09 Jul 2023, 16:24
ޓެލްއަވީވު (8 ޖުލައި 2023): ބައިނަލްއަގްވާމީ ގޮތުން މަނާ ނުރައްކާތެރި ހަތިޔާރެއްކަމަށްވާ ކްލަސްޓާ ބޮން ނުވަތަ ކްލަސްޓާ މިޔުނިޝަންސް ޔުކްރެއިންއަށް ދިނުމަށް ނިންމުމަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން އެނިންމުން ދިފާއު ކުރައްވައިފިއެވެ.
މިކަމާބެހޭގޮތުން ބައިޑެން ވިދާޅުވީ ޔުކްރެއިންއަށް ކްލަސްޓާ ބޮން ދިނުމަށް ނިންމަންޖެހުނީ ވަރަށް އުނދަގޫ ނިންމުމެއްކަމަށާއި ނަމަވެސް ޔުކްރެއިންގެ ހާލަތު އޮތްގޮތުން އެގައުމުގެ ދިފާއުގައި އެނިންމުން ނިންމަންޖެހުނީ ކަމުގައެވެ.
ޔުކްރެއިން ހަނގުރާމައިގެ ކުރީކޮޅު ބައިޑެންވަނީ ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ކްލަސްޓާބޮން ބޭނުންކުރިކަމަށް ތުހުމަތުކޮށް އެއީ "ހަނގުރާމައިގެ ޖަރީމާ" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް އޭގެ އަހަރެއްހާ ދުވަސްފަހުން މިހާރު ރަޝިއާއާ ދެކޮޅަށް ބޭނުންކުރުމަށްޓަކައި އެބޮން ޔުކްރެއިން އަށް ދިނުމަކީ އެގައުމުގެ ދިފާއަށް ކުރެވޭކަމެއްގެ ގޮތުގައި ބައިޑެން އިއްޔެވަނީ ސިފަކުރައްވާފައެވެ.
ކްލަސްޓާ ބޮން ނުވަތަ ކްލަސްޓާ މިޔުނިޝަންސް އަކީ އިންސާނުން ގިނައަދަދަކަށް މެރުމުގެ ގާބިލްކަން ލިބިފައިވާ ވަރަށް ނުރައްކާތެރި ބޮމެކެވެ. އެއްބޮމުގައި އެތައް ސަތޭކަ ކުދި ބޮންތައް ހިމެނޭ އަދި އެކުދި ބޮންތައް ބުރަބުރައިގެންގޮސް ގިނަ ބަޔަކު މަރާލެވޭ އަދި ޒަޚަމްކޮށްލެވޭ ބޮމެކެވެ.
އެމެރިކާ ވަނީ އިރާގާއި އަފްޣާނިސްތާނުގައި ހަނގުރާމަވެރިންނާ އަދި އާންމުންނާ އަދި ކުޑަކުދިންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ކްލަސްޓަރ ބޮން ބޭނުންކޮށްފައެވެ. މިމައްސަލާގައި އެމެރިކާގެ އެދުވަސްވަރުގެ ވެރިންގެ މައްޗަށް ބައިނަލްއަގްވާމީ ގޮތުން ޝަރީއަތް ހިންގުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުންވަނީ ގޮވާލާފައެވެ.
ކްލަސްޓާ ބޮމަކީ އެއް ފަހަރާ ބޮޑު ސަރަހައްދަކަށް ހަމަލާދީ ގިނައަދަދެއްގެ ބަޔަކު މަރާލެވޭގޮތަށް ފަރުމާކޮށްފައިވާ ނުރައްކާތެރި ހަތިޔާރެކެވެ. އެންމެ ކްލަސްޓާ ބޮމެއް ބޭނުންކޮށްގެން ދޭ ހަމަލާއަކުން ހަތަރުވަރަކަށް ހެކްޓަރުގެ ސަރަހައްދެއްގައިވާ ގިނަބަޔަކު މަރާލުމުގެ ގާބިލިކަން ކްލަސްޓާ ބޮމަށް ލިބިގެންވެއެވެ.
އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކާ އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ފަނާކުރަނިވި ހަތިޔާރެއްގެ ގޮތުގައި އެބޮން ސިފަކުރަނީ މިހެންވެއެވެ.
ޔުކްރެއިންއަށް ކްލަސްޓާ ބޮން ދީފިނަމަ އެއަށްވުރެ ނުރައްކާތެރި ހަތިޔާރެއްކަމަށްވާ ވެކިއުމް ބޮން ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ބޭނުންކޮށްފާނެ ކަމުގެ ބިރުއެބައޮތެވެ.
ޔުކްރެއިންއަށް ކްލަސްޓާ ބޮންދިނުމަކީ ހަނގުރާމަ ފުޅާކޮށް ވަރުގަދަ ކުރުމުގެ ނުރައްކާތެރި އަމެލެއްކަމަށް ރަޝިއާ އިންވަނީ ސިފަކޮށްފައެވެ.