02 May 2012, 16:40
މިދިޔަ ހޯމަ ދުވަހު ގުރޫޕަކުން ބ. ކަމަދުއަށް އަރައި އެ ރަށު ބައެއް މީހުންނަށް ބިރު ދައްކައި ގޭގެ އާއި ފިހާރަތަކުން ކައި ބޮއި ހަދައިގެން ފިލައިފި އެވެ.
ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު މިއަދު ވިދާޅުވީ ރ. ދުވާފަރަށް ނިސްބަތްވާ، ހުއިފިލަޑާ އަށްދާ ދެ ދޯންޏެއްގެ ދެ މީހަކު އެ ދުވަހު ހަވީރު ރަށަށް ފައިބައި ބައެއް މީހުންނަށް ބިރު ދެއްކުމަށް ފަހު ކެފޭތަކުން ކައިބޮއި ހެދުމަށް ފަހު ލާރީ ނުދީ ރަށުން ފައިބައިގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގޭގެއަށް ވަދެ މީހުންނަށް ބިރުދެއްކުމަށް ފަހު ކައްކާފައި ހުރި ބައެއް ކާނާ ވެސް އެ މީހުން ކައިހެދި ކަމަށެވެ.
"އެދެ މީހުން ހުރީ މަސްތުވެގެން، އެމީހުން ވަނީ ގޭގެއަށް ވަދެ ބިރުދައްކާ އެރަށު އަންހެން ކުދިންގެ ނަމްބަރު ދޭށޭ ބުނެ ހަދާފަ، އަދި އެމީހުން ގޭގެގައި ކައްކާފައި ހުރި އެއްޗެތި ވެސް ވަނީ ކައިހަދާފައި. އަދި ފިހާރަތަކުންނާއި ކެފޭތަކަށް ވަދެ ކައިބޮއި ހަދާފައި ލާރި ނުދީ ފިލާފައި ވަނީ،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށު މީހުނަށް އެކަމުގެ ހަބަރު ލިބުމާ އެކު ގޮސްބެލި އިރު އެ މީހުން ފުރާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.