެންވާ ރާއްޖެއަކަށް ޑިޖިޓަލް ސަރުކާރެއްގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޑިޖިޓަލް ސަރުކާރެއް ދިވެހީންނަށް ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.

"ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް ބަލާއިރުގައި ވެސް ޑިޖިޓަލް ސަރުކާރެއްގެ މުހުންމުކަން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު," ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް ޒާމާނުންސުރެ ހުރި އުނދަގޫތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މާލޭގައި ހުންނަ ސަރުކާރުގެ އޮފީހަކުން ޚިދުމަތް ހޯދުމަށް ކަނޑު ހުރަސްކޮށް ރަށްރަށުން މީހުން އަންނަންޖެހޭ އައުން މިއަދު ނިމުމަކަށް ގެނެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށެވެ.

"ޑިޖިޓަލް ސަރުކާރު ހިނގައި ގަތުމުން ލިބޭ ފައިދާތަކެއް ވެސް އެބަހުރި. އެއްކަމަކީ މި ޑިޖިޓަލް ސްޓްރެޓިޖީގެ ސަބަބުން ކޮރަޕްޝަނުގެ ނޭއްގާނީ އަމަލުތަކަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދިއުން," ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ވަކިވަކި އޮފީސްތަކުގެ ނަންބަރު ހޯދައިގެން ގުޅުމުގެ ބަދަލުގައި ވަންގަވްގެ ހޮޓްލައިން 1500 އަށް ގުޅުމުން ސަރުކާރުން ދެމެން ގެންދާ ހުރިހާ ޚިދުމަތްތަކުގެ މައުލޫމާތު ފަސޭހަ ކަމާއެކު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.