ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގައި ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައްލަވަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ތަމްސީލް ކުރެއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކަންކަން ހިނގާ ދިޔަ ގޮތް ފާހަގަކުރައްވާފައެވެ.

އެގޮތުން ރައީސް ނަޝީދު ބޭނުންފުޅު ގޮތަކަށް މަޖިލިސް ހިންގަވަމުން ދިޔަ ނަމަވެސް މަޖިލީހަށް ސިފައިން ވަދެ ނުހުއްޓާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިދާޅުވީ، މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީގޮތުން ރައީސުލްޖުމްހޫރިއްޔާ ބައްލަވަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އަދި، މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލީހުގެ ރައީސްއަށް އިޚްތިޔާރު ލިބިގެން އޮންނަ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރު މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަންނަން އުޅުނީތީވެސް އެ މެންބަރުން ހައްޔަރުކޮށް ޖަލަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ހާލަތު މިއަދު ބަދަލުވެއްޖެ ކަމަށާއި، މާޒީގައި ހިނގާ ދިޔަ ކަންކަން ދެން ތަކުރާރު ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މި މޭރުމުން ވާހަކަފުޅުދައްކަވާފައިވާއިރު، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ ސީދާ ރައީސް ނަޝީދު ހުރަސްއަޅުއްވައި ބޭނުންފުޅު ގޮތަކަށް އަމަލު ކުރައްވާތީ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

އެގޮތުން، އެއީ މަޖިލީހަށް ހުށަހަޅާފައިވާ އޮތް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިއުމަށް ކުރައްވާ ކަމެއްގެ ގޮތުގައި އެމްޑީޕީން ސިފަ ކުރެއެވެ.