02 May 2012, 21:59
އާ ހާބަރު ސަރަހައްދުގައި ހުރި ފިހާރައެއް ފަޅާލައިގެން ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާގެ އަގު ހުރި ސިނގިރެޓާއި ފޯނު ކާރޑުތަކެއް ވަގަށް ނެގި މައްސަލައާ ގުޅުން ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 24 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ. އޭނާ ހައްޔަރުކުރީ މި ދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އޭނާ ސިނގިރެޓް ވިއްކުމުގައި އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާ އަތުން 25 ކާޓޫން ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އާހާބަރު ސަރަހައްދުގައި ހުރި ފިހާރައެއް މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ފަޅާލައިގެން އެތަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ހަތަރު ކޭސް ކެމަލްލައިޓް ސިނގިރޭޓާއި 35 ކާޓޫން ކެންޓް ސިނގިރެޓާއި 45 ކާޓޫން ބެންސަން ސިނގިރޭޓާއި 100 ރުފިޔާގެ 120 ފޯނުކާޑާއި 50 ރުފިޔާގެ 100 ފޯނުކާޑުގެ އިތުރުން އެފިހާރައިގެ ވަތްގަނޑުގައި ހުރި ބައެއް ފައިސާ އާއި ރެޑްބުލް ދަޅުތަކެއް ހިމެނޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްްސަލަ އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.