10 Jul 2023, 10:23
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް 604 ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެކަމާ ގުޅޭ ގޮތުން އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓު ފެށި ބަހައްޓާ ގޮތަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި 319 ފޮށި ބަހައްޓާއިރު 78 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ވޯޓު ފޮށި ބަހައްޓަނީ މާލޭގައެވެ. އެއީ މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ މީހުން ވޯޓުލުމަށާއި މާލޭ ރައްޔިތުން ވޯޓުލުމަށެވެ.
ވޯޓު ފޮށި ބަހައްޓާ ގައުމުތައް:
އިންޑިއާގެ ޓްރިވެންޑްރަމް އަދި ނިއު ދިއްލީ
- ސްރީލަންކާގެ ކޮލަމްބޯ
- މެލޭޝިޔާގެ ކުއަލަލަމްޕޫރު
- ސިންގަޕޫރު
- ތައިލެންޑްގެ ބެންކޮކް
- އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީ
- ޖަޕާނުގެ ޓޯކިޔޯ
- އިނގިރޭސިވިލާތުގެ ލަންޑަން
ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގެ ތެރެއިން ސްރީލަންކާގައި ހަތަރު ފޮށި ބަހައްޓާއިރު މެލޭޝިޔާގައި ހަތަރު ފޮށި ބަހައްޓާނެއެވެ. ދެން ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކޮންމެ ގައުމެއްގައި ވެސް ބަހައްޓާނީ އެއް ފޮއްޓެވެ.
ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ. އަދި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަންތަނުގެ ތަފުސީލް މިރޭ އީސީ އިން އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.