02 May 2012, 18:40
އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު އޮތް ކަމަށް ބެލޭނެ ޖާގައެއް ނެތް ކަމަށް، ޑރ. އިބްރާހިމް ދީދީ (ޑީޑީ) މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ޕާޓީގެ ރައީސް ޑީޑީ އާއި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގި މައްސަލައިގައި އިލެކްޝަންސް އިން އަމަލުކުރަމުންދާ ގޮތް ބެލުމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީޑީ ވިދާޅުވީ އިލެކްޝަންސްގައި ދަފްތަރު ކޮށްފައި ވަނީ އޮކްޓޫބަރު 29، 2010ގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސް އިން ފާސްކުރި އަސާސީ ގަވާއިދެއް ނޫން ކަމަށެވެ. އިލެކްޝަންސްގައި ދަފުތަރު ކުރެވިފައި ވަނީ "މާ ކުރީގެ" އަސާސީ ގަވައިދެއް ކަމަށް ޑީޑީ ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަންގައި ދަފްތަރު ކުރެވިފައިވާ އަސާސީ ގަވާއިދަކު ނެތް ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު އިތުބާރު އޮތްތޯ ބެލޭނެ ޖާގައެއް ވެސް. އަދި އަސާސީ ގަވާއިދެއްގައި ނެތް ޕާޓީގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވިދާނެ ކަމަށް،" ބައްދަލުވުމަށް ފަހު ސަން އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑީޑީ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ސަންއިން ފުއާދަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޑީޑީ ވިދާޅުވީ އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރި މައްސަލައިގައި ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ޕާޓީގެ ލީޑާޝިޕުން އެ ދެބޭފުޅުން ވަކިކުރުމުގައި އެކި ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަތައް އިންސާފުވެރި ގޮތުގައި ބެލުމަށް އިންކުއަރީ ކޮމިޝަނެއް އުފައްދާ އެކަށީގެންވާ ހައްލު ހޯދައިދެއްވުމަށް އިލެކްޝަންސްގައި އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ޕާޓީގެ އާންމު މެންބަރުން ވަރަށް ބޮޑު ކަންބޮޑުވުންތަކެއް، އަދި ތުހުމަތުތަކެއް ކުރާތީވެ، މިކަން އެންމެ އިންސާފުވެރި ގޮތުގައި ބައްލަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންކުއަރީ ކޮމިޝަނެއް އުފައްދަވާފައި، މިކަމުގައި އެންމެ އެކަށީގެންވާ ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު އެދުނިން. ކޮމިޝަނަރު [ފުއާދު] ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބޭއްވުމަށް ފަހުގައި އެންމެ އެކަށީގެންވާ ގޮތުގައި އެކަން ހައްލު ކުރުމަށްޓަކައި ކޮމިޝަނަށް ކުރެވެން އޮތްހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް،" ޑީޑީ ވިދާޅުވި އެވެ.
ޕާޓީގެ ރައީސް ޑރ.ޑީޑީ އާއި އަދި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ ކުއްލި މައްސަލަ ހުށަހެޅުއްވީ ރައީސް މުހަންމަދު ނަޝީދާ ގާތުން މަސައްކަތްކުރައްވާ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ އަމީން އާއްމު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. އަދި އެ މައްސަލަ އަށް ތާއީދު ކުރެއްވީ ރައީސް ނަޝީދުގެ އެންމެ ކައިރީގައި ގެންގުޅުއްވާ ރައީސް އޮފީހުގެ ކުރީގެ އެގްޒެކެޓިވް ސާވިސަސް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އެވެ. އެ ގަރާރު ފާސްވެފައި ވަނީ ޖަލްސާ އަށް ވަޑައިގަތް 70 މެންބަރުންގެ ތެރެއިން 69 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.