ރައްޔިތުންގެ މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން މެޖޯރިޓީ އޮންނަ އެމްޑީޕީން ހުށަހެޅި ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ދަފްތަރަށް ބަދަލު އައީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން 13 މެންބަރަކު ވަކިވެ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރަކާއި އެހެން ޕާޓީއެއްގެ މެމްބަރަކު އެމްޑީޕީއާ ގުޅުމުންނެވެ. މަޖިލީސް ޑެޑްލޮކަށް ގޮސް، މި އަހަރުގެ ދެވަނަ ދައުރުގެ ފަހުކޮޅުގެ ގިނަ ޖަލްސާތައް ނުބޭއްވީ ވެސް ކޮމިޓީތައް އެކުލަވާނުލެވި އޮތުމާ ގުޅިގެންނެވެ.

ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނިންމުމުގެ ގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އެދިގެން ބޭއްވި ދައުރުން ބޭރު ދެވަނަ ޖަލްސާގައި ކޮމިޓީތައް އެކުލަވާލަން ފާސްކުރީ އެމްޑީޕީއަށް 62 ޕަސެންޓު ލިބޭ ގޮތަށެވެ. މިއީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް، މަޖިލީހުގައި ސިޔާސީ ޕާޓީތައް ނިސްބަސްވެފައިވާ ގޮތް ހަމައެއްކަމުގައި ބެލުމުން އެ ޕާޓީއަށް ލިބޭ އިންސައްތައެވެ.

މި ރިޕޯޓު ފާސްކުރަން 35 މެމްބަރަކު ވޯޓު ދީފައިވާއިރު، 13 މެމްބަރަކު ވަނީ ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.

މިގޮތަށް ކޮމިޓީތައް އެކުލަވާލަން ފާސްކުރީ މި ރިޕޯޓަށް އިދިކޮޅު މެމްބަރުން ހުށަހެޅި 10 އިސްލާހެއް ބޭރުކޮށްލުމަށް ފަހުގައެވެ.

ކޮމިޓީތަކުގެ ރިޕޯޓަށް އިދިކޮޅުން ހުށަހެޅި އިސްލާހުތަކަކީ މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ތާއީދުކުރާ މެމްބަރުންނަށް ނުދިނުމާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރާ ކޮމިޓީތަކުގެ މުގައްރިރުންގެ ގޮތުގައި އިދިކޮޅު މެމްބަރުން ކަނޑައެޅުމަށް ހުށަހެޅި އިސްލާހުތަކެކެވެ. މި އިސްލާހުތައް ފާސްކުރަން 13 ވޯޓު ލިބުނު އިރު، ދެކޮޅަށް 33 ވޯޓު ލިބުނެވެ.

ރިޕޯޓު ފާސްކުރެވުމާ ގުޅިގެން ޖިލީހުގެ ރިޔާސަތުގައި ހުންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ކޮމިޓީތަކުގައި ތިއްބަވާނެ މެންބަރުންގެ ނަންތައް މިރޭ 21:00 ގެ ކުރިން އެންގެވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްގެ ކިބައިން އެދިވަޑައިގެންފައެވެ.